ހާލުގައި ޖެހުނު މީހުން ވަގުތީ ހިޔަލަށް ބަދަލެއް ނުކުރޭ، ޑިޒާސްޓާ މެނޭޖްމެންޓުން ގެއްލުން ބަލަނީ

ހުޅުމަލޭގައި އަލިފާން ރޯވި ރޯ ހައުސް ކައިރިއަށް މީހުން އެއްވެފައި --- ސަން ފޮޓޯ

އިއްޔެ ހުޅުމާލޭ ރޯ ހައުސެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެތާނގައި ދިރިއުޅެމުން ދިޔަ އާއިލާއިން ވަގުތީ ހިޔަލަށް ބަދަލު ނުކުރާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން މިއަދު ބުނެފިއެވެ.

ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުގެ ފަރާތުން "ސަން"އަށް މައުލޫމާތު ދެއްވި މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާގައި ގެއްލުންވި އާއިލާއިން ވަގުތީ ހިޔާ ބޭނުން ނުވި ކަމަށާއި އެމީހުން އަމިއްލައަށް އާއިލާގެ ތެރެއިން އެކަން ހަމަޖެއްސީ ކަމުގައެވެ.

އޭނާ އިތުރަށް ވިދާޅުވީ ރޯ ހައުސްއަށް ލިބިފައިވަނީ ކިހާ ވަރެއްގެ ގެއްލުމެއްކަން ބުނެދޭން ނޭނގޭ ކަމަށެވެ. އަދި އެކަމާއި ގުޅޭ އެސެސްމެންޓް ހަދަން ފެށޭނީ މި ފެށޭ ހަފްތާގައި ކަމުގައިވެސް ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން މައުލޫމާތު ދެއެވެ.

ހުޅުމާލޭގެ ރޯހައުސެއްގައި ރޯވެ އަލިފާނުގައި ހާދިސާ ހިނގައިފައިވަނީ އިއްޔެ ހަވީރު ހަތަރެއް ޖެހިއުރެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު އެމްއެންޑީއެފްއިން ވަނީ ބައިގަޑި އިރެއްހާއިރު ތެރޭގައި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައެވެ.

އެމްއެންޑީއެފްއިން ބުނީ ރޯވީ ހުޅުމާލެ ހިތިގަސްމަގުގެ ހަވަނަ ގޯޅީގައި ހުރި ރޯ ހައުސެއްގެ ތިން ވަނަ ފަންގިފިލައިގައި ކަމަށެވެ. އެގެއަށް ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލެއް އަދި ނޭންގެއެވެ.

މިއީ އިއްޔެ ހުޅުމާލޭގައި ހިނގި ތިން ވަނަ އަލިފާނުގެ ހާދިސާގެ ތެރެއިން ދެވަނަ ހާދިސާއެވެ.

comment ކޮމެންޓް