މީދޫ ހިއްކި ބިމުގައި ރޯ ހައުސްތަކެއް އަޅައިދިނުމަށް ސިޔާމް އެދިވަޑައިގެންފި

މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީސް މެންބަރު، އަހްމަދު ސިޔާމް މުހައްމަދު

ދ. މީދޫ ހިއްކި ބިމުގައި ރޯ ހައުސްތަކެއް އަޅައިދިނުމަށް، މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ސަރުކާރުގައި އެދިވަޑައިގެންފިއެވެ.

ސިޔާމް މިކަމަށް އެދިވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބޭއްވި ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުންނެވެ.

ސިޔާމް ވިދާޅުވީ މީދޫއަކީ 25 އަހަރު ވަންދެން ގެވަޅެއް ނުދީ އޮތް ރަށެއް ކަމަށެވެ. އޭނާ ވިދާޅުވީ އެރަށުގެ ބިން ހިއްކުމަށްފަހު، އެ ބިން އަދިވެސް އޮތީ އެއްވެސް ބޭނުމެއް ނުކުރެވި ކަމަށެވެ.

ސިޔާމް ވިދާޅުވީ މީދޫ ހިއްކި ބިމަކީ ރައްޔިތުންނަށް ގޯތި ދެވޭ ވަރަށްވުރެ ކުޑަ ސަރަހައްދެއް ކަމަށާއި އެހެންކަމުން ރައްޔިތުން އެދެނީ އެތަނުން ގޯތި ދޫކުރުމުގެ ބަދަލުގައި ރޯ ހައުސްތަކެއް އަޅަން ކަމަށެވެ.

"ކުރިއަށް އޮތް ތަނުގަ މީދޫ ހިއްކި ބިމުގަ ރޯ ހައުސްތަކެއް އެޅުމަކީ ވެސް ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް. އެތަނުން ގެވަޅު ދީފި ނަމަ އިތުރަށް ދޭނެ ގެވަޅެއް ވެސް ނެތް. އެހާ ކުޑަކުޑަ ތަންކޮޅެއް މި ހިއްކުނީވެސް. އެހެންވީމަ އެކަން ކޮށްދެއްވުމަކީ އަޅުގަނޑު ވަރަށްބޮޑަށް އެދޭ ކަމެއް،" ސިޔާމް ވިދާޅުވިއެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމްޑީއޭ)ގެ ލީޑަރުކަން ވެސް ކުރައްވާ ސިޔާމް ވިދާޅުވީ މީދޫގެ އިތުރުން ދާއިރާގެ އެހެނިހެން ރަށްރަށުގައި ވެސް ފުޓްބޯޅަ ދަނޑުތަކާއި ފުޓްސަލް ދަނޑުތަކާއި އަދި ބޮޑެތި ދަނޑުތައް ހެދުމަށް، ބަޖެޓުގައި އެބަ އޮތް ކަމަށާއި އެހެންކަމުން އެކަންކަން ކޮށްދެއްވުމަކީ ރައްޔިތުންނަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.

ސިޔާމް ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ އެމަނިކުފާނު ފުރިހައަމައަށް ތާއީދު ކުރައްވާ ބަޖެޓެއް ކަމަށާއި ދާއިރާގެ ރައްޔިތުންގެ ތާއީދު ވެސް ބަޖެޓަށް އޮތް ކަމަށެވެ.

"އަންނަ އަހަރުގެ ބަޖެޓުގައި ދާއިރާއަށް ވެސް ގިނަ ކަންތައްތަކެއް ހިމަނާފައިވޭ. މީދޫއަށް ބެލިޔަސް ރިނބުދޫއަށް ބެލިޔަސް ބަނޑިދޫއަށް ބެލިޔަސް އަދި ހުޅުދެއްޔަށް ބެލިޔަސް. އޭގެ ތެރޭގައި ބަނދަރު މަރާމާތު ކުރުމުގެ އިތުރުން ގިނަ ކަންތައްތަކެއް ބަޖެޓުގައި ހިމަނާފައި އެބަހުރި،" ސިޔާމް ވިދާޅުވިއެވެ.

އޭނާ އެދިވަޑައިގަތީ ކުރިއަށް އޮތް ތަނުގައި މީދޫއާއި ރިނބުދޫއާއި ހުޅުދެލީގެ އިތުރުން ބަނޑިދޫއަށް ކޮށްދެއްވާނެ ކަމަށް ބަޖެޓުގައި ހިމަނާފައިހުރި ކަންކަން އަވަހަށް ފެއްޓުމަށެވެ.

"އެއީ މިދިޔަ އަހަރުގެ ބަޖެޓުގައި ވެސް ބައެއް ކަންކަން ޖައްސަވާފަ އެބޭފުޅުންނަށް އެކަން ނުވެފަ އޮތީމަ މިހެން މި ދެންނެވީ. އެކަމާ އެބޭފުޅުން ވަރަށް ދެރަވޭ. ވީމާ ފިނޭންސް މިނިސްޓަރުގެ އަރިހުން އަޅުގަނޑު އެދެނީ ކުރިއަށް އޮތް ތަނުގަ މިކަންކަން ކޮށްދެއްވުމަށް،" ސިޔާމް ވިދާޅުވިއެވެ.

މިދިޔަ ބުދަ ދުވަހު މީދޫ ކައުންސިލުން ވަނީ ސިޔާމްއާ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލު ކުރެއްވުމުގައި ރަށު ތަރައްގީއަށް ކުރަންޖެހޭ މުހިންމު ބައެއް ކަންކަމާބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

އެ ބައްދަލު ކުރެއްވުމުގައި އެންމެ މުހިއްމު ކަންތައްތަކެއްގެ ގޮތުގައި ކައުންސިލުން މަޝްވަރާ ކުރީ މީދޫގައި ހައުސިން ޔުނިޓުތަކެއް އެޅުމާ ބެހޭގޮތުންނާއި އިޖުތިމާއީ މަރުކަޒެއް އެޅުމުގެ މަސައްކަތާ ގުޅޭ ގޮތުންނެވެ.

އެ ދުވަހު މަޝްވަރާ ކުރި ކަންކަމާ ގުޅިގެން ސިޔާމް ވަނީ އެކަންކަން ކުރުމަށް ސަރުކާރަށް ބާރުއަޅައި، އެކަމުގައި އޭނާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ބަޖެޓު ބަހުސްތަކުގައި އެ ކަންކަން ފާހަގަ ކުރައްވާނެކަމުގެ ޔަގީންކަން ސިޔާމް ދެއްވިއެވެ.

comment ކޮމެންޓް