ކުރިއަށް އޮތް ތިން ދުވަހު، ކުދި އުޅަނދުތަކުގައި ރޭގަނޑު ދަތުރު ނުކުރުމަށް އިލްތިމާސް ކޮށްފި

މޫސުން ގޯސްވެފައިވާ ދުވަހެއްގައި ކަނޑު އުޅަނދެއް ދަތުރުކުރަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ކުރިއަށް އޮތް ތިން ދުވަހު، ކުދި އަދި ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު ދަތުރު ނުކުރުމަށް އެމްއެންޑީއެފްގެ، ކޯސްޓްގާޑުން އިލްތިމާސް ކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނީ މޫސުމާ ބެހޭ ގައުމީ އިދާރާއިން، ކުރިއަށް އޮތް ތިން ދުވަހު ރާއްޖެ ސަރަހައްދުގައި ވައިގަދަވުމާއެކު ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެގޮތުން ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްފަހުގައި ދަތުރުތައް ރޭވުމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

އެމްއެންޑީއެފް އިން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި އަދި އުޅަނދުގައި ލައިފްޖެކެޓާއި މުއާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށް ސަމާލުކަން ދިނުމަށް އެދިފައެވެ.

މުދާ އުފުލާ އުޅަނދުފަހަރުތަކުން ވެސް މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލު ކުރުމަށާއި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށް ވެސް އިލްތިމާސްކުރިއެވެ. އަދި ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ސަމާލުކަން ދިނުމަށް ވެސް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖެއާ ދުރުން ބޭ އޮފް ބެންގޯލްގެ ހުޅަނގުދެކުނުގައި އުފެދުފައިވާ ކޮޅިގަނޑު ހުޅަނގުއުތުރަށް ޖެހި، މިއަދު އިންޑިއާގެ އައްސޭރި ފަށަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވުމާއެކު، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެ އެވެ.

މިގޮތުން މެދު ރާއްޖެ ތެރޭ އަތޮޅުތަކަށް ގަޑިއަކު 17 މޭލާ 27 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެނިހެން ސަރަހައްދުތަކަށް ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ.

ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފްއިން އެދިފައިވެއެވެ.

comment ކޮމެންޓް