ވަޒީފާގެ ބިރުވެރިކަން އޮތް ކަމަށް ބުނެ، އިމިގްރޭޝަން މުވައްޒަފުންތަކެއްގެ ކަންބޮޑުވުން!

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރު މުއްދަތެއްގެ ތެރޭގައި އިމޮގްރޭޝަންގެ ހަތަރު ޒިންމާދާރު ވެރިން ބަދަލުކޮށް ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ޒާތީ ގޮތުން ސީނިއަރ މުވައްޒަފުންނާ މެދު ހަރުކަށި ފިޔަވަޅު ތަކެއް އަޅަމުން އަންނަ ކަމަށް ބުނެ، މުވައްޒަފުންތަކެއް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިމިގްރޭޝަންގެ އޮފިޝަލަކު "ސަން"އަށް ކިޔައިދިން ގޮތުގައި ވަގުތީ ޒިންމާދާރުވެރިޔާ އެންމެ ފުރަތަމަ ބަދަލުކޮށްފައިވަނީ އޭނާ ޗުއްޓީގައި ހުއްޓައެވެ. އޭނާ ޒިންމާއިން ދުރުކުރުމަށްފަހު ދެން އެ މަގާމު ވަގުތީ ގޮތުން ހަވާލުކުރި ބޭފުޅާ ވެސް ޗުއްޓީއަށް ވަޑައިގަތުމުން އަނެއްކާ ވެސް އެ ޒިންމާ އެހެން ބޭފުޅަކާ ހަވާލުކުރިއެވެ.

"މުވައްޒަފުން މަސައްކަތްކުރާ ސެކްޝަން ބަދަލުކުރިކަން އަންގައިދޭ ޗިޓްގައި ސޮއިކުރަން ޒިންމާދާރުވެރިޔާ ދެކޮޅު ހެދުމުން އޭނާ އެ ޒިންމާއިން ދުރުކޮށް، އެއަށްވުރެ މަގާމުގެ ފަންތީގެ ގޮތުން ދަށް މުވައްޒަފަކަށް ވަގުތީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ހަވާލުކޮށް އެ މުވައްޒަފު ލައްވައި ވަނީ ވަޒީފާ އަދާކުރާތަން ބަދަލުކުރިކަން އަންގައިދޭ ލިޔުމުގައި ސޮއިކުރުވާފައި،"

ސިވިލް ސާވިސްގެ ގަވާއިދުގައިވާގޮތުން މުވައްޒަފާ މެދު ފިޔަވަޅެއް އެޅުމުގެގޮތުން މަސައްކަތްކުރާ ތަން ބަދަލުކުރެވޭނީ އެ މުވައްޒަފަކު ކުރި ކުށެއް އަންގައި، އެ މައްސަލައިން ދިފާއުވުމަށް ފުރުސަތުދީ މައްސަލަ ބެލުމަށްފަހު ނުކުންނަ ނަތީޖާއެއްގެ މައްޗަށް ބެލުމަށްފަހުއެވެ.

ނަމަވެސް މުވައްޒަފުން މަސައްކަތްކުރާ ތަން ބަދަލުކޮށްފައި ވަނީ އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ނާންގައި ކުއްލިގޮތަކަށް ޗިޓެއް ފޮނުވައިގެން ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ތިން ހަފްތާގެ މުއްދަތެއްގެ ތެރޭގައި ޒިންމާދާރުވެރިން ހަތަރު ފަހަރަށް ބަދަލުކޮށްފައިވާއިރު، އޮފިޝަލް ކިޔައިދިން ގޮތުގައި ކޮންޓްރޯލާ ޖެނެރަލް އަންނަނީ އޭނައާ ޚިޔާލު ތަފާތުވާ މުވައްޒަފުންނާ މެދު ޒާތީގޮތުން ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެގޮތުން ތަނުގެ އެންމެ ސީނިއާ މުވައްޒަފުން ބައެއް ޒިންމާތަކުން ދުރުކޮށް، އަތޮޅުތެރޭގެ ބައެއް ޔުނިޓްތަކަށް ބަދަލުކުރަމުން އަންނަ ކަމަށް "ސަން" އާ ވާހަކަ ދެއްކި އޮފިޝަލް ކިޔައިދިނެވެ.

"ކޮންޓްރޯލާ ޖެނެރަލްގެ އަމަލުތައް ހުންނަގޮތުން ސިފަކުރެވެނީ ޑޮމޮކްރެޓިކް ވެއްޓެއްގައި މަސައްކަތްކުރާ ޑިމޮކްރެސީއާ ބީރައްޓެހި ޚުދުމުޚްތާރު ވެރިއެއްގެ ގޮތުގައި. އަދި އޭނާއަށް ލިބިފައިވާ ބާރުތައް ބޭނުންކުރަމުންދަނީ މޮޔައެއްގެ އަތަށް ކަނޑިއެއް ދިނީމަ ބެލުމެއް ނެތި އެ ހޫރަމުންދާ އުސޫލުން،" އޮފިޝަލް ވިދާޅުވިއެވެ.

އިމިގްރޭޝަންގެ އޮފިޝަލް ވިދާޅުވީ މިހާރު އެތަނުގެ މުވައްޒަފުން ތިބީ ވަރަށް ބޮޑު ނުތަނަސްކަމެއްގައި ކަމަށާއި ހުރިހާ މުވައްޒަފުންނަށް ވެސް ވަޒީފާގެ ބިރު ހީވެފައިވާ ކަމަށެވެ.

ހަމައެހެންމެ މުވައްޒަފުންގެ މިނިވަންކަމާއި ހިޔާލު ފާޅު ކުރުމަށް ވަކާލުކޮށް އައި ސަރުކާރެއްގެ ބައިވެރިއަކު މިފަދަ ކަންކަން ހިންގަމުން ދާއިރު، އެކަމާ މެދު އަޅާލާނެ ބަޔަކު ނެތުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

"ސީނިއާ މުވައްޒަފުންނާ މެދު ފިޔަވަޅު އެޅީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެ. އެކަމަކު ފިޔަވަޅު އަޅާފައި ވަނީ ޑިފެންސް މިނިސްޓަރު މާރިޔާއާ ބައްދަލުކުމަށް ދިޔަ ސީނިއާ މުވައްޒަފުންތަކަކަށްކަން އެނގޭ،" އޮފިޝަލް ވިދާޅުވިއެވެ.

އަދަބެއްގެ ގޮތުން ފުވައްމުލައް ސިޓީއަށް ބަދަލުކުރަން ނިންމާފައިވާ ކުރީގެ ޒިންމާދާރުވެރިޔާ އަކީ އިމިގްރޭޝަންގެ ސީނިއާ މުވައްޒަފުންގެ ތެރެއިން އެންމެ ބިނާކުރަނިވި މަސައްކަތްތަކެއް އެ އިދާރާއަށް ކޮށްދީފައިވާ ބޭފުޅާ ކަމަށް ވެސް އޮފިޝަލް ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) ވިދާޅުވީ ޒާތީ ތައައްސުބެއް ހާސިލް ކުރުމަށް ޒިންމާދާރުވެރިން ބަދަލުކޮށްފައިނުވާނެ ކަމަށާއި ޑިފެންސް މިނިސްޓަރާ ބައްދަލުކުރި މުވައްޒަފުންނަށް ފިޔަވަޅު އެޅި ވާހަކައަކީ ވެސް ހަމަ ސީދާ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

"ޒިންމާތައް ހަވާލު މި ކުރެވޭ މީހުން، ޒިންމާ އަދާ ނުކުރާނަމަ އެކަމުން ވަކި ކުރާނެ. އެކަމަކު ތިން ހަފްތާ ތެރޭގައި ހަތަރު ޒިންމާދާރުވެރިން އައްޔަންކޮށްފައިނުވާނެ،" ހަނަފީ ވިދާޅުވިއެވެ.

ހަނަފީ ވިދާޅުވީ އަތޮޅު ތެރެއަށް މުވައްޒަފުން ފޮނުވަން ނިންމައިފައިވަނީ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން އިމިގްރޭޝަންގެ މަސައްކަތްތައް އިތުރަށް ކުރިއެރުވުމަށް ކަމަށެވެ. އަދި ވަކި ރަށްރަށަށް ފޯކަސް ކޮށްގެން، މިކަން ކުރަމުން އަންނަ ކަން ވެސް ފާހަގަކުރެއްވިއެވެ.

"މި ކަމުގައި އެއްވެސް ޒާތީކަމެއް ނުވާނެ އިނގޭތޯ. އަޅުގަނޑުމެން އަންގާފަ ވާނީ ދެ ތިން މަސް ދުވަހަށް އަތޮޅުތެރެއަށް ބަދަލުކުރަމުން އަންނާނެ ކަން، އެކަމުގައި އެޗްއޯޑީން ވެސް އިސްތިނާ ނުވާނެ، މިއީ އަތޮޅު ތެރޭގަ އިމިގްރޭޝަން ހިދުމަތް އިތުރަށް ރަނގަޅު ކުރުމަށް އަޅާ ފިޔަވަޅެއް،" ހަނަފީ ވިދާޅުވިއެވެ.

މީގެ އިތުރުން ހަނަފީ ވިދާޅުވީ އެ ބޭފުޅާ އެ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު، އިމިގްރޭޝަންގައި އެސްއޯޕީއެއް ވެސް ހެދިފައިނުވާ ކަމަށާއި ސްޓްރެޓެޖިކް ޕްލޭނެއް ހެދީ ވެސް 13 އަހަރު ފަހުން ކަން ފާހަގަކޮށްފައެވެ.

މިހާރު މަސައްކަތް މި ކުރަމުން އަންނަނީ ވަކި މިސްރާބެއް، ވަކި މަގްސަދެއް އޮވެގެން ކަން ފާހަގަކުރައްވައި ހަނަފީ އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ފައިދާ ހޯދުމަށް ކުރަން ޖެހުނު ކަމެއްގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ.

comment ކޮމެންޓް