ނަރުހުގެ ހަށިގަނޑު ގައުމަށް ފޮނުވައިފި، ފިރިމީހާގެ ބަންދަށް އިތުރު 15 ދުވަސް

މޭރީ ގްރޭސް -- ފޮޓޯ/ ފޭސްބުކް

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދަނިކޮށް މަރުވި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ ހަށިގަނޑު އޭނާގެ އާއިލާއާ ހަވާލު ކުރުމަށް ފިލިޕީންސްއަށް ފޮނުވައިފިއެވެ.

ފުލުހުން މިއަދު ބުނީ ގްރޭސްގެ ހަށިގަނޑު އިއްޔެ މެންދުރު ފަހު ފިލިޕީންސްއަށް ފޮނުވާފައި ވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

ގްރޭސްގެ މަރާ ގުޅިގެން މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ އޭނާގެ ފިރިމީހާ އެކަންޏެވެ. އެއީވެސް އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ނަރުހެކެވެ. އޭނާ ހައްޔަރު ކުރީ މިދިޔަ މަހުގެ 27ގައެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު ގްރޭސް މަރުވީ އަމިއްލައަށް ކަމަށް ފުރަތަމަ ބެލެވުނު ނަމަވެސް އޭނާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރިކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ ހަށިގަނޑު ޕޯސްޓަމް ހަދަން އިންޑިއާއަށް ފޮނުވިއެވެ.

އޭގެ ފަހުން ގްރޭސްގެ ހަށިގަނޑު ރާއްޖެ ގެނައީ މި މަހުގެ ހަވަނަ ދުވަހުއެވެ.

ފުލުހުން ބުނީ ގްރޭސް މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ނުބެލެވޭ ކަމަށާއި އޭނާ މަރުވީ "ބްލަންޓް އިންޖަރީސް"ގެ ސަބަބުން ކަމަށް ޕޯސްޓްމޯޓަމްއިން ދައްކާފައިވާ ކަމަށެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ގްރޭސް ދަންޖެހިގެން މަރުވީ ކަމަށް ބުނެ އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ފިރިމީހާއެވެ. އެއީ ގްރޭސް އެދުވަހު ހޮސްޕިޓަލުގައި ޑިއުޓީގައި ހުރެފައި ބްރޭކަށް ދިޔަތާ އިރުކޮޅެއް ފަހުންނެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މޭރީ އަމިއްލައަށް ދަންޖެހިގެން މަރުވީ ކަމަށް އޭނާގެ ފިރިމީހާ އެއް ފަހަރު ބުނުމަށްފަހު, ފަހުން ބުނެފައިވަނީ ކުއްލި އަކަށް ހޭނެތިގެން ވެއްޓުނީ ކަމަށެވެ.

comment ކޮމެންޓް