ޓްރެފިކް ޖޫރިމަނާތަކާ ބެހޭ ގޮތުން އާންމުންނަށް ޝަކުވާ ހުށަހެޅޭނެ މަގެއް ފަހިކޮށްދީފި

މާޗް 2، 2021: ސިނަމާލެ ބްރިޖް ސަރަހައްދުގައި ހަވީރު ބާރުބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރުމުން އެެކަމުގައި އެއްވެސް ޝަކުވާއެއްވާނަމަ އާންމުންނަށް ޝަކުވާ ހުށަހެޅޭނެ ފުރުސަތު ޓްރާންސްޕޯޓް މިނިސްޓްރީން ފަހިކޮށްދީފިއެވެ.

މި ގަވާއިދުގެ މައިގަނޑު ބޭނުމަކީ ޖޫރިމަނާއާ ގުޅިގެން ޝަކުވާ
ހުށަހެޅުމާއި، އެ ޝަކުވާތައް ބެލޭނެ ނިޒާމެއް ގާއިމުކުރުމެވެ. އަދި ޝަކުވާ މިނިސްޓްރީއަށް ހުށަހެޅުމުގެ އުސޫލުތައް އާންމުކުރުމެެވެ. އެއާއެކު ހުށަހެޅޭ ޝަކުވާތައް ބެލުމުގެ އިޖުރާއަތުތަކާއި، ޖޫރިމަނާކުރި ކުރުން މުރާޖާކުރެވޭނެ ހާލަތްތައް ބަޔާންކުރުމެެވެ.

ޝަކުވާ ހުށަހެޅުމާ ގުޅޭގޮތުން އެ މިނިސްޓްރީން އާންމުކޮށްފައިވާ ގަވާއިދުގައިވާ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޖޫރިމަނާކުރެވިފައިވާ ކޮންމެ މީހަކަށް ވެސް ލިބިގެންވެއެވެ. އެގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ޖޫރިމަނާކުރެވުނު ތާރީހުން ފެށިގެން 30 ދުވަހުގެތެރޭ ޝަކުވާ ހުށަހަޅަންޖެހެއެވެ.

އޭގެ ފަހުން ހުށަހަޅައި އެއްވެސް ޝަކުވާއެއް ބަލައިނުގަންނާނެކަމަށް އެ މިނިސްްޓްރީގެ ގަވައިދުގައިވެއެވެ.

ޖޫރިމަނާކުރުމުން ޝަކުވާ ހުށަހެޅެނީ ހަތަރު ހާލަތެއްގައެވެ. އެއީ ޖޫރިމަނާ ކުރަންޖެހޭ ހާލަތެއް މެދުވެރިނުވަނީސް ޖޫރިމަނާކުރުމާއި، ޖޫރިމަނާކުރަންޖެހޭ ފަރާތްނޫން އެހެން ފަރާތެއް ޖޫރިމަނާކުރުމެވެ. އަދި ޖޫރިމަނާކުރަން ޖެހޭފަދަ ހާލަތެއް މެދުވެރިވުމުން ކުރި ޖޫރިމަނާއަކީ ސައްހަނޫން އަދަދަކުން ކުރި ޖޫރިމަނާއަކަށްވުން ހިމެނެއެވެ. މީގެެ އިތުރުން ޖޫރިމަނާއެއް ކުރެވިދާނެކަމުގައި ބަޔާންކޮށްފައިނުވާ ހާލަތެއްގައި ޖޫރިމަނާކުރުން ވެސް ހިމެނެއެވެ.

https://sun.mv/157831

މިދިޔަ މަހު އާންމުކުރި އެއްގަމު އުޅަނދު ދުއްވުމުގެ އާންމު ގަވައިދުގެ ދަށުން ގިނަ ކަންތައްތަކެއްވަނީ ޖޫރިމަނާކުރެވޭނެ ކަންކަމުގެ ގޮތުގައި ފާހަގަކޮށްފައެވެ. އެގޮތުން ފޯނު ފަދަ އެއްވެސް މުއާސަލާތީ ވަސީލަތެއް ބޭނުން ކުރަމުން ނުވަތަ އަތުން ހިފައިގެން ދުއްވާނަމަ ޖޫރިމަނާކުރެވޭނެއެވެ. އަދި ނުރައްކާތެރިކޮށް އުޅަނދު ދުއްވާނަމަ ވެސް ބޮޑު އަދަދަކުން ޖޫރިމަނާކުރާނެއެވެ.

comment ކޮމެންޓް