މާލޭ މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

ޖޫން 15، 2020: މާލޭގެ މިސްކިތެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ މިސްކިތަތްކުގައި ސީސީޓީވީ ކެމެރާ ހަރުކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މާލޭގެ މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަޝްރޫއުގެ ދަށުން، މާލޭގެ މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ބޭނުންވާތީ، މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 17 ވަނަ ދުވަހު ބީލަން ރަޖިސްޓަރީ ކުރުމާއި މައުލޫމާތު ސާފުކުރުމަށް ވަޑައިގަތުމަށް ކައުންސިލުން ވަނީ އެދިފައެވެ. އަދި އަގު ހުށަހެޅުއްވޭނީ މި މަހު 23 ވަނަ ދުވަހުގެ ހެނދުނު 09:00 ކަމަށް ވެސް ބުނެފައިވެއެވެ.

މިވަގުތުގެ ފަހުން ލިބޭ ބީލަންތައް ބަލައި ނުގަންނާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.

މާލޭގެ ހުރިހާ މިސްކިތްތަކެއްގައި ސީސީޓީވީ ހަރުކުރަން ނިންމީ މިސްކިތްތަކަށް ދޭންވާ ވަރަށް އިހްތިރާމް ނުދޭކަމުގެ ގިނަ ޝަކުވާ ތަކެއްގެ ސަބަބުން ކަމަށް މީގެ ކުރިން މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަދި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވަނީ "ސަން" އަށް ވިދާޅުވެފައެވެ.

"ގާތްގަނޑަކަށް ބުނާނަމަ އަޅުގަނޑުމެން ކައުންސިލާ ހަވާލުވީއްސުރެ މި އަންނަނީ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރާ ކުދިންނާއި، އެތަނުން ވައްކަން ކުރުމާއި އެތާ ނިދާ ކައިބޮއެ ހެދުމާ މިޒާތުގެ އެތައް ކަމެއް މިސްކިތްތައް ތެރޭ އެބަ ހިނގާ،" ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ ހުރިހާ މިސްކިތްތައް ސީސީޓީވީ ވިއުގައަކުން ގުޅާލުމަށްފަހު ކޮންޓްރޯލް ސިސްޓަމް ކައުންސިލް އިދާރައިގައި ބަހައްޓައިގެން ކައުންސިލުން ބަލަހައްޓާ، މޮނިޓަ ކުރާނެ ކަމަށެވެ.

comment ކޮމެންޓް