އިބްރާހިމް އަލް ނަޚައީ ވިދާޅުވިއެވެ. "މިސްކިތަކާއި އަވަށްޓަރި ގެއެއްގައި ދިރިއުޅޭ މީހަކުގެ މުނާފިގުކަން އެނގުމުގެ އެއް ގޮތަކީ އެ މީހަކު މިސްކިތުން ފެނުމެވެ."

***

އިރުއޮއްސެމުން ދިޔައިރު ފަޅުގޭގެ ތެރޭގައި ހުރި ގަހަކަށް ކުކުޅުތަކެއް ނިދަން އެރިތަން ފެނުމުން ސަލާރުއަށް މަޖާވިއެވެ. އޭނަ ފާރުމަތީގައި އެއްފައި ދަމާލައިގެން އަނެއް ފައި އެލުވާލައިގެން އިނދެ ސުޕާރީ ޕެކެޓެއް ކަނޑާލިއެވެ. އޭނަގެ ބުޅާ ފުންމައިގެން އައިގޮތަށް އެތަން މިތާ މޫނު ކާއްތާފައި އުނގުގައި ހަމަޖެހިލިއެވެ. ސަލާރު އެސޮރުގެ ބޮލުގައި ފިރުމަމުން ދިޔައީ ދަރިއެއް ފަދައިންނެވެ.

ކުއްލިއަކަށް އެތަނަށް މަޑުކޮށްލި ކާރުން ފޭބި ދެމީހަކު ފެނުމުން ސަލާރުގެ މެޔަށް ފިނިވިއެވެ. އެއީ އޭނަ ދެކެފާނެކަމަށް އުއްމީދުކުރި މޫނެއްވެސް ނޫނެވެ. އޭނަގެ ދޮންތަބެ ކަމަށް ޔަގީންކޮށްގެން ހުރި ޑޮކްޓަރ އައިމަލްއާއެކު ދެން އެ ފޭބި އަންހެންކުއްޖާގެ މޫނުގެ އަލިކަމުން އެ ކަޅު ރޭގަނޑުވެސް އަލިކޮށްލިހެން ހީވިއެވެ. ކަޅުވިލާތަކުގެ ތެރެއިން ހަނދު ފެނިލީއެވެ. އެހެންނޫނަސް ސަލާރު ނުފެންނަ ތާކިހާ އަޅައިގެން އިންފަދައެވެ. އެމީހުންގެ ނަޒަރުގައި އޭނަ އަޅައިނުގަތްކަން ޔަގީންވުމާއެކު ފަހަތަށް ސޮއްސައިލިގޮތުން ނަސީބަކުން ޖެހުނީ ދޮންވެލި ފުންޏެއްގައެވެ. ގުދާރު ބިންދައިގަނެގެން ރުއްގަލު ބޭސްކުރުވާ ވަރެއްނުވިއެވެ. އޭނަގެ ބެލާ ކިހިލީގައި ޖެހިގޮތަށް ދުވެގޮސް ތިރިކޮށްލެވުނީ ކުކުޅުތައް ފަނަށް އެރި ގަސްބުޑުގައެވެ. އޭރު ހިތް އަވަސްވެ ހަށިގަނޑު ފިނިވެ ނޭވާ ނުލެވިފައެވެ.

***

އައިމަލްއާއި އަލާޔާގެ ކައިވެނި ކުރެވުނީ ކޯޓުގައެވެ. އެއަށްފަހު އޯޓަމްވިއުގައި ކުޑަ ސަޔެއް އޮތެވެ. މާޒިންއާއި މަހާ ފުރުވަން އެއާޕޯޓަށް ގޮސްފައި އައިގޮތަށް އައިމަލް އެދުނީ ޕެކްކުރުމަށެވެ. އެހެން މީހެއްގެ ހިޔާވަހިކަމުގައި ހުންނަން އޭނަގެ ފަޚުރު ތަނެއް ނުދިނެވެ. އޭނަ ކުއްޔަށް ހިފާފައިވާ ގެ ތަންކޮޅެއް ދުރު ނަމަވެސް ކާރު އޮތުމުން ވަޒީފާއަށް އައިސް ގޮސް ހެދުމުގައި ދަތްޗެއް ކުރިމަތިނުވާނެއެވެ. އައިމަލްއޮތީ ހުރިހާ ކަމެއް ރާވާފައެވެ. ދަރިފުޅު ބެލޭނީ ދެމީހުން ދެ ޝިފްޓް ހެދީމައެވެ. އޭނަ ޚާއްސަ ޑޮކްޓަރަކަށްވީމަ އޭނަ މަސައްކަތްކުރާނީ ހެނދުނު ފަޅީގައެވެ. އަލާޔާ ހަވީރު ޑިއުޓީއެވެ. އޭރުން ހަނާއަށް ކޮންމެވެސް އެކެއްގެ ބެލުން ދަށުގައި ހުރެވޭނެއެވެ.

އަލާޔާ ޔަގީންކުރީ އޭނަގެ އާ މަންޒިލް ހުރިހާގޮތަކުން ހުވަފެނީ ވާނެ ކަމުގައެވެ. އެ ގެ ދެކޭހިތުން ހިތް ބޭގަރާރުވިއެވެ.

ކާރުން ފޭބުމާއެކުގައިވެސް ފާރުމަތިން ހަރަކާތެއް ފެނުނުހެން ހީވިއެވެ. މީހަކު ސޮއްސައިލިފަދަ ކަމެއް ލޮލުކޮޅުން ފެނުނެވެ. އޭރު އައިމަލް ޑިކީ ހުޅުވާފައި ދަބަސްތައް ގެއަށް ވެއްދުމުގެ މަސައްކަތުގައި އުޅޭތަން ފެނުނެވެ. ފާރުމަތިން ބުޅަލެއް ފުންމައިލީކަމަށް ވެދާނެކަމަށް ބުނެ އޭނަ ހިތްހަމަޖައްސާދިނަސް މި ގެއާއިމެދު އޭނަގެ ހިތް ހަމަޖެހޭނެ އެއްވެސް ގޮތެއް ނެތެވެ. މެދުގޯތީގައި ބޮޑެތި ގަސްތަކާއި ގަސްބޮނޑި އަދި ދިގުވިނަތައް ހެދިފައި އޮތްގޮތުން ވީރާނާވެފައި އޮތް ތަނެއްކަމަށް ދައްކައެވެ. އާސާރީ ގެއެކެވެ. ފައި ވާޅުވާ ފަހުން ނޫނީ ގެއާއި ހަމަޔަށް ނުފޯރާހާ އެތެރޭގައި ހުރި ހަވޭލިއެއްފަދަ ބޮޑު ގެއެކެވެ. އަނދިރި ތެރެއަށް ގެނބިފައިވާއިރު ފިލްމުތަކުން ފެންނަ ހަންޑި އަވަލާފައި ހުރި ތަނެކޭ ތަފާތެއް ނެތެވެ. އަލާޔާ ވަގުތުން ފޫހިވިއެވެ.

ކާރުގެ ފަހަތު ސީޓުގައި އޮތް ހަނާ ނަގާ ކޮނޑަށްލުމަށްފަހު އޭނަ ހިނގައިގަތެވެ. ނޭފަތުގައި ޖެހުނީ ނުބައި ވަހެކެވެ. ކުކުޅު ނަޖިހުގެ ވަހެވެ.

"ކޮން ވަހެއް އެދުވަނީ؟"

"ބަބުރުވަސްތަ؟ އަލާޔާ ފެންނުވަރާ ދޯ ހުރީ..." އައިމަލްގެ ޖުމްލައިން އަލާޔާ ނަރުގަނޑުގައި ޖެހުނެވެ.

"ކުކުޅު ގުއި......"

"ހެހެ...މާދަން ސާފުކުރުވާނީ. ދެން މިގެ ފަޅަށް ހުއްޓާ މަށަށް ފެނުނީމަ ހަމަ ވަގުތުން ލޮލުގައި އަޅައިގަތީ. އަބަދުވެސް މިފަދަ ތަނެއް ބީޗްކައިރިން ހޯދަން ޝައުގުވެރިވަމުން އަންނަނިކޮށް މި އާސާރީގެ ފެނުނީމަ ކަމުހިނގައްޖެ. އަދި ގަސްތައް ގިނަވީމަ ކިހާ ނެޗުރަލް..." އައިމަލްގެ ހުދުދަތްތައް އަނދިރިިކަމުގެ ތެރެއިން ފެނިލިއެވެ.

"ހޫމް......ނޭޗާ ޕާކެއްގައި ކޭމްޕްކޮށްގެން ތިބުމާއި ތަފާތެއްނުވާނެ.. އެނީވޭސް އައިމަލްއަށް ކަމުދަންޏާ ހަމަ އޯކޭ ހެހެ....." އަލާޔާގެ ގައި ހިރުވައިގަތެވެ. ސޫފާ ސޫފީގެ ތޫނު އަޑުވެސް ފަޒާގައި ހިފައިލިއެވެ.

އައިމަލް ސޯޝަލްމީޑިއާއަށް އެއްވެސް ފޮޓޯއެއް ނުލާން އެދިފައި ދިން ދަރުސް އަޑުއަހަން ފެށުމާއެކު އަލާޔާ ނިދިޖެހިގެން އެއްލިގެންވެސް ދިޔައެވެ. ކުއްލިއަކަށް ފުންމައިގެން ތެދުވެފައި އާފުރިލިއެވެ. ރޯގާޖެހޭވައްތަރު ވެގެން ސެޓްރިޒިން ގުޅައެއް ކައިލުމުން ނިދިބަރުކައިގެންފާ އިނީކަމުގައި ބުނެލިއެވެ. އިރުގަނޑެއްފަހުން ނިދި ހާލިވެ އޭނަގެ ނިދި ދިޔައީ ކޮން ގެލެކްސީއަކަށް ބާވައޭ ހިތަށް އެރިއެވެ.

"ތި ހޮސްޕިޓަލުގައި ހާފިޒާއިން ގިނަކަމުން މަ ހައިރާންވި..."

"ވަޓް؟ ދެން ކޮންބަޔެއް.. ނުދެނެހުރިން."

"އަލާޔާ ހީކުރީ އަލާޔާ އެކަނިކަމަށް ދޯ.......ހަހަ......ޔާނާވެސް ބުނި އޯލްމޯސްޓް ހުރިހާ ފޮތެއް ދަސްވެއްޖެއޭ..."

"އަސްތަޣުފިރުﷲ ﷲ އަކްބަރު ސުބުހާނަﷲ.....މަ ހައިރާންވެއްޖެ. ޔާނާ އެއްކަމަކު އެހާ ދޮގުހަދާކަށް ނުވާނެ..އޭނަ ދޮގު ހެދީމަ ގަބޫލުކުރަން ޔޫ އާ ސޯ ނައީވް....ސޯ އިނޮސެންޓް. ހަމަ އެންޖެލްއެއް ހެން ތި ވިސްނުން ސާފު. ބުނެފާނަން ތެދު ވާހަކައެއް. ޔާނާ ގުރުއާން ދަހެއް ނޫން. އަލްހަމްދު ދަސްކަމާއިމެދު ވެސް ޝައްކު....................."

"ޑެވިލް އިންނަށް ދޯ އަސްލު އެގޮތަށް މީހުން ދޮގުހެދިޔަސް އެނގޭނީ.......ހޫމް ދެން އަހަރެން ޝަރުތަކަށް އެހެން ބުނިއިރު ހިޔެއް ނުކުރަން އެހާ ގިނަ ކުދިން ގުރުއާން ދަސްވާނެކަމަށް. ކުއްލިއަކަށް އެންމެންހެން ހާފިޒާއިންނަށް ވީ..ހެހެ................." އައިމަލްގެ ބެލުމުން އަލާޔާއަށް އެއްޗެއް ދޭހަވާގޮތެއް ނުވިއެވެ.

"އައިމަލް އެހެންބުނީމަ އެންމެން ދޮގު ހެދީ...."

"އަލާޔާ ނޫނީ ތެދުވެރިއެއްނެތް...." އައިމަލް ބުނިގޮތުން އަލާޔާގެ އަތްފައި ފިނިވެލިއެވެ. އައިމަލްއަށް ހަގީގަތް އެނގިގެން މަލާމާތްކުރީ ނޫންކަމެއްވެސް ނޭގެއެވެ.

އެރޭ އަލާޔާ އެނދުގައި އޮތީ ދެއަތަށް ފުރޮޅި ފުރޮޅިއެވެ. އޭނަގެ ކާވެނީގެ ފުރަތަމަ ރޭވެސް މިއޮތީ ލޮލުގައި ކަރުނަ ގިނަވެ އައިމަލްއާއިމެދު ޝަކުވާ ފުނި ފުންޏަށް ޖެހިފައެވެ. އައިމަލްއަކީ އޭނަގެ ފަޚުރެވެ. އޭނަގެ އުފަލެވެ. އެހެން މީހުންގެ ފަރާތުން ބަދަލު ހިފާ ދެރަކޮށްލަން އޭނައަށް ލިބުނު ހަތިޔާރެވެ. ނަމަވެސް ސޯޝަލް މީޑިއާއަށް ފޮޓޯތައް ނުލެވެންޏާ ހިތްހަމަޖެހޭނީ ކޮންގޮތަކުންހެއްޔެވެ؟ އައިމަލް ބުނީ އެސްފީނާ ޖެހޭނެކަމުގައެވެ. އަޅުވެރިކުދިން ތިބޭނީ ފޮރުވިގެންނެވެ. ދީނުގައި އަންހެންކުދިންނަކީ ރަންމުތްކަމުގައެވެ. އޭނަ އެކަމެއް ގަބޫލެއްނުކުރެއެވެ. އޭނަ ދެކޭގޮތުގައި އުފަލަކީ އެހެންމީހުންނަށް އޭނަ އުޅެނީ އުފަލުންކަން އެންގުމެވެ. އޭނަގެ އުފަވެރި ދިރިއުޅުން ފެނި އެހެން އަންހެނުން ހަސަދަވެރިވެ ދެރަވެގެން އުޅުމެވެ. އެހެން މީހުންނަށް އޭނަ އުޅެނީ ކިހާ ލޯބިންކަން އެނގުމެވެ. އޭނަގެ ފިރިމީހާގެ ރީތިކަމާއި ޑޮކްޓަރެއްކަންވެސް އެންގުމެވެ. އައިމަލްއާއި ރުޅިވެވޭނެ ގޮތެއްވެސް ނެތެވެ. ކޮންމެ ހާލެއްގައިވެސް އުޅެން އެބަޖެހޭވިއްޔާއެވެ.

***

ސަލާރު ގެއަށް ވަނުމާއެކު ސަމަރު ހުރިތަނަށް ހޮޑު ދުއްވާލައިފިއެވެ. ދޮރުކަނީގައި އިށީދެލައިގެން އިން ސަކީނާގެ ދައްތަ ރެކިދިޔެއަށް ސަލާރުގައިން ދުވީ ކޮން ވަހެއްކަން ވަގުތުން ފާހަގަކޮށް މައްސަލަ ޖައްސައިގަތެވެ.

"ޔަގީނޭ ކުކުޅުފަން ދަށަށް ވަދެ ކިރިތާލި ގޫ ފުންޏަކަށް އަރާފައި އެއިން ފެންވަރާލައިގެން ކޮއްކޮ އެއައީ...." ރެކިދިޔެގެ ޖުމްލައިން ސަލާރު ލޯބޮޑުކޮށްގެން ހުރެ ގައިގެ އެތަންމިތާ ވަސްއަހަން ފެށިއެވެ. އޭނަގެ ނޭފަތުގައިވެސް ނުބައި ވަހެއްޖެހުނެވެ. ރަގަޅަށް ބަލައިލުމާއެކު ސަލާރުގެ ލޯ ބޮޑުކޮށްލުމާއެކު ފާރުގައި ދެއަތުން ތަޅައިގަނެވުނެވެ. އެހާވަރުން ގަތްޖިންސާއި އާ ކްލައުޑް ނައިން ބޫޓުގައިވެސް ކުކުޅު ނަޖިހެވެ.

"ހަމަ ވަގުތުން ނިކުމެ ހުރިހާ އެއްޗެއް ބާލާފައި ގޯންޏަކަށް ލާފައި މޫދަށް އެރި ފެންވަރާލައިގެން ނޫނީ ގެއަކަށް ނުވަދެވޭނެ..." ސަމަރު ނޭފަތުގައި ޝޯލް އަޅައިގެން ހުރެ ލޯ ވަށްކޮށްލައިފިއެވެ. "ކީއްކުރަން އެގޭ ވަލުތެރެއަށް އެރެންވީ؟ ދެން އަންހެންކުއްޖެއްހެން ސަލާރު އަބަދު އުޅޭތީ މީހުން ޖޯކަރަކަށް ހަދައިގެން އުޅޭއިރުވެސް މެޗުއާ ވާކަށް ނޫޅެ. ކުކުޅު ފަނަށް އަރާތަން ބަލަމުންގޮސް ސަލާރުވެސް ފަނަށް އެރީ ދޯ....."

"ފަނަށް އަރާ މަންޒަރު ބަލަން ދިޔައީމަ ދިމާވީ މާ ވަރުގަދަކަމަކާއި....." ސަލާރު ނިކުމެ ޓީޝާޓު ބާލާފައި އެއްފަރާތަކަށް އެއްލާލައިފިއެވެ." ޑޮކްޓަރ އައިމަލްއާއި އޭނަގެ އަންހެނުން........އަދި ދަރިފުޅު ފެނިއްޖެ......"

"ކީކޭ........" ސަމަރުގެ މޫނު ހުދުވިގޮތުން ހަންޑިއެއް ފެނުނަސް އެވަރު ނުވީސްކަން ޔަގީނެވެ.

"މްމް..އައިމް ނޮޓް ޝުއާ..ވެދާނެ އޭނަގެ ކޮއްކޮމެން ކަމަށް.. އައި ތޯޓް އައިމަލްއަކީ ދޮންތަގެ ބޯއިފްރެންޑްކަމަށް....." ސަލާރުގެ ޖުމްލައާއެކު ސަމަރުގެ މޫނުގެ ކުލަ އިއާދަވިއެވެ.

"އެހެން އެކަން އޮތީ. އެކަމަކު ސަލާރުގެ އެކްސް އަހަރެމެންގެ ދޭތެރެއަށް ފުންމައިލީ. އޭނައާއި ވާހަކަދެއްކުނުކަމ ީޅައިރު ކުރެވުނު މޮޔަކަމެއް ދޯ ސަލާރު.....އެކަމާ ނުވިސްނާ. އަސްލުވެސް އެ އަންހެނާއަކީ ހަމަ ރަންޑިއެއް. ފެންނަ ކޮންމެ މީހަކާ ހިތާވާނެ. އެކަމަކު މިފަހަރު ރިވެންޖް ނަގާނަން..އެ ބަބުރު މަންޖެ...."ސަމަރު އެއްލިގެން ކަހަލަގޮތަކަށް މޫނު އަނބުރާލާފައި ބާރަކަށް ހިނގާލާފައިގޮސް ދޮރުން އެތެރެއަށް ވަނެވެ.

ނަސީބަކުން އެވަގުތު އިންޒާރަކާއި ނުލާ ވެހިގަތް ވާރެއިން ސަލާރު ތާޒާވެލިއެވެ. އޭނަ ހިތުންނެވެ. ސަމަރު ވަކިންބޮޑަށް އަލިފާންވިއެވެ. މުޅި މެދުގޯތްޗަށް އޭނަގެ ގައިގާ ހުރި ނަޖިހުގެ އަސަރު ކުރުވާ ނުބައި ވަސް ފަތުރައިފިކަމުގައި ބުނެ އޭނަގެ މަންމައަށްވެސް ގުޅިއެވެ. ސަމަރު ދޫނިތަކުގެ ތެރެއިންވެސް އެންމެ ރުޅި އަންނަ ބިރު ގަންނަ އެއްޗަކީވެސް ކުކުޅެވެ. އޭނަ ކުކުޅު މަސްނުކާ ހުއްޓައިލި ސަބަބަކީވެސް ކުޑައިރު ހިނގި ހާދިސާއެކެވެ. ފީ ކުކުޅެއް އޭނަގެ ގަޔަށް އަރާ އޭނަގެ ގައިގެ އެތަން މިތާ ލޭކޮށައިލިއެވެ. އޭނަ ލޯ މުދުނަށް އަރައިގެން ދުއްވައިގަތްގޮތަށް ގެއަށް ވަދެވުނުއިރު ނުވާކަށް ކަމެއްނެތެވެ. އެފަހުން ސަމަރުގެ އެންމެ ބޮޑު ދުޝްމަނަކީ ކުކުޅު ހާލެވެ.

***

ސަލާރު ފެންވަރާ ތާޒާވެގެން އެނދަށް އެރިއިރުވެސް ވާރޭގެ ބޮޑެތި ތިކިތައް ފުރާޅުގައި ޖެހޭ އަޑުއިވުމުން އެކަމާއިމެދު ވިސްނަން އޮވެފައި ލަވައެއްގެ ލަފުޒުތައް ހިތުގައި ސިކުނޑީގައި ހިނގައިގަތެވެ

"ލަވައާއި މިއުޒިކަކީ މަގޭ ޕެޝަން...." ސަލާރުގެ ޖުމްލަ ދޭހަވުމުން ހިތްހަމަނުޖެހިގެން އޭނަގެ ފައިދަށުގައި ރަޖާތެރޭ ފޮރުވިގެން އޮތް ބެލާ އަޑެއް ލައްވައިލިއެވެ."ނޯ ވޮރީސް ލަވް. ބެލާއަށްވުރެ މުހިއްމު އެހެން އެއްވެސް އެއްޗެއް ނެތް....."

ސަލާރު ކަންފަތުގައި ހެޑްސެޓް އެޅިއެވެ.

މިއުޒިކް ކުޅުނަސް ލަވަކިޔުންތެރިއަކަށްވިޔަސް އަހަރެން ގުރުއާންވެސް އެބަ އަހަން. ދެން މިއުޅޭ ސޭޚުންތައް އެހެން ބުނަނީ ކީއްވެ؟ މިއުޒިކް ހަރާމޭ ބުނަނީ ކީއްވެ؟ އެހެން ބުނާ ޝޭޚު ޖުއްބާ ދަށުން ހަތަރު ފައި ފެނިގެން މަގޭ އެކުވެރިއެއްވެސް ބުނި. ގޮރިއްލާއަކަށް ދޫނުކުރާހާ އިސްތަށި ގިނަ ދެފަޔާއި ވެކްސްކޮށްފައި ހުރި ދެފަޔޯ.......މައި ފުޓް......"ސަލާރު ބޯދަށަށް އަތް ލައްވައިގެން އޮވެފައި ހިނިގަނޑެއް ޖަހައިލިއެވެ. ހަތަރުފައި ޚިޔާލަށް ގެނެވުނީއެވެ.

"މިމީހުން ކިޔަވާ ރާގަށްވުރެ ރީތި ރާގަކަށް މަ ގުރުއާން ކިޔަވާފައިވެސް ޔޫޓިއުބަށް ލާނަން..އެނގިދާނެތާ."ސަލާރު ލުހައިދާންގެ ގުރުއާން އަހަން ފަރުވާތެރިކަމާއެކުގައި އޮތެވެ. ދުވަސްކޮޅަކުން ލަވަކިޔުންތެރިންނަށްވުރެ ގާރީންގެ ނަން އޭނައަށް ފަސޭހައިން އެނގޭނެކަން ނޭގެއެވެ.

***

ސަމަރު އޮފީހުން ނިކުމެގެން އަންނަތަން ފެނިފައި އަލާޔާގެ ގައިގާ އަލިފާން ރޯވިއެވެ. ހަގީގަތުގައިވެސް ސަމަރު މިތަނުން ވަޒީފާ ހޯދީ އޭނައަށް ޖެއްސުމަށް ހެއްޔެވެ؟ އޭނަ އައިސް އަލާޔާއާއި އަރާ ހަމަކުރިއެވެ.

"އަހަރެމެން ދެމީހުން އެކީ ވޯކްކުރަން މިޖެހުނީ. މިއުޗުއަލް އަންޑަސްޓޭންޑިން އެއް އޮންނަންވާނެ ދޯ. ކެޓްފައިޓް ކުރި ޒަމާން ހިނގައްޖެ. އަހަރެން ސައިކޭޓްރިކް މައްސަލައެއް ހުރީމަ ޔޯ ހަޒްބެންޑްގެ އޯޕީޑީގައި ވޯކްކޮށް ލިބޭ ފްރީ ޓައިމްގައި ތެރަޕީ ނަގާގޮތަށް ސީއީއޯ ހަމަޖައްސަވާފައި އޮތީ. އެހެންވެ ކުރީބައިގާ މި އެންގީ..ޕްރޮފެޝަނަލްކޮށް ބިހޭވް ކުރުން ނޫންގޮތެއް ނެތް...ސޮރީ ޑިއަރ.."ސަމަރު މާސްކު ތިރިކޮށްގެން ހުރިއިރު ތުންފަތުގައި ލާފައި ހުރި ވިދާ ކުލައަކުން އޭނަގެ ލޮލަށް އުދަގޫވިއެވެ.

"ޔަޕް ...ޑޮކްޓަރ އައިމަލްގެ ޕޭޝަންޓުންނަށް ގަދަރުކުރަން. ހީޒް ދަ ބެސްޓް ސައިކޭޓްރިސްޓް.......ވަރަށް ޕްރައުޑްވޭ އެންމެންގެ ތެރެއިން އޭނަ ޗޫޒްކުރީމަ.."

"ޝަޓަޕް އަލާޔާ އަދްނާން. ކަލޭ ކޮންމެހެން މަކަރުވެރި ވާހަކަ ދައްކާނެކަމެއް ނެތް. އަހަންނަށް އައިމަލް ދެކެ ލައިކް ވެވުނުކަން އެނގިގެން އެދޭތެރެއަށް ފުންމައިލީ...." ސަމަރު ލޯ އަޅައިލިއެވެ.

"އައިމަލް މަގޭ ކަައިރިން އިންނަން އެހީ...ހެހެ" އަލާޔާ އަލިފާނަށް ދަރު އެޅިއެވެ.

ސަމަރުގެ ހިތުގައި ވި ހަސަދައިގެ އަލިފާންގަނޑުގެ ހުޅުގަނޑުގެ ކުލަ މޫނުންވެސް ފާއްދާލާފައި ހުއްޓެވެ.

"އެއްވެސް ގާ ގަނޑެއްގައި ތި މާކަނާއަކަށް ފައި ހަރުކޮށްލައިގެން ނީދެވޭނެ....."

"މިފަހަރު ހަރުލާނެ." އަލާޔާ ޔަގީންކަމާއެކު ބުނެލިއެވެ.

"ބަލާނަން..."

"ވަން މޯ ތިންގް.ލޮލުގެ ފެނުން ގެއްލޭވަރުގެ ވިދާ ލިޕްސްޓިކް ލައިގެން އަދި ނޭވާ ނުލެވޭވަރަށް ސެންޓު ބުރުއްސާލައިގެން އެ ތަނަށް ނުވަންނައްޗޭ. އޭރުން އޭނަގެ ލޮލުގެ ފެނުން ގެއްލި އަދި ވަހާއިހެދި ފެއިންޓް ވެއްޖެއްޔާ..ފޮނި ވަސްގަނޑު ދުއްވަމުން އުޅެންޏާ............ވިސްނާލަބަލަ.." އަލާޔާ ލޮލަށް ގޮތެއްހެދިއެވެ.

"ކަލެއަށް އަގުބޮޑު ސެންޓާއި އެއްޗެހި ނުލިބި ބަބުރު ވަސް ދުވިޔަސް އަހަރެން ބޭނުންކުރަނީ އެންމެ ހިނގާ ސެންޓް....ނަން އެނގެން ބޭނުންތަ؟ އައިމަލްވެސް ބުނި މީރުވަހޭ ދުވަނީ. އައިމަލްއަށް މި ލިޕްސްޓިކްވެސް ކަމުދޭ.."ސަމަރު މަލާމާތުގެ ގޮތަކަށް ހީލިއެވެ.

"ސަމަރު އެހާވަރަށް މީހުންގެ ފިރިންނާއި އަޅައިގަންނާކަށް ނުވާނެ. ހީޒް މައިން. އަދި މަގޭ ނެތް އޭނަ ދޫކޮށްލުމުގެ އިންޓެންޝަނެއް. އެއަށްވުރެ ޕްރެޝަސް. ސަމަރު އެހެން ދިމާލެއް ޗެކްކޮށްބަލަ........."

ސަމަރުގެ ނުލަފާ ހުނުންގަނޑު އިވި އަލާޔާގެ ހިތަށް ނުބައިގޮތެއްވިއެވެ. "ނަޓްކޭހަކާއި އަޅައިގަންނަން ހަދައިގެން މޮޔަ މީހާ މަ މަރައިނުލާނެކަމެއްވެސް ނޭގޭ. އީވިލް ލާފްއެއް.............."

އަލާޔާ ހިތާހިތުން ކިޔާލާފައި ދުރަށް ދާން ހިނގައިގަތެވެ. އޭރު އޭނަގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ.

***

އައިމަލް ނިދަން ބޭނުންވީ އެއްކޮށް އަނދިރިކޮށްލައިގެންނެވެ. އަލާޔާގެ ގައިގާ ބައްދާލައިގެން ހަނާއޮތްއިރު އެނދުގެ އަނެއް ފަޅީގައި އޮތް އައިމަލް ދޭތެރެއަކުން ތެޅިގަނެފައި ކޮންމެވެސް އެއްޗެކޭ ކިޔައިލައެވެ. އަލާޔާ ސިހޭގޮތްވިއެވެ. އައިމަލް ނިދީގައި ވާހަކަދައްކަނީ ބާވައެވެ. އޭނަ އަށް އެރޭ އެންމެ ފަހަރަކުވެސް ލޮލު ފިޔަޖަހައިލެވޭނެ ގޮތެއްނުވިއެވެ. އެތައް ޖަޒުބާތުތަކުން ހިތަށް ލިބުނު ލޮޑުކަން އެންމެ ރެއަކުން އޭނަގެ މޫނުގެ ވިދުން ފަނޑުކޮށްލައިފިއެވެ. ތިނެއް ޖަހާ އެހާކަށްހާއިރު ނިދުނުތަނާ ހޭލެވުނީ މީހަކު "އާޒީން" އޭ ކިޔާފައި ގޮވައިލުމުންނެވެ. ފުންމައިގެން ތެދުވެ އަނދިރިކަމުގެ ތެރެއިން ހޯދަ ހޯދާފައި އައިމަލްއަށް ގޮވައިލިއެވެ.

"ގޮވިންތަ؟"

އައިމަލްގެ މަޑުމަޑު ނޭވާގެ އަޑުން އޭނަ ގަދަ ނިދީގައި ކަން އެނގުމުން ހިތަށް ލިބުނު ބިރުވެރިކަން ބޮޑުވެ އަވަހަށް ކުރުސި ކިޔަންފެށިއެވެ. އަދި ނިކަން ސިއްރު ފިޔަވަޅުތަކެއް އަޅަމުން އަނދިރީގައި އަތް ކާއްތަމުންގޮސް ސްވިޗްބޯޑު ހޯދިއެވެ. އޮރެންޖް ނިދާ ބޮތްކެއްގެ ފަނޑު އަލިކަން ކޮޓަރިތެރެއަށް ފޭދިގެން ދިޔުމާއެކު އައިމަލް އިނީ އެނދުމައްޗަށް ތެދުވެފައެވެ.

"އެހާ ރީއްޗަށް ބުނީމެއްނު މަށަށް ރޭގަނޑު ނުނިދޭނެއޭ. އެންމެ އަނދިރީގައި ނޫނީ. މިތަނުން ނިކުމޭ. މިބުނީނު ނިކުންނާށޭ..."އައިމަލް ހަޅޭއްލަވައިގަތުމުން ހަނާވެސް ނިދީގައި ކުޑަކޮށް ފުރޮޅިލައިފިއެވެ.

"ސޮރީ...އައިމް ރިއަލީ......"

"ޝަޓަޕް....ކަލެއާއިހެދި ނުވެސް ނިދުނޭ. މަ ހެދުނު ޑިއުޓީއަށް ދާއިރު ރަގަޅަށް ނިދާ ފްރެޝްވެލައިގެން ދާން ބޭނުމީ...ކަލޭ......ކަލޭ ކިހާ ބޮޑު ކަމެއްތަ ދެން..." އައިމަލް އަލާޔާގެ އަތުގައި ހިފާ ދަމަމުންގޮސް ކޮޓަރިން ބޭރަށް ލާފައި ތަންޑު އަޅުވައިފިއެވެ. އަލާޔާ އާދޭސްކުރާފަދަގޮތަކަށް ގޮވިއިރު އެންމެ ހާސްވީ ދަރިފުޅާއިމެދުގައެވެ. އައިމަލް އެހާ ކުޑަ ކަމަކާއި ރުޅިގަދަވެގެން އޭނައާއި ދޭތެރޭ ކަންތައް ކުރިގޮތުން ހިތުގައި އުފެދިގަތް ޝަކުވާއާއިއެކީ އައިމަލްއާއިމެދުވެސް ފާޑުފާޑުގެ ޝައްކައި ވަހުމް އުފެދިގަތެވެ. އަނެއްކާ އިންސާނެއްބާވައޭ ހީކުރެވި މުޅި ގައިން ހީބިހި ނަގައިގަތެވެ.

***

ހެނދުނު ހޭލެވުނުއިރު އައިމަލް ރޭގެ އެއްވެސް ހާދިސާއެއް ހަނދާން ނެތަސް ބުމަ ކައިރިކޮށްގެން ހުރިގޮތުން ކަމަކާއި ހިތްހަމަނުޖެހިފައިކަން އެނގުނެވެ. އައިމަލް ރުއްސައިގެން އުޅެން މަޖުބޫރެވެ. ހަނާވެސް އޭނަގެ ބުދު ދަމަމުން ކަހަލަގޮތަކަށް ކާބަޔަށް ވަދެ ކުސްތަޅަންފެށީ އެގަޑީގައި އައިސްކްރީމް ނުލިބިގެންނެވެ. އަލާޔާ އެކުއްޖާ ހައްލާލާފައި ގޮނޑިއަކަށް އަރުވާފައި ޗީޒް ފޮތްޗެއް ދިނުމުން ކާން އިނެވެ.

"ބިސްގަނޑު އަޅާފައި ސެންޑްވިޗެއް ތައްޔާރުކުރާށޭ. ދެން ކޮފީއާއި ކޯނޗެކޭތަ.....އަޅެ މަހާ ހުރިނަމަ..ކިހިނެއް ހަދާނީ؟" އަލާޔާ ޔޫޓިއުބުން ބަލައިގެން އޮމްލެޓް ރެސިޕީއެއް ބަލައިގެން އެކަމާ އުޅެގަތެވެ.

"އޭނަގެ އަނެއްކާ ޑިސްއޯޑާއެއް ހުރީތަ؟ ލައިކް ބައިޕޯލާ ސްކިޒްފްރީނިއާ......އަބަދު ރުޅި އަންނަން މީހަކު ކަމެއް ކުރީއެއްވެސް ނޫން....ސައިކޯއެއްހެން އުޅޭކަށް ނުޖެހޭނެއްނު.....ރޭގައިވެސް އަސްލު ބިރުވެރިކަމެއްނު އެކުރީ...އައިމަލް މޮޔަ ބޮލަށް އަރައިގެން ހަނާވެސް މަރައިލަފާނެއްނު...." ޚިޔާލުތަކެއްގައި ހުރެ ބިސްގަނޑު އަޅަން ޖައްސާފައި ކޮފީ ގިރަން އެއްފަރާތަށް ޖެހިލިތަނާ އެއްޗެއް އަނދައިގަތް ވަސްނޭފަތުގައި ޖެހިގެން ދުއްވައިގަނެވުނެވެ. ބިސްގަނޑު އަނދާ ދެއްޔަށް ވެއްޖެއެވެ. ދެން އޮތީ އަޅިކޮޅާއި ދެލިކޮޅުގެ ލޯބީގެ ވާހަކައެވެ.

"އޯނޯ...އޭނަ ރެޑީވާންވާއިރަށް ކޮންމެހެންވެސް އެބަޖެހޭ..." އަލާޔާ ރެސްޓޯރެންޓަކަށް ގުޅާފައި އަވަހަށް ސެންޑްވިޗަކާއި އޮމެލްޓް އަދި ކޮފީ ގެނެސްދޭން އެދުނެވެ. އަދި ހަނާ ސްކޫލަށް ގެންދަން ތައްޔާރުކުރަން ޖެހެއެވެ. ހުރިހާޒިންމާއެއް ބޮލުގައި އަޅުވަން ވުމުން އޭނަ ހަދާންވަނީ މަންމައާއި އާއިލާއެވެ. ހަނާގެ ޔުނިފޯމް އިސްތިރިކޮށް އެކުއްޖާ ފެންވަރުވާ ދަތްއުނގުޅުވާ ސައި ދިނުމަށްފަހު ދަބަސް ތައްޔާރުކޮށްލަދިނެވެ.

"އައި ވިޝް ހަޔެއްކަ އަތް ހުރިނަމައޭ. މަލްޓި ޓާސްކްވިއްޔަ....ހަޒްބެންޑެއް ހޯދާއިރު ލިސްޓް ގެ އެންމެ ކުރީގައި އަޅާލާ އެހީތެރިވާ މީހެއް ހޯދުން އޮންނަން ޖެހޭނެ....."

އައިމަލް ކާކޮޓަރިއަށް އައިއިރު ނަސީބަކުން އޮމްލެޓާއި އެއްޗެހި ލިބި އޭނަ ހުރީ ނާސްތާ ތައްޔާރުކޮށްފައެވެ. އައިމަލް ކާންފަށާފައި ބުނީ އޭގައި ދެނީ ހޮޓެލް ރަހަގަނޑުކަމަށާއި މެންދުރަށް މަހާއި ފަރާޓާ ފިހެދިނުމަށެވެ. އޭނަ ކޮންމެ ގަޑިއެއްގައި ކާނީ ގެއިން ކަމުގައި ބުނުމުން އަލާޔާ ހިންދިރުވާލައިފިއެވެ. އޭނައަށް ޖެހޭނީ ކޮންމެވެސް މީހަކަށް މުސާރަ ދީފައި މި މަސައްކަތްކުރުވާށެވެ. ހީވާގޮތުން ލިބޭ މުސާރާކޮޅު ޚަރަދުވާނީ އައިމަލްގެ ކެއުމަށެވެ. ވަކި އެއްޗެއް ކާން ޝަރުތުކުރާތީ އޭނަ ފޫހިވިއެވެ. މި ބޮޑާ ފިރިހެނާއާއި އިނީ ކީއްވެހެއްޔެވެ؟ އިރުގަނޑަކަށް ހަނދާންނެތިފައި ހުރެފައި މޫނަށް ވައްތަރެއް ޖައްސައިލި ވަގުތަކީ އައިމަލްވެސް އޭނަގެ މޫނަށް ނަޒަރު ހިންގައިލި ވަގުތެވެ. އަލާޔާ ވަގުތުން މޫނުމަތި ރީތިކޮށްލައިފިއެވެ.

"އައިމަލްއަކާއި ދިމާލަށް ނޫން...."

"މަށާއި ދިމާލަށް ވައްތަރު ޖެއްސިއްޔާ ހަންގަނޑު ވިއްޔަ ދަމައިގަންނާނީ.....ބީ ކެއަރފުލް އިނގޭ...."އައިމަލް ހިނިގަނޑެއް ޖަހައިލުމުން އެހެން ބުނީ މަޖަލަކަށް ކަމަށް އަލާޔާ ނިންމިއެވެ.

"ހަނާ ސްކޫލަށް ގެންގޮސް ބަލާ ދާންވެސް މަގޭ ޒިންމާއަކަށް ވީ ދޯ........." އައިމަލް ފާޑަކަށް ކިޔައިލިއެވެ.

އައިމަލް ހަނާއަށް ބަލައިލިއިރު އެލޮލުން ފެނުނީ ކޮން ކުލަވަރެއްކަން ނޭގުނަސް އެކަމާއިމެދު އަލާޔާ ނުތަނަވަސްވިއެވެ. އެއީ ކީއްވެކަމެއް އޭރު އަލާޔާއަކަށް ވިސްނައިގަންނާކަށް ނޭގުނެވެ.

"ހަނާ ސްކޫލަށް ދާ ގަޑިއާއި ނިމޭގަޑިއަށް ބަލާގޮސް އަދި ހަވީރު ސްވިމިން ކްލާހަށްވެސް ގެންދަން ޖެހޭ...އެގަޑީގައި އަހަރެން ހުންނާނީ ޑިއުޓީގައި. އައިމަލް ގެންގޮސްދޭނަންދޯ..................." ބުނަން ޖެހިލުންވެފައިވާ ކަހަލަ ގޮތަކަށް އަލާޔާ ބުނެލިއެވެ.

"ހޫމް ދެން ސްޓެޕްދަރިއެއް ވިޔަސް މަ ކިހާ ލޯބިވާނެ........." އައިމަލް ޖުމްލަ މެދުކަނޑައިލިއެވެ. އޭނަގެ ހިތުގައި ހަނާއަށްޓަކާ އޮތީ ލޯބިކަމެއް ނޫނީ އެހެން ޖަޒުބާތެއްކަމެއް ނޭގެއެވެ. ޔަގީނުންވެސް އަދި އައިމަލްގެ އަމަލުގައި "ބައްޕަ"ކަމުގެ އެއްވެސް ސިފައެއް ނެތެވެ. ހަނާއަށްޓަކާ ކުލުނެއް އޮތްހެނެއްވެސް ހިޔެއްނުވެއެވެ. އެ ނަޒަރުގައިވާ އެއްޗެއް ދެނެގަނެވޭވަރަށް ވުރެ ފުން ސިއްރުވެރި ލޮލެކެވެ.

***

ސަލާރު ކުޑަދޮރު ކައިރީ ހުރެ ބަލައިލުމައެކު ނަޒަރު ހުއްޓުނީ ކުރިމަތީގައި ހުރި ފަޅުގެއަށެވެ. ފަޅުގެއެކޭ ބުންޏަސް މިހާރު ފަޅުގޭގައި އައިމަލްއާއި އަލާޔާ ދިރިއުޅެން ފެށުމުން އެގޭގައި ކޮންމެވެސް ވަރަކަށް ދިރުންވާކަން އެނގެއެވެ. ސަލާރު އެންމެ ފޫހިވީ ބަންގާޅީ ފިރިހެންކުދިންތައް ގަސްކަނޑާ މަންޒަރުފެނިފައެވެ. ކުކުޅުތައް ފަނަށް އަރާ ގެވެސް މެއެވެ. އެސޮރުމެންގެ ހާލިވެސް ނައްތައިލާ ދުނިޔެއިން އެންމެ ދިރުމެއް ނަމަވެސް މަދުކޮށްލީއެވެ. ޒާލިމު ނުބައި ބަޔެކެވެ.

"ސަލާރު....މަންމަ ކާން އެބަގޮވާ..." ސަމަރު ދޮރުމައްޗަށް އެރިއެވެ.

"މިހާރު އެބަވިސްނަން އެ ގަހަށް އަރާ ކުކުޅުތައް އެޑޮޕްޓްކުރަން. ކުކުޅު ނިދަން އަރާ ގަސްވިއްޔަ ކަނޑައިލީ.." ސަލާރު ބުނެލިއެވެ.

"އެއްކަލަ ސޭކު ވާހަކަ އެފެށީ. ތިހެން އުޅެގެން އިންނާނެ މީހެއްވެސް ނުވާނެ.."ސަލާރުގެ މައުސޫމްކަމާއި ޖަނަވާރާއި ދޫންޏަށް ލޯބިކުރާވަރަކީ ފިރިހެނުންގެ ގައިގާ ހުންނަން ޖެހޭ ސިފައެއްކަަށް ސަމަރު ނުދެކެއެވެ. ފިރިހެނެއްގެ ހިތް މަޑުވިޔަސް މިއީ ބޮޑުވަރު ނޫންހެއްޔެވެ؟ ސަލާރު ގެންގުޅުނު ދޫނިތަކާއި ބުޅާތައް މަރުވެގެން ކުޑައިރު ރޮއިހޭރި ނުކައި ނުބޮއި އުޅޭގޮތުން މަންމަ ކިތަންމެ ފަހަރު ނަފްސާނީ ޑޮކްޓަރަށްވެސް އެކުއްޖާ ގެންދާން ޖެހުނެވެ. ޑޮކްޓަރު ބުނީ ނަފްސާނީ މައްސަލައެއް ނޫންކަމުގައެވެ. ބައެއް އިންސާނުންގެ ތަބީއަތުގައި ހުންނަގޮތުން ޖަނަވާރުތަކަށް ލޯބިކުރަނީއެވެ. ޑޮކްޓަރު ދެކުނުގޮތުން އެއީ މާތް ސިފައެކެވެ.

***

ރޭގަނޑު ނުވައެއް ޖަހަމުން ދިޔައިރު އައިމަލް ހަނާ ގެންގޮސް އެނދަށް ލާފައި ކޮޓަރީގައި ނިދާ ބޮކި ދިއްލާލައިފިއެވެ. ހަނާ މަޑުމަޑުން ރޯންފެށިއެވެ."މަންމިއަށް ގުޅަން ބޭނުން ޕްލީޒް......."

"ހަނާ، އިތުރަށް އެންމެ އެއްޗެކޭ ކިޔަސް މިތާ ވަލުތެރެއަށް ލާނީ. އަނދިރީގެ ތެރޭގައި ފުރޭތަ އަރާ ހަނާގެ ލޯ އުފުރައިލާނެ. ކިޔާދެންތަ ވާހަކައެއް؟" އައިމަލް ކިޔާދިނީ ބަސްނާހައިގެން އެކުއްޖާގެ މަންމަ އެކުއްޖާ ވިއްސާރަ ރެއެއްގައި ގެއިން ބޭރަށް ލުމުން ޖިންނި އެކުއްޖާ ގޮވައިގެން އުދުއްސައިގަތް ވާހަކައެވެ. ފަހު ދުވަހު ކުއްޖާގެ މަންމައަށް ކުއްޖާ ފެނުނީ ފުރާޅުމަތީގައި އޮތްވައެވެ. ދެލޯ އުފުރާލާފައެވެ.

"ހަނާ މަންމަ ކައިރީ އެއްވެސް ވާހަކައެއް ބުނެފިއްޔާ ފުރޭތައަށް ދޭނީ...ފުރޭތައަށް ގުޅަންތަ؟" އައިމަލް ފޯނުނެގިއެވެ.

"ނޫން ނޫން..ޑެޑީ ނުގުޅާ..ހަނާ ބަސް އަހާނަން.." ބިރުންގޮސް ރޫރޫޫ އަޅައިގަތުމާއެކު އެކުޑަ ދެއަތް ހޫރައިލިއެވެ.

"ގުޑް ގާލް....ދެން ބަސްއަހައިގެން ނިދާ.." އައިމަލް ރަޖާ ރީތިކޮށްލާފައި ނުކުމެގެން ދާން ހިނގައިގަތެވެ." އަހަރެން ބޭރުގައި އިންނާނަން އިނގޭ......"

އައިމަލް ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު އިރުގަނޑެއްވާންދެން ބޭރުގައި މަޑުކޮށްލައިގެން ހުރިއިރު އިތުރު އަޑެއް ބަޑެއް ނީވުނެވެ.

ފަނަރަވަރަކަށް މިނިޓްފަހުން އައިމަލް ހުރީ ސަމަރުގެ ކޮޓަރީގައެވެ. ރުގުޔާ ކުރާށެވެ.

***

ސަލާރު އޭނަގެ ލޯބިވާ ބެލާ ގޮވައިގެން ގޮނޑުދޮށުގައި ހިނގާލަން ދިޔައިރު އޭނަ ހުރީ ހުދު ޓީޝާޓަކާއި ނޫ ސޯޓެއްލައިގެންނެވެ. ފަން އިސްތަށިކޮޅު ވިހުރެމުން ދިޔައެވެ. ދެތިން އަންހެންކުދިން ޓިކްޓޮކް މަންޒަރެއް ނަގަން ތިބެފައި ސަލާރު އަރާ ހަމަވުމުން ވާހަކަދައްކާ ހިތުން ގޮވައިލިއެވެ.އެކުދިން ވާހަކަދައްކަން ފެށީވެސް އިނގިރޭސި ބަހުންނެވެ.

"ޔޫ ލުކް ޔޫރަޕިއަން ބޯއި. އެންޑް ޔޯ ކެޓް އިޒް އައުސަމް ލައިކް ޔޫ އެންޑް ލުކިން ބްރިޓިޝް. ޔޫ ލުކް ސޯ ލޯންގް........"

"ނޫނޭ ހަމަ ދިވެއްސެއް..." ސަލާރު މަޑުކޮށްލިއެވެ.

"މޫވީސްޓާރެއްތަ؟ކޮރެއަން ޑްރާމާއަކުން ފެނުނު..." އަންހެންކުއްޖަކު ތުއިވެގަތެވެ.

"ނޫން....ޑޮކްޓަރެއް..." ސަލާރު ހީލިއެވެ.

"ވޯ....ޑޮކްޓަރ......ހާދަ ބެސްޓޭ..ކޮންކަހަލަ.....މިބުނީ ސާޖެންޓެއްތަ؟ ނޫނީ ގޭ ޑަކުތަރު؟ ސައިކޯޑޮކްޓަ؟"

"ޖަނަވާރަށް ބޭސްކުރާ ޑޮކްޓަރެއް....ވެޓެއް..."

އަންހެންކުދިންގެ އަނަގަޔަށް ހެދިގޮތުން ސަލާރު ހިނިއައެވެ. އެކުދިންވެސް ފޫހިވީކަން ނޭގެއެވެ. ސަލާރު ދުރަށް ދާން ހިނގައިގަތީ އެކުދިންނަށް ޝޮކެއް ދީފައެވެ.

"ޔާނާ.. ސާބަހޭ ބްރޯކަން އިންގްލިޝް ވެގަތީ މާ ޗިލް ވާންތަ؟ "

"މަށަށް އޭނަ ވަރަށް އިނަސެންޓް އެންމެ ކުރިން ހީވީވެސް ޔަންގް ބޯއިއެއްކަމަށޭ. ވެޓެކޭ ބުނީމަ މަ ގަސްތުގައި އަނގަ ޗޭކޮށްލީ. އެކަމަކު އޭނަ ވަރަށް ހޮޓް..އައި ހޯޕް އަލާޔާ ނޫނީ ސަމަރުގެ ލޮލުގައި މި ބޯއި އަޅައިގަތުމުގެ ކުރިން މަށަށް ލިބޭނެކަމަށް. އަދި ނަމްބަރު ހޯދަން ޖެހޭނެ...މަޑުކޮށްލައްޗޭ..." ޔާނާ އެކުއްޖާގެ ފަހަރުން ދުއްވައިގަތީ ފައިވާން އަތަށް ނަގަމުން ދޮންވެލިގަނޑުމަތީ ފިޔަވަޅުގެ ނިޝާން ދޫކުރަމުންނެވެ.

***

އަލާޔާ ހައިރާންވީ ސަމަރު އައިމަލް ބަލިމީހުން ބަލާ ކޮޓަރީގައި މާ ގިނައިރުވާން ފެށުމުންނެވެ. ބަލިމީހަކު ނެތްކަމަށް ސިސްޓަމުން ދައްކައެވެ. ސަމަރުއަށް އެތަނުން ނިކުންނަން ނޭގިގެން އުޅެނީ ކީއްވެހެއްޔެވެ؟ އެންމެފަހުން ކެތްނުކުރެވިގެން ގޮސް ދޮރުގެ ތަޅުގައި ހިފާލައިފިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު