ސިވިލް ސާވަންޓުންނަށް ބޭނުން ސިޔާސީ ފިކުރެއްގައި ތިބެވޭނެ: ރައީސް

ސިވިލް ސާވިސް މުވައްޒަފުންތަކެއް ވެލާނާގެއިން ނުކުންނަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ވަކި ސިޔާސީ ފިކުރަކުން މަޖުބޫރު ކުރެވޭ ސިވިލް ސާވަންޓެއް ރާއްޖޭގައި ހުންނަން އެދިވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެއްވެސް ސިވިލް ސާވަންޓަކު ސިޔާސީ ވަކި ކަމެއްގައި ނޫޅެގެން ފިޔަވަޅު އެޅި، އެކަހެރި ކުރެވި، މަގާމުން ވަކި ކުރުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށެވެ.

"ސިވިލް ސާވަންޓުންނަކީ އެ މީހަކު ގަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމިހުރެވޭނެ މިނިވަނެއް. އެއީ ސިޔާސީ މަސައްކަތުގައި ވަކި ބަޔަކަށް ގުލާނު ކޮށްދިނުން މަޖުބޫރު ސިޔާސީ ބައެއް ނޫން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ސިވިލް ސާވަންޓުން ފޯރުކޮށްދޭ ހިދުމަތުގައި ސިޔާސީ ފިކުރެއް، ކުލައެއް، ވަހެއް އަދި ރަހައެއް އޮވެގެން ނުވާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

"[ސިވިލް ސާވަންޓުން] ކުރައްވަން ޖެހޭނެ ހާ ވެސް ކަމަކީ ސަރުކާރުގެ ސިޔާސަތާއި ވައުދުތައް އޭގެ ގޮތުގައި ތަންފީޒު ކުރެއްވުން. އެއީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރަން ތިބި ގައުމީ ހިދުމަތުގެ ފައުޖު." ރައީސް ސޯލިހު ވިދާޅުވިއެވެ.

އެ ޖަލްސާގައި ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަ ރައީސް ސޯލިހު ވަނީ އަރުވާފައެވެ.

ސިވިލް ސާވަންޓުންނަށް ބޭނުން ސިޔާސީ ފިކުރެއްގައި ތިބެވެން ޖެހޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާއިރު، ސިިވިލް ސާވިސް މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވާނަމަ ވަޒީފާ ގެއްލޭ ގޮތަށް ދިވެހި ސިވިލް ސާވިސްގެ ގަވާއިދަށް މި މަހު ވަނީ އިސްލާހު ގެނެސްފައެވެ.

އިސްލާހުކޮށްފައިވާ ގަވާއިދުގައިވާ ގޮތުން އޮފީހުގެ ރަސްމީ ގަޑީގައި ސިޔާސީ ވާހަކަދެއްކުން ވަނީ ފުރަތަމަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. ހަމައެއާއެކު ރަސްމީ ގަޑީގައި ސިޔާސީ ވާހަކަ ދެއްކުމާއި، ސިޔާސީ ބަހުސްކުރުން ވަނީ ދެވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.

މީގެ އިތުުރުން އެ ގަވާއިދުގައިވާ ގޮތުން މަސައްކަތުގެ ރަސްމީ ނުވަތަ ނުރަސްމީ ގަޑީގައި ވެސް
މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ވަނީ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. އަދި އެއާއެކު އެއީ ވަޒީފާއިން ވަކިކުރެވޭފަދަ ކުށެއްގެ ގޮތުގައި ވެސް ވަނީ ކަނޑައަޅައިފައެެވެ.

ހަމައެއާއެކު މުވައްޒަފެއް އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރާއިރު ވަކި ފަރާތަކަށް ޖެހި ހުންނަކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އެ މުވައްޒަފެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ވެސް ވަނީ ވަޒީފާއިން ވަކިކުރެވޭ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.

އެ ގަވާއިދާއެކު ސިވިލް ސާވިސް މުވައްޒަފުންނަށް މަސައްކަތުގައި އުޅޭ ވަގުތު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާވި ނަމަވެސް، މަސައްކަތު ވަގުތު ނޫން ވަގުތުތަކުގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް އެއްވެސް ހުރަހެެއް ނޯންނާނެއެވެ.

comment ކޮމެންޓް