ވީއައިއޭގެ އޮޕަރޭޝަންތައް ހަރުދަނާ ކުރަން އާ ސީއޯއޯއެއް

ވީއައިއޭގެ ސީއޯއޯއަކަށް އަލަށް އައްޔަން ކުރި ޑަރެން ވިލިއަމް--

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާ ކުރުމަށް ޓަކައި އާ ޗީފް އޮޕަރޭޝަންސް އޮފިސަރަކު ހަމަޖައްސައިފިއެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި މި މަގާމަށް މިއަދު ހަމަޖެއްސީ ޑަރެން ވިލިއަމްސް ނަމަކަށް ކިޔާ މީހެއް ކަމަށެވެ. އަދި މިއީ ވިލިއަމްސް އެމްއޭސީއެލްއާ ގުޅިވަޑައިގެން ފުރަތަމަ ފަހަރު ކަމަށް ވެސް އެމްއޭސީއެލުން ބުނެފައިވެއެވެ.

އެއާޕޯޓު އޮޕަރޭޝަން މެނޭޖުމެންޓާއި އެއާޕޯޓް ކޮމްޕްލިއަންސް މެނޭޖްމެންޓް އަދި އެއާޕޯޓު ސާވިސްގައި މަސައްކަތް ކޮށްފައިވާ ވިލިއަމް އަކީ 20 އަހަރު ދުވަހުގެ ތަޖުރިބާ މި ދާއިރާތަކުގައި ހާސިލްކޮށްފައިވާ ބޭފުޅެއް ކަމަށް އެމްއޭސީއެލްއިން ފާހަގަކޮށްފައިވެއެވެ.

ވިލިއަމް ވަނީ ދުނިޔޭގެ އެންމެ ބުރަ އެއާޕޯޓު ކަމަށްވާ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީޕޯ އެއާސައިޑް އޮޕަރޭޝަނުގައި ދިހަ އަހަރު ވަންދެން މަސައްކަތް ކޮށްފައެވެ. އަދި ޔުނައިޓެޑް ކިންގްޑަމްގެ އެއާޕޯޓުތަކުން ވެސް އޭނާ ވަނީ ތަޖުރިބާ ހާސިލުކޮށްފައެވެ.

އެގޮތުން ވިލިއަމް ވަނީ އަބާޑީން އިންޓަނޭޝަނަލް އެއާޕޯޓާއި ލަންޑަން ސްޓާންސްޓެޑް އިންޓަނޭޝަނަލްގައި މަސައްކަތް ކޮށްފައެވެ.

ހަމައެހެންމެ، ދާދި ފަހުން ވިލިއަމް ވަނީ ބްރިޓިޝްގެ ހެލިކޮޕްޓަރު އޮޕަރޭޓްކުރާ ކުންފުންޏެއް ކަމަށްވާ "ބަބްކޮކް މިޝަން ކްރިޓިކަލް ސާވިސެސް އޮފްޝޯ" ގައި އޮޕަރޭޝަން ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

އެހެން ކަމަށް ވުމާ އެކު، ވިލިއަމަށް ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި އެމްއޭސީއެލަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެމްއޭސީއެލުން ފާހަގަކޮށްފައިވެއެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަކީ އެހެން އެއާޕޯޓު ކުންފުނިތަކަށް ނަމޫނާ ދައްކަމުން އަންނަ ކުންފުންޏަކަށް ވާއިރުގައި ވިލިއަމްގެ ފަރާތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފައިދާ ކުރާނެ ކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.

ސީއޯއޯގެ މަގާމަށް ވިލިއަމް ހަމަޖެއްސުމާއެކު ވިލިއަމް ވަނީ އޮޕަރޭޝަނަލް އެފިޝަންސީ އަދި ކަސްޓަމާ ސާވިސްގެ ސްޓޭންޑާޑަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސްއޫލިއްޔަތު އުފުލަން ޖެހިފައެވެ.

އެމްއޭސީއެލުން ބުނި ގޮތުގައި ވިލިއަމްއަކީ ސީއޯއޯއެއްގެ ގޮތުގައި އެންމެ ފުރިހަމަ ގޮތެއްގައި މަސައްކަތް ކުރުމުގެ ޒިންމާދާރުކަމުގެ އިތުރުން ތަޖުރިބާ ކާރު ބޭފުޅަކަށްވުމުން ކުންފުނި ކުރިއެރުވާ ރަނގަޅު ހިދުމަތް ދެވޭނެ ފެންވަރުގެ ބޭފުޅެއް ކަމަށެވެ.

މީގެ އިތުރުން ދާދި ފަހުން އެމްއޭސީއެލުން ވަނީ އާ އޭޕްރަން އެއް ހުޅުވާފައެވެ. މިއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް ހެޔޮ ބަދަލެއް ގެނެވި މަތިންދާ ބޯޓުގައި ދަތުރުކުރާ މީހުންނަށް ތަކުލީފެއް ނެތި އަވަސް ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ.

comment ކޮމެންޓް