"ގެއްލިގެންދާ ކޮންމެ އެއްޗަކަށް ބަދަލެއް ލިބޭ ހިނދު، ﷲ ސުބުހާނަހޫ ވަތައާލާއާއި އޮތް ގުޅުން ގެއްލިއްޖެ މީހަކަށް އޭގެ ބަދަލުގައި ލިބޭނެ އެއްވެސް އެއްޗެއް ނެތެވެ."

***

"ގޯޝް.....ޓަކި ނުދެވެނީތަ؟" އައިޒަކް ހަޅޭއްލަވައިގެންފާ އަވަހަށް ގަމީސް އޮޅާލާ އޭނަގެ މޭމަތި ފޮރުވާލައިފިއެވެ. އެއީ ސާރާއެވެ. އައިޒަކް އޭނަގެ ނަޒަރު ވަގުތުން ޖެހިލުން ކުޑަކަން އަންގާގޮތަކަށް ބަދަލުކޮށްލީ ކާކުކަން އެނގުމުންނެވެ.

"ހެލޯ...." އޭނަ އަތް ހޫރައިލަމުން ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވިއެވެ. ސާރާގެ ތުންފަތަށް ވެރިވި ފުޅާ ހިނިތުންވުމާއެކު ކުދި މުތްތައް ފަދަ ހުދުދަތްތައް ފެނިލިއެވެ. ހިތުގެ ބައްޓަމަށްވާ ދޮން މޫނުކޮޅުވެސް ވިދާލިއެވެ. އަދި އެމޫނުގެ ރީތިކަން ބޮޑަށް އިތުރުކޮށްދިނީ އަޅައިގެން ހުރި ފިޔާތޮށިކުލައިގެ ހިޖާބުންނެވެ. ދިގު އެސްފިޔަތައް ތަޅުވައިލީ ލަދުރަކިގޮތަކަށެވެ. އަދި ފިޔާތޮށިކުލައިގެ ކޯތާފަތަށް ރަތްކަމެއް ވެރިވިއެވެ. އެކުއްޖާ ހަގީގަތުގައި ކިތަންމެހާވެސް ރީއްޗެވެ. އެކަމަކު އައިޒަކްގެ ހިތްދަމައިގަންނަ އެއްވެސް ގޮތެއް ނެތެވެ. ކުޑަކޮށްވެސް އަޅައިގަންނަގޮތެއް ނުވިއެވެ. ސާރާ ހުރީ ހިނިތުންވެލައިގެންނެވެ. އަތުގައި ޕެއިންޓް ގެ ނިޝާންތަކެވެ. ސާރާ ތަސްވީރެއް ކުރިމައްޗަށް ގެނެސް ދެއްކިއެވެ. އެއީ ގޮނޑުދޮށެކެވެ. ކަނޑާއި މޫދުގައިވެސް އެންމެ ގުޅޭ ނުލުގެ ކުލަތަކެވެ. އޭނަ މޫދަށް ލޯބިކުރާވަރު ސާރާއަށް އެނގުނީކަން ނޭގެއެވެ.

"އަހަންނަށްތަ؟" އައިޒަކް އަނގަ ހަރަކާތްކުރިއެވެ. ތަންކޮޅެއް ގޮތް ބޮޑުކޮށްލާފައެވެ. އަދި އަމިއްލަ މޭގައި އިނގިލި ޖައްސައިލިއެވެ. ސާރާ ބޯ ޖަހައިލިއެވެ. އަދި އެއްޗެއް ބުނުމެއް ނެތި ހިނިތުންވެލައިގެން ހުރީއެވެ.

"ގޯޝް. ކޮންމެވެސް މީހަކު މަގޭ ގަޔަށް ޝޫޓްކޮށްބަލަ ހެޔޮނުވާނެ.."އައިޒަކް ދަތްތަކުގެ ތެރެއިން ކިޔައިލިއެވެ. އެކަމަކު ތުންފަތްމަތީގައި ނަގުލީ ހިނިތުންވުމެކެވެ.

"ވަރަށް ރީތި. ލަވް އިޓް.." އައިޒަކް ބޮޑުވާ އިނގިލި ހިއްލައިލުމަށްފަހު އަނގަ ހަރަކާތްކުރިއެވެ. އޭނަ ކިތަންމެ ނަފްރަތުކުރިޔަސް މި ތަމްސީލުކުޅެންވެސް ޖެހެއެވެ. ވިންޓަފެލްއާއެކު ޔޫސުފް ކުރާ ވިޔަފާރިކުރިއަށް ގެންދާން ބޭނުންވާނަމައެވެ. އެކަމަކުވެސް އެމީހުން އޭނަ މަންމަނު ކުއްޖަކާއި ކައިވެނި ކުރުވީ ކީއްވެހެއްޔެވެ؟ އޭނަ ކައިވެނި ކުރީ ހަމައެކަނި ނަމެއްގައެވެ. އެނޫން އެއްވެސް ގުޅުމެއް ނެތެވެ. ނަމަވެސް އޭނަ ހިތްހަމަނުޖެހޭ ތަންކޮޅަކީ އޭނަގެ ފުރަތަމަ އަންބަކީ އޭނަ ބޭނުންވި ކުއްޖާއަށް ނުވިކަމެވެ. އެންމެ ރަގަޅެވެ. އޭނަގެ ހިތް އެދުނު ކުއްޖާއާއި ދާދި އަވަހަށް ކައިވެނި ކުރެވިދާނެއެވެ. އެކަމަކު އޭރުން އެވާނީ ދެވަނަ ކައިވެނިކަމުގައެވެ. އޭނައަށް އެ ތަސްވީރު ދީފައި ސާރާ އެތަނުން ނުކުތެވެ. ސާރާގެ ފަރާތުން ކައިވެނީގެ ހަދިޔާއަކަށް ލިބޭނެ ހަމައެކަނި އެއްޗަކީ އެއީކަމަށް ވެދާނެއެވެ. އޭނަ ޑަސްބިނާއި އަމާޒުކޮށް އެ ތަސްވީރު ހޫރައިލިނަމަވެސް ޖެހުނީ މާ ދުރުގައެވެ. އޭނަގެ ދިރިއުޅުން ހާދަ އުދަގުލެވެ. މިއިން ދުވަހެއްގައި އޭނަގެ "ކޫލް"ކަން ގެއްލިގެން ހިނގައިދާނެކަމާއިމެދު ޝައްކެއް ނެތެވެ. އާވާވެސް އޭނަގެ ވާން އުޅުނު ފިރިމީހާއާއިމެދު އެހާ އަދަބެއްނެތް ގޮތަކަށް މުއާމަލާތް ނުކުރިނަމައެވެ. މޮޔަ އަންހެންކުއްޖެކެވެ.

އާވާގެ ޚިޔާލު އައުމާއެކު އިއްތިފާގެއްކަން ނޭގެއެވެ. އާވާގެ ބާރު އަޑު ކޮންމެވެސް ދިމާލަކުން އިވުނެވެ. އާދައިގެ މަތިން އެކުއްޖާގެ މަންމައާއި ކޮންމެވެސް އަރައިރުމެއްގައެވެ.

"އަހަރެން ލޯ ކޯހެއް ހަދާކަށް ބޭނުމެއްނޫން. އެއީ އެންމެ ފަހުގެ ނިންމުން މަންމާ..." ޔުނިވަރސިޓީއިން ޖާގަ ލިބުނުކަމުގެ ސިޓީ ގުޅައަކަށް ޖަހައިލަމުން އޭނަ ހަޅޭއްލަވައިގަތެވެ.

"އާވާ. ތީ މިހާރު ކުޑަކުއްޖެއް ނޫން. ތިގޮތަށް ބިހޭވް ކުރަނީ ކީއްވެތަ؟" ލިއާނާ މާޔޫސްކަމުން ފުރިފައިވާ ގޮތަކަށް ރޮއިގަތެވެ.

" ބޯޑިން ސްކޫލަށް އެ ފިރިހެނާ އަހަރެން ލީ އިރު އަހަންނަކީ ކުޑަކުއްޖެއް. އަހަރެންގެ ދިރިއުޅުމަކީ ދުވަހަކުވެސް އަހަރެންގެ އެއްޗެއް ނޫން. އަބަދުވެސް އޭނަ ބޭނުންވި ގޮތަށް އަހަރެންގެ ކަންތައް ހިނގީ.. މިހިސާބުން އެކަން ނިމުނީ....." ރުޅިވެރި ކަރުނަތައް އާވާގެ ލޮލުން ދިލަ ނަގައިގަތެވެ. އާވާގެ ޅައިރުގެ ސަރުބީތައް ވިރާ އަންހެންވަންތަ ސިފަތައް ޖެހި ތަންކޮޅެއް ޒުވާން ވައްތަރުވެސް ޖަހައިފިއެވެ. އެކަމަކު އޭނައަށް ވާރުތަވީ މަންމަގެ އިސްކޮޅެވެ. ބައްޕަގެ ދިގު އިސްކޮޅެއް ނުލިބުނެވެ. އޭނަގެ ދެލިކޮޅެއްހާ ކަޅު ކުލަގަދަ އިސްތަށިގަނޑު އަދިވެސް އެހާ ކުރުކޮށް ކަންފަތާއި ހަމަޔަށް ކޮށާލާފައިވަނީ އަމިއްލައަށެވެ. އޭނަ އިސްތަށިގަނޑު ކޮށާފައި ބަހައްޓަނީވެސް ބައްޕަ އެކަމާއި ނުރުހޭތީއެވެ.

"ކީކޭ ހިތަށް އަރައިގެން އަމިއްލަ ބައްޕައާއި ދިމާލަށް އެ ފިރިހެނާ ކިޔަނީ؟" ލިއާނާ ލޯ ބޮޑުކޮށްލިގޮތުން ލޯ ފުންމައިލަފާނެހެން ހީވިއެވެ.

"ބައްޕައެއްހެން އުޅުނުނަމަ އެ ނަން ކިޔަން ފަސޭހަވީސްކަން ނޭގޭ. މިއީ އަހަރެންގެ ނިންމުން. އަހަރެންގެ ދިރިއުޅުން އަދި އަހަރެން ބޭނުންވާ ގޮތަށް މިހާރު ހުރިހާކަމެއް ކުރާނަން......" އާވާ ގުންފައި ޖަހަމުން ހޯލުން ހިނގާފައި ކުރިއަށް ދިޔައެވެ. ގަހަނާތަކުން ފުރިފައިވާ އަތުގެ އިނގިލިތަކުން ލިއާނާ ކަރުނަ ފޮހެލިއިރު ހައިތަމް ގޭގައި ނޫޅޭކަމަށްޓަކާ އޭނަ އުފާކުރިއެވެ. ހައިތަމްއަށް އާވާގެ ވާހަކަ އިވުނުނަމަ ދެން ލައިގަންނާނީ ކޮންފަދަ ކަންތައް ގަނޑެއްކަން ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ.

***

ކައިލްއާއި މިކާލް ތިބީ ކާރުގެ ފަހަތު ސީޓުގައެވެ.

" ބިއްލޫރިގަނޑެއް ތަޅާލާފައި އެ ހިނދުކޮޅު އެއަށް ފައިން އަރަން މެނޭޖްކުރީ ކިހިނެއްތަ؟" ކައިލް މިކާލްގެ މޫނަށް ބަލައިލީ ކާރުގެ އެއްފަރާތުގައި ހުރި ބިއްލޫރިގަނޑުންނެވެ. އޭނަގެ މޫނުން ވޭނުގެ ކުލަ ފައުޅުވިއެވެ. އަށް އަހަރުވީއިރުވެސް މިކާލްގެ އެ ފަރުވާކުޑަކަމުން އަރައިގަނެވޭގޮތެއް ނުވިއެވެ.

"އަހަރެން އުފުލާލައިގެން ހޮސްޕިޓަލަށް ވައްދަން ޖެހޭނީ..."މިކާލް ކުސް ތަޅައިލީ މިއީ ކައިލްގެ ހަފެފޯބިއާ ސިކުނޑިން ނަގާ އެއްލާލާނެ ދުވަސްކަމަށް ސިއްރުން އުއްމީދުކުރަމުންނެވެ. މިހާ ދުވަސްވީއިރު އަދިވެސް އެއްވެސް މީހެއްގެ ގައިގާ ބީހިފައެއްނެތެވެ.ދުވަހަކުވެސް ކައިލްގެ ލޯބިވެރިޔަކު ނެތުމަކީ އަޖައިބެއް ނޫނެވެ. މިކާލްގެ އުއްމީދަކީ ކައިލްގެ އެ މައްސަލަ ހައްލުވެ މީހަކާއި ކައިވެނިކޮށްގެން އުފަލުގައި ދިރިއުޅުމެވެ. ކައިލް ނުބުނިކަމުގައިވިޔަސް އޭނަ އެކަނިވެރިކަން ދަނެއެވެ. އަބަދުވެސް ކައިލްގެ ލޮލުން ހިތާމައިގެ ކުލަ ފެނެއެވެ.

"އަހަރެން އައީ މިކާލް ހިނގަން އަސާ ހިފައިގެން..." ކައިލް މިކާލްގެ ހުވަފެން ފުނޑުފުނޑުކޮށްލިއެވެ. މިހާވަރުން ކައިލް އުޅެންޏާ އަދި އެހީތެރިކަން ފޯރުކޮށްލަން ކޮނޑު ނުދެވޭކަމަށް ވަންޏާ ކައިލް މަރުވެގެން ދާނީ އެކަނިވެރިކޮށެވެ. ކައިލްއަކީ ހަމަ އުއްމީދެއްނެތް ކޭސްއެކެވެ. ކައިލްގެ އެ މައްސަލަ ހައްލުކުރަން ގަދައަޅާ މަސައްކަތްކޮށް ކޮށް ނާކާމިޔާބުވެ އެންމެފަހުން މިއީ މުސްތަހީލް ކަމެއްކަމަށް އެވަގުތު ނިންމައިފިއެވެ.

ޒާފިރާއަށް މިކާލް ޒަޚަމްވީ ޚަބަރު ލިބުމާއެކު ކަންބޮޑުވެ ނުތަނަވަސްވެ ގަދަކަމުން ކައިލް ފޮނުވީއެވެ. ވަގުތުން މިކާލް ހޮސްޕިޓަލަށް ގެންދާން ކައިލްއަށް މަޖުބޫރުކުރީއެވެ. އެހެންނޫންމަ އެމީހުންގެ ޕީއޭ އަންނާންދެން މިކާލް ހުންނާނީ އިންތިޒާރުގައެވެ. ކައިލްވެސް މިކާލްއާއެކު ހިނގާލާފައިގޮސް އިމަޖެންސީ ރޫމަށް ވަނެވެ.

" ޕޭޝަންޓު މިގެނެވުނީ ގެނބިގެން. އަދި ކާޑިއެކް އެރެސްޓަކަށް ގޮސްގެން. ވަގުތުން ވެންޓިލޭޓްކުރޭ.." ނަރުހުންނާއި ޑޮކްޓަރުން އެތާ ތެރޭގައި ހަލަބޮލިކަމާއެކު އެކި ދިމާލަށް ދުވެ ޓްރޯލީތައް ދަމާއިރު އެތާތެރޭ އަޑު ގަދަކަމުން ނުކުޅަދާނައެވެ." ހީޒް ނޮޓް ބްރީތިން......"

ގެނބުމުގެ ޝިކާރައަކަށްވީ ޒުވާނާއާއި ދިމާލަށް ކައިލްއަށް ބަލައިލެވިއްޖެއެވެ. އޭނަގެ މޫނު ހުދުކަމުން ކަފަކޮޅެއްފަދައެވެ. ނޫވެފައިވާ ތުންފަތެކެވެ. އެއްވެސް ހަރަކާތެއް ނެތެވެ. ކައިލްގެ މައިދާވެސް ޚަރާބުވިއެވެ. އަދި ތަނުގައި ހިފާފައިވާ ޑިސްއިންފެކްޓެންޓްގެ ވަސް ނުކުޅަދާނަވާހާ ގަދަވިއެވެ. އޭނައަށް އެތާ އެންމެ ހިނދުކޮޅަކަށްވެސް ކެތެއް ނުކުރެވޭނެއެވެ.

"ހޭއި މަޑުކޮށްބަލަ..."މިކާލް ގޮވައިލިއެވެ. އޭނަ ގެ އެ އުމުރުގައިވެސް ޑޮކްޓަރުންނާއި އިންޖެކްޝަންތަކަށް ބިރުގަނެ އެހީތެރިއަކަށް ބޭނުންވިއެވެ. އެކަމަކު ކައިލްއަކަށް އިންތިޒާރެއް ނުކުރެވުނެވެ. ކައިލް ހޮސްޕިޓަލަށް ނުވަންނަތާ އެތައް އަހަރެއް ފާއިތުވެގެން ހިގައްޖެއެވެ. އަދި އަލަށް ޒިޔާރަތްކުރުމާއެކު މާޒީގެ ހަނދާންތައް އައިސް ޖެހިގަތެވެ. އޭނަ ދުވަމުން ދާތަނާއި އަނދިރިކަން ވަށައިލިގޮތް އަދި އަޑިއަށް ދާތަނެވެ. އަޑިއަށް ދިޔަގޮތަށް ދެން ފެނުނީ ކަނޑެވެ. ކަނޑުވެސް ރަހުމެއްނެތި އޭނަ ދަމައިގަތްގޮތަށް ފެނުނުހާވެސް އެއްޗަކީ އޭނަގެ މަންމަގެ ހުދުވެފައިވާ މޫނެވެ. އެލޯ ހުޅުވިފައި އޮތްއިރު ކަޅި ބަލަމުން ދިޔައީ އޭނައަށެވެ. އެކަމަކު ކަޅި ހަރަކާތެއްނުކުރިއެވެ. ހޮސްޕިޓަލުން ނިކުންނަން އަވަސްވެގެން ދިޔަ ކައިލް އަޅައިގަތީ އިމަޖެންސީއަށް ވަންނަން އައި ޑޮކްޓަރެއްގެ ގައިގައެވެ. އެ ޑޮކްޓަރުގެ އަތުގައި ހުރި ފައިލާއި އެހެން ސާމާނުތައް ތަޅުން މައްޗަށް ވިހުރިގެން ދިޔައެވެ.

"އެކްސްކިއުޒް މީ...ސޮރީ." ޑޮކްޓަރ ތުންތަޅުވައިގަތެވެ. އަދި އެނބުރި ބަލައިލިއިރު އެމީހަކު ފަހަތަށް ބަލައިލުމެއްވެސް ނެތި ދަނީއެވެ. އޭނަގެ ސަބަބުން ޑޮކްޓަރުގެ އަތުން ބިންމައްޗަށް ވެއްޓުނު އެއްޗެހި ނަގަން އެހީތެރިވާނެވަރުގެ އަދަބެއް އަޚުލާގެއްވެސް ނެތެވެ.

ކައިލްއަށް ބޭރަށް ނުކުމެވުނާއެކު އޯކަށް ދަމައިގަތެވެ. އެކައްޗެއް ނައިކަމުގައިވިޔަސް އޯކަށް ދަމަމުން ދިޔައެވެ. އޭނަ ގުދުވެލައިގެން އޮތްއިރު މިއިން ޒަމާނެއްގައި ކައިލް އެހާ އެހީއަށް ބޭނުންވެ ހާލުގައި ޖެހިފައިވަނިކޮށް ފެނުނު ފުރަތަމަ ފަހަރެވެ.

***

"ޑޮކްޓަރ ޕްލީޒް ނޯ އިންޖެކްޝަންސް....." މިކާލް އެނދުގައި އޮށޯވެލައިގެން އޮތްއިރު އޭނަގެ އެއްފައި އޮތީ ހާމައަށެވެ. ލުޒާންއިން މުސްލިމް ޑޮކްޓަރެއް ފެނުމަކީ ނާދިރުކަމަކަށްވިޔަސް އެ ޑޮކްޓަރ ހިޖާބުއަޅައިގެން ހުރުމުން މުސްލިމެއްކަން ޔަގީންވިއެވެ. މޫނު ފޮރުވިފައިވަނީ މާސްކަކުންނެވެ. އަންހެންޑޮކްޓަރގެ ނަޒަރު އޭނަގެ މައްޗަށް ހުއްޓުނުގޮތަށް ދުރު ނުވުމުން މިކާލް ލަދުން މަރުވާވަރުވިއެވެ. އެ ޑޮކްޓަރ އެސްފިޔަވެސް ޖަހައިނުލިއެވެ. ޝަކުވާ ކުރުމުގެ ގޮތުން އިތުރު ލަފުޒެއް ދުލުން ބޭރުނުކުރަން އޭނަ ނިންމިއެވެ.

"އިންޖެކްޝަނަކަށް ބޭނުމެއްނުވޭ. ނަސީބަކުން މިއީ އާދައިގެ ޒަޚަމެއް...." ޑޮކްޓަރ މިކާލްގެ ފައިގާ ބެންޑޭޖް އޮޅައިލަދެމުން ބުނެލިއެވެ."ހިނގާފައި ދެވޭނެތަ؟އެކަނި އައީ؟"

ޑޮކްޓަރ މިކާލްއަށް ފަރުވާދިން އިރު ވާހަކަދެއްކިއެވެ.

"އަޅުގަނޑުގެ ބަލަދުވެރިޔާ މިތަނުން ދުވެ ފިލައިފި...." މިކާލް ޑޮކްޓަރގެ އަންގި ލައްވާފައި ހުރި އަތުގެ މަސައްކަތަށް ފަރުވާވެރިވެ ބަލަން އިނެވެ.

"އެނިމުނީ...." ޑޮކްޓަރ ތެދުވަމުން ބުނެލައިފިއެވެ. އެވަގުތު ނަރުސްކުއްޖަކު ތެޅިފޮޅެމުން އައިސް ވަދެފައި ލަދުގަންނަގޮތްވިކަން އޭނަގެ ހަރަކާތްހުރިގޮތުން އެނގުނެވެ.

"އޯ ޑޮކްޓަރ. ބޭސްއަޅާ ދިނީތޯ؟" އޭނަ ލަދުވެތިކަމާއެކު އަހައިލިއެވެ. ނަރުހަށް އައުން ލަސްވީމަ ޑޮކްޓަރުގެ ހުސް ވަގުތުކޮޅު އެކަމަށް ދުއްވައިލަދިނީއެވެ.

"އިޓްސް އޯކޭ އެންމެންވެސް އަވަދިނެތި އުޅެނީ..." ނަރުސްކުއްޖާގެ ކޮނޑުގައި ހަމްދަރުދީއާއެކު ފިރުމައިލުމަށްފަހު ޑޮކްޓަރ ނިކުމެގެން ދާން ހިނގައިގަތެވެ. އޭނަގެ ފިޔަވަޅުތައް ނިކަން އަވަހެވެ. އޭނަ ދެކެން ބޭނުންވާ މޫނެއް ފެނުމުގެ އުއްމީދުގައި ސްކޭން ކުރަމުން ދިޔައެވެ. އޭނައަށް ހުއްޓުން އެރީ އެމީހަކު ފެނުމުންނެވެ. ޔަގީނެވެ. އެއީ ހަމަ އޭނައެވެ. އޭނަގެ ގައިގާ އަޅައިގަތްއިރުވެސް ދަންނަ ވަހެއް ނޭފަތުގައި ޖެހުނެވެ. އެކަމަކު ހުވަފެނެއްގައިވެސް ބައްދަލުވުމަކަށް އުއްމީދެއް ނުކުރެވުނެވެ. ނޭވާވެސް އަރުތެރޭ ތާށިވިގޮތަށް ހުއްޓުން އަރާފައި ބަލަން ހުރެވުނެވެ. ހަގީގަތުގައިވެސް އެހާ ގިނަ އަހަރު ފާއިތުވެގެން ދިޔައީހެއްޔެވެ؟ މުޅި އަށް އަހަރެވެ.

އޭނަ ކާރަށް ލެނގިލައިގެން ހުއްޓިލައިގެން ހުރިއިރު މުޅިންވެސް ކަޅު އެއްޗެހީގައެވެ. ސްނޯއިން ހުދުވެފައިވާ ހުދުކަމުގެ ތެރެއިން އޭނަ ފާހަގަވެއެވެ. އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައިވާއިރު ތުނިކޮށް ފަޅާފައިވާ ތުނބުޅީގެ ސަބަބުން ފިރިހެން ކަމެއް ހުއްޓެވެ. މިހާ ގިނަ އަހަރުވީއިރުވެސް ތުނބުޅީގެ އިތުރުން އެ މޫނަށް މާ ބޮޑު ބަދަލެއް އައިސްފައެއްނެތެވެ. އޭނަ އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ. އިސްތަށިގަނޑު ހާވައިލުމުން ލޯމައްޗަށްވެސް އިސްތަށިގަނޑު ފައިބައިގަތެވެ. މިހާ ދުވަސްވީއިރުވެސް އޭނަ ދޫކޮށްނުލި އާދައެކެވެ.

"ކައިލް. އަހަރެން މަރައިލަން ދޫކޮށްފައި ދިޔައީ..ކީއްވެތަ ދިޔައީ؟" މިކާލްގެ އަޑަށް ކައިލް އެނބުރި ބަލާލައިފިއެވެ. އޭނަ ކާރަށް އަރާފައި ކާރު ސްޓާޓްކުރިއެވެ.

"ޑޮކްޓަރ ނޯރާ؟" ކޮންމެވެސް މީހަކު ނޯރާ ގެއްލިފައި ހުއްޓާ ގޮވައިލިއެވެ. އޭނަ ބަލައިލިއިރު ކައިލްގެ ކާރު ލޯމައްޗަށް ގެއްލިއްޖެއެވެ. ހިތް ތިރިއަށް ވެއްޓިގެން ދިޔަކަމުގެ އިހުސާސްކުރެވުނެވެ. ދެން ދުވަހެއްގެ ކޮޅުންވެސް އޭނައައި ކައިލް ދިމާވާނެހެއްޔެވެ؟ އޭނަ ކައިރިއަށްގޮސް އަނގަ ބަހުން ސަލާމްކުރިނަމަ ރަގަޅުވީސްހެއްޔެވެ؟ އަށް އަހަރު ވާންދެން އޭނަ ކައިލްގެ މޫނު ހަނދާން ނައްތައިލަން ކުރިހާ މަސައްކަތް ބޭކާރުވެއްޖެކަން ޔަގީނެވެ." ޑޮކްޓަރ ނޯރާ. އިމަޖެންސީގައި ޕޭޝަންޓެއް....."

ނަރުސްކުއްޖާގެ ފަހަތުން ނޯރާ އަވަހަށް އެތެރެއަށް ވަނެވެ. އޭނަގެ ޑިއުޓީ ނިމުނުއިރު އިރުއޮއްސުމާއި ދާދި ގާތްވެއްޖެއެވެ. އޭނައަށް ހަމަޖެހިފައިވާ ކޮޓަރިއަށް ވަންއިރު އެތާ ރަސްކަން ކުރަނީ އަރާމު ވަރެއްގެ ހޫނު ކަމެކެވެ. ހީފިލިއެވެ. އޭނަ ޑޮކްޓަރުގެ ހެދުން ބަދަލުކޮށް ވިޔެފައިވާ ސްވެޓަރަކާއި ޖިންސެއްލައިގެން އަރާމުވެލިއެވެ. އޭނަ މޭޒުކައިރީގައި އިށީދެ ފަރުދާ ކަހާފައިވާ ކުޑަދޮރުން ބޭރަށް ބަލައިލިއިރު މަޑު ދަނބުކުލައެއްގައި އުދަރެސް ފެންނާން އޮތެވެ.

ކައިލް ލުޒާން އަށް އައީ ހެއްޔެވެ؟އޭނަ ދިރިއުޅެނީ ކޮންތާކުބާވައެވެ. ނޯރާއާއި ކައިލްގެ މާމަ ޒާފިރާ ކިތަންމެ ފަހަރަކު ބައްދަލުވުމުގެ ނަސީބު ލިބިއްޖެއެވެ. އެއީ މާމަ ޗެކަޕަށް އަންނައިރުގައެވެ. ކައިލްގެ ޚަބަރު ނޭހުނު ކަމުގައިވިޔަސް އޭނަ މާމައާއި ވާހަކަދައްކާ އަނގަތަޅައިލަން ލޯބިކުރެއެވެ. ކައިލްއާއި ބެހޭގޮތުން މާމަ ބުނިހާވެސް އެއްޗަކީ ކައިލް ވިޔަފާރިކުރަން އެހެން ޝަހަރެއްގައި އުޅެމުންދާ ކަމުގައެވެ. އިތުރު ވާހަކައެއް ނުދައްކައެވެ. އެންމެ ރަގަޅެވެ. ކައިލް މިރަށުގައި ހުއްޓަސް އޭނައާއި ކޮންކަމެއް ހެއްޔެވެ؟ އޭނައަށް ކުރެވޭނެ އެއްވެސް ކަމެއްނެތެވެ. އެދެމީހުންގެ ގުޅުމެއްވެސް އޮތީ ނޫންވިއްޔާއެވެ. އޭނަވެސް ބޮޑުވެ ފުރާފުރިހަމަ އަންހެންކުއްޖަކަށް ވެއްޖެއެވެ. މިއީ ފިރިހެނަކާއިމެދު ވިސްނަން އެންމެ ގޯސް ދަނޑިވަޅެވެ.

ނޯރާ ތެދުވެގެން ހޯލުގެ އެއްފަރާތުން ކުރިއަށް ދިޔައެވެ. އަދި ކޮޓަރިއެއްގެ ދޮރުގައި މަޑުމަޑުން ޓަކިދިނެވެ.

"އެތެރެއަށް ވަދޭ...." ފިރިހެނަކު ބުނެލިއެވެ. ނޯރާ ދޮރު ހުޅުވާލާފައި އެތެރެއަށް ނަޒަރު ހިންގައިލިއެވެ. މޭޒުކައިރީ އިން ތިރީހަކަށް އަހަރުގެ ޒުވާނާ ނޯރާގެ ފިރިހެން ވާޝަންއެއްފަދައެވެ. ކަޅުކުލައިގެ ކުރު އިސްތަށިގަނޑަކާއި މުށި ލޮލެވެ. ނާޔަލް އޭނަގެ ލޮލުގައި ވި އައިނު ނަގާފައި ގޮނޑީގެ ފަހަތުބައިގާ ލެނގިލިއެވެ.

"ކޮންކަމަކާއި މިތަނަށް ތިއައީ ލިލް ސިސް..؟" ނާޔަލް އެހިއެވެ.

"ޒައިނަބް އާންޓީ ދައުވަތުދިން. ވީކެންޑްއަށް އަންނަން..." ނޯރާ ވަތްގަނޑު ހުޅުވާލާފައި ޗޮކްލެޓް ދަޅެއް ނެގިއެވެ. އެ ދަޅު ހިފައިގެންގޮސް ކުޑަދޮރު ދާލަ ސީޓުމަތީގައި އިށީނެވެ." ނާޔަލް. އަހަރެން ބޭނުމީ ވިންޓަފެލް ދޫކޮށްދާން.."

އޭނަ އެހާ ވަރުން ފޮރުވައިގެން ބަލައިގެން ބޭނުންކުރަމުން އައި ޗޮކްލެޓް ދަޅު އިރުގަނޑެއްނުވަނީސް ދަހިކޮށް ކާލަން އިނދެ ނޯރާ އިއްވައިލީ ވަރުގަދަ ޚަބަރެކެވެ.

"ރުހޭ ކަހަލަ ތަނެއް ފެނުނީތަ؟" ނާޔަލް ބުމަ އުފުލައިލަމުން އެހިއެވެ.

"އާނ...ފެނިއްޖެ.." ނޯރާ ބޯ ޖަހައިލިއެވެ."އެކަމަކު މައްސަލައެއް އެބައުޅޭ. ޒައިނަބް އާންޓީ އަހަރެން އެހެން ތަނަކަށް ދާކަށް ގަބޫލެއްނޫން. އާންޓް ބޭނުންވަނީ އެގޭގައި ދިރިއުޅެން.."

" އެބުނަނީ ރަގަޅަށް. އައިޒަކްއާއި މެރީކުރުމަށްފަހު އެގެއިން ދާންވީ ކީއްވެތަ؟" ނާޔަލްގެ ޖުމްލައިން ނޯރާ މޫނު ހަދައިލިއެވެ.

"އެ ވާހަކަ ނުދައްކާ..އެހެން ބުނީމަވެސް ރުޅިއައިއްސި. އަހަރެން އެގޭގައި ހުންނާކަށް ބޭނުމެއްނޫން އަދި އައިޒަކްއާއި އިންނާކަށް އެއްވެސް ޝައުގެއްނެތް...." ނޯރާ ތެދުވުނެވެ. އޭނައަށް އެހެން މަގެއް ނެތްކަންވެސް އެނގެއެވެ. ނޯރާއާއި ނާޔަލްއަށްވެސް އެހިސާބަށް އާދެވުނީ ޒައިނަބްގެ ސަބަބުންނެވެ. ޒައިނަބު އެހީވީ މަހުމޫދަށްޓަކައެވެ. ވައުދުވީ ފަދައިން އޭނަ ނާޔަލް ޖަލުން ނެރެދިނެވެ. އަދި ކޯޓުގައި ނާޔަލްގެ ކުށެއްނެތްކަން ސާބިތުކޮށްދިނެވެ. ޒައިނަބު ނޯރާއާއި އައިޒަކްގެ ކައިވެނި ހަމަޖެއްސުމުން އޭނަ ބެދުނެވެ. އަދި މަޖުބޫރުވީވަރުން އެއްބަސްވިއެވެ. އާއެކޭ ބުނުވުނު ސިކުންތުކޮޅުގައިވެސް އޭނަ އެކަމާއި ހިތާމަކުރިއެވެ. ކުށްވެރިޔަކީ އައިޒަކްއެވެ. އޭނަ ފާޅުގައި ނޯރާގެ ފަހަތުން ނުދުވިނަމަ އެދެމީހުން ކައިވެނީގެ ގޮތުން ގޮށްޖަހައިލަދޭން ޒައިނަބުގެ ޚިޔާލަށް ނައީހެވެ. ހުރިހާ ދުވަހަކަށްވުރެ މިއަދު ނޯރާ އެކަމާއި ހިތާމަކޮށްފިއެވެ. އޭނަ އައިޒަކްއާއި ކައިވެނިކުރަން ބޭނުމެއްނޫނެވެ. އަދި ބާކީ އެއްމަސް ދުވަސް އެބައޮތް ނޫންހެއްޔެވެ؟ އެކަމާއި ދުރުވާން ކޮންމެވެސް ރޭވުމެއް ރާވަން ޖެހޭނެއެވެ.

"ނޯރާ. އެމީހުންގެ ކޮށްދިން ހާ ކަންތަކަށްފަހު ވެދިން އިހުސާންތެރިކަމަށްފަހު އެމީހުންގެ މޫނުމަތީގައި ކޮޅުފައިން ޖަހާކަށް ނުވާނެ. އަދި....ބައްޕަވެސް ފެނުނީއެއް ނޫން. އެމީހުންނާއިހެދު ފުލުހުން އެކޭސް ކްލޯޒް ނުކޮށް އަދިވެސް ބައްޕަ ހުރިތަނެއް ހޯދަމުން އެދަނީ. އަދިވެސް އެކޭސް އެކްޓިވް"ނާޔަލް ނޯރާއަށް ހަނދާންކޮށްދިނެވެ.

"އަހަންނަށް ނާޔަލްއާއެކު ދިރިއުޅެވިދާނެ...ތިއީ އަހަރެންގެ ބޭބެ. އަބަދަށްޓަކާ ވިންޓަފެލްގައި ދިރިއުޅެންވީ ކީއްވެ؟" ނޯރާ އޭނަގެ އަތުން ހަރަކާތެއް ގެނައީ އެކަމުގައި ހުރި ހެއްވާކަން ބަޔާންކޮށްދިނުމަށެވެ." އެއްވެސް މާނައެއް ހުރިކަމެއް ނޫން....."

ނޯރާ ފަސް އަހަރުވާންދެން އުޅުނީ ޑޯމްގައެވެ. ޑޮކްޓަރަކަށް ވުމަށް ކިޔެވުމުގައި އަވަދިނެތިއެވެ. ކޮލެޖް ނިމުމުން ޒައިނަބްގެ އެދުމުގެ މަތިން ވިންޓަފެލްގައި ހުންނަން މަޖުބޫރުވީއެވެ. މިހާރު މިއީ ޚާއްސަވާންވެގެން އޭނަ ކިޔަވާތާ ތިންވަނަ އަހަރެވެ. އޭނަގެ ކިޔެވުމަށް ޒައިނަބު ކުރި ޚަރަދު އޭނަ ކޮންމެ މަހަކު ދައްކަމުން ދިޔައެވެ. އެ ހޮސްޕިޓަލާއި ޒައިނަބުއާއި ދެމެދު އޮތް ގުޅުމަށްޓަކާވެސް ޝުކުރުހުއްޓެވެ. ޖަލުން ސަލާމަތްވުމަށްފަހު ނާޔަލްއަށް ވަޒީފާ ހަމަޖެހުނު ސަބަބަކީ އެއީއެވެ.

"އަހަރެންވެސް ދިރިއުޅެނީ އެޕާޓްމެންޓެއްގައި އަދި އެތަނުގައި ކުއްޔަށް އުޅެނީވެސް އެކުވެރި ޑޮކްޓަރުން. އެއީ އަންހެންކުއްޖަކު އުޅެން އެކަށީގެންވާ މާހައުލެއްނޫން...."

"ނާޔަލް. އެހެންވިއްޔާ ދެމީހުންވެގެން ގެއެއް ގަންނާނީ.." ނޯރާ ބުނެލިއެވެ.

" އޭރުން ޒައިނަބު އާންޓީ އަހަރެމެންނަށް އެގެ ގަނެދޭން ފައިސާ ޚަރަދުކުރާނެ........." ނާޔަލް ކޮނޑު އަރުވައިލިއެވެ.

"ވިންޓަރފެލް އަހަރެމެން ދޫކޮށެއް ނުލާނެ...."ނޯރާ ނާޔަލްގެ ޖުމްލަ ނިންމައިލަދިނެވެ.

"ކައިވެންޏަށް ދައުވަތު ބަހައިލީމަ ދުވަން ތިއުޅެނީ ކީއްވެތަ؟" ނާޔަލް ވަތްގަނޑުން ކާޑެއްނެގިއެވެ. ނޯރާ ތޫފާނެއްފަދައިން އައި ބާރުމިނުގައި އެކާޑު ޖަހައިގަތްގޮތަށް ދެފަޅިއަށް ވީދާލާފައި ޑަސްބިނަށް ލައިފިއެވެ. ނޯރާ ބޭނުންގޮތަށް ނުވި އެ ނުބައި ކައިވެނީގެ ވާހަކަ ދެއްކިކަމަށްޓަކާ އޭނަ ނާޔަލްދެކެވެސް ރުޅިއައެވެ.

"އައި ލައިކް އައިޒަކް...."ނާޔަލް ތެދު ހާމަކުރިއެވެ." އޭނަ ތަންކޮޅެއް ޑިފިކަލްޓް އަދި ފޮނި ފުރަތަމަ ނަޒަރުން ބަލައިލާއިރު. އެކަމަކު އޭނަ ދެނެގަނެވުނީމަ އެނގޭ ވަރަށް ރަގަޅުކަން......."

ނާޔަލް ފެށި ވާހަކަ ނާހަން ވެގެން ނޯރާ ބާރުބާރަށް އެތަނުން ނުކުތުމުން ނާޔަލް ހިނި އައެވެ. ނޯރާ ހަމަޔަކަށް އެޅި މައިތިރިވީމަ އެކަމާ އެހާ ދެރަނުވާނެކަން ނާޔަލްއަށް ޔަގީނެވެ. އައިޒަކް ނަފްރަތުކުރަން އޮންނާންވީ ވެސް ކޮން ސަބަބެއް ހެއްޔެވެ؟

***

ނޯރާއަށް އެތަނަށް ދެވުނީ ކިހިނެއްކަމެއް ނޭގެއެވެ. އެކަމަކު ކާރު އެކި މަގުތަކުންގޮސް ނިކުމެވުނީ ކުރިން ޕެޓްރިކޯ ހުރި މަގަށެވެ. އެކަމަކު އެތަން ފެންނާކަށް ނެތެވެ. އޭގެ ބަދަލުގައި އެތާވެސް ހުރީ އުސް އިމާރާތެކެވެ. އޭނަ ކައިލްމެންގެ ކޮޓެޖާއި ހަމަޔަށް ދިޔައެވެ. ކޮޓެޖްގެ ބަދަލުގައި އެތާގައި ހުރީ ސުޕަމާކެޓެކެވެ. ފާއިތުވެ ދިޔަ އަހަރުތެރޭގައި އެތައް ކަމެއް ބަދަލުވެއްޖެއެވެ. އެއްވެސް ކަމެއް އެގޮތުގައި ދެމިގެނެއް ނުދިޔައެވެ.

ނޯރާއަށް ވިންޓަފެލްއާއި ހަމަޔަށް ފޯރިއިރު އެންމެން ރޭގަނޑުގެ ކެއުމަށް އިންސާފުކުރަނީއެވެ. އޭނަ އެ ހިސާބުން ގޮސް ސިޑިބަރިން އަރައިގެން ދިޔައިރު އުފާކުރީ އެކެއްގެ ނަޒަރުގައިވެސް އޭނަ އަޅައިނުގަތީމައެވެ. މިއީ އޭނަގެ އާއިލާއެއް ނޫނެވެ. އަދި އެމީހުންނާއިއެކު ކެއުމުގައި ބައިވެރިވާންއިރު އޭނަގެ ހިތުގައި އުފާވެރިކަމެއް ޝައުގެއްވެސް ނުހުރެއެވެ. އެންމެން އޭނައަށް ހެޔޮކަމުގައި ވިނަމަވެސް އެވެ.

ނޯރާ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލަން އުޅެނިކޮށް ހުރަސް އެޅީ ދޮރުދޭތެރެއަށް ކޮށްޕައިލި ބޫޓެކެވެ.

"ގެއަށް ތިއައީ ހާދަ ލަހުން...." އައިޒަކް ދޮރުމަތިން ފައި ނެގިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު