ހިޔާގެ ކުދިންނަށް އަނިޔާ ކުރުން: ދައުވާ ކުރީ ރޭންކު ދަށް 13 ފުލުހަކަށް

ފުލުހެއް ޔުނީފޯމުގައި--

ކުޑަކުދިންގެ ހިޔާގެ 12 އަހަރުން މަތީގެ ކުދިންތަކަކަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި، ރޭންކު ދަށް 13 ފުލުހަކަށް ދައުވާ އުފުލައިފިއެވެ.

އިތުބާރު ހުރި މަސްދަރަކުން "ސަން"އަށް ކަށަވަރު ވެފައިވާ ގޮތުގައި އެ 13 ފުލުހުންގެ މައްޗަށް އުފުލާފައިވަނީ ރަހުމު ކުޑަ، ލާއިންސާނީ އިހާނެތި އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.

އެ ދައުވާ އުފުލީ އެންޓި ޓޯޗާ ގާނޫނުގެ 21 ވަނަ މާއްދާއާއި 26 ވަނަ މާއްދާގެ (ހ) އާއި 15 ވަނަ މާއްދާއާ ހަވާލާދީ، އެ ގާނޫނުގެ 23 ވަނަ މާއްދާގެ (ކ)ގެ އެއްވަނަ ނަންބަރުގެ ދަށުންނެވެ.

މި ދައުވާ ސާބިތުވެއްޖެ ނަމަ، އަދަބަކީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަތެއްގެ ޖަލު ހުކުމެކެވެ.

މި މައްސަލައިގައި ދައުވާ ކުރި 13 ފުލުހުންގެ ތެރޭގައި ތިން އަންހެން ފުލުހަކު ވެސް ހިމެނެއެވެ.

ދައުވާ ކުރި ފުލުހުންނަކީ؛

  1. ފާތިމަތު ޝިރުފާ (ސާވިސް ނަންބަރު 5156)
  2. އަފްސާނާ އަބްދުލްވައްހާބު (ސާވިސް ނަންބަރު 3714)
  3. އައިޝަތު އަމްސޫދާ (ސާވިސް ނަންބަރު 3369)
  4. އާދިލް އަލީ (ސާވިސް ނަންބަރު 2763)
  5. އިކުލީލު ޖަވާދު (ސާވިސް ނަންބަރު 4141)
  6. ޝަނާޒު އަހްމަދު (ސާވިސް ނަންބަރު 1864)
  7. ހަސަން ނާފިއު (ސާވިސް ނަންބަރު 4442)
  8. އާދަމް ނަސީމް (ސާވިސް ނަންބަރު 2083)
  9. ސާމް އުމަރު (ސާވިސް ނަންބަރު 2590)
  10. އަހްމަދު މަމްނޫން އަލީ (ސާވިސް ނަންބަރު 3594)
  11. އިސްމާއިލް ރަފީއު (ސާވިސް ނަންބަރު 1676)
  12. ހަސަން ރިލްވާން (ސާވިސް ނަންބަރު 1908)
  13. އަބްދުލްބާރީ އަހްމަދު (ސާވިސް ނަންބަރު 3600)

އެ މައްސަލަ ހުށަހެޅީ ހިއުމަން ރައިޓްސް ކޮމިޝަނުންނެވެ.

މި މައްސަލައަކީ 2017 ވަނަ އަހަރުގެ އޭޕްރީލް 20 އިން 22 އަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ މުވައްޒަފުން ބައިވެރިވެގެން ކުޑަކުދިންގެ ހިޔާގެ 12 އަހަރުން މަތީގެ ކުދިންތަކަކަށް ކ. ތުލުސްދޫގައި ހިންގި ކޭމްޕެއްގައި ފުލުހުން ކުދިންތަކަކަށް އެކި ކަހަލަ އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

އެ މައްސަލައިގައި އެ ކޭމްޕަށް އެ ކުދިން ގޮވައިގެން އެ ކޭމްޕަށް ދަތުރުކުރި ފެރީތަކުގައި، ކުދިން ކޮންޓްރޯލު ކުރުމަށް އެ ކުދިންގެ އަތުގައި ބިޑި އަޅުވައި، ހަޑި ހުތުރު ބަހުން އެކުދިންނާ ދިމާއަށް ހަޅޭއްލަވައި، އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވެއެވެ.

މި މައްސަލައާ ގުޅިގެން ދައުވާ ކުރަން ފޮނުވި މީހުންގެ ތެރޭގައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔާ، ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރު ވެސް ހިމެނެއެވެ.

އެހެން ނަމަވެސް އެކަށީގެންވާ ހެކި ލިބިފައި ނުވާތީ ބަޝީރާއި އިތުރު ދެ ފުލުހަކަށް ދައުވާ ނުކުރަން ވަނީ ނިންމާފައެވެ.

މި މައްސަލައާ ގުޅިގެން ކުރީގެ ޖެންޑާ މިނިސްޓަރު އާމިނަތު ޒެނީޝާ ޝަހީދު ޒަކީއަށް ދައުވާކުރަން ވެސް މީގެ ކުރިން އެދުނެވެ.

އެކަމާ މެދު ޕީޖީ އޮފީހުން ނިންމީ ކޮން ގޮތަކަށް ކަން އަދި އެނގިފައެއް ނުވެއެވެ.

comment ކޮމެންޓް