މާފަރު އެއާޕޯޓް ދެވަނަ ހަބަކަށް ހަދަން ސިޔާމް ގޮވާލައްވައިފި

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަނީ --- ފޮޓޯ: މަޖިލިސްަ

ނ. މާފަރު އެއާޕޯޓަކީ ރާއްޖޭގެ އިންޓަނޭޝަނަލް އެއާޕޯޓުތަކުގެ ދެވަނަ ހަބަކަށް ހަދަން ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ގޮވައިލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން ސިޔާމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ފުޅާ ވެގެން ގޮސްފައިވާ ކަމަށާއި ޖީޑީޕީގެ އެންމެ މުހިންމު ބަޔަކީ ވެސް ފަތުރުވެރިކަން ކަމަށެވެ.

އެގޮތުން މިހާރު ރާއްޖޭގައި އޮތީ ހަތަރު އިންޓަނޭޝަނަލް އެއާޕޯޓެއް ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މިހާރު ވެސް އެންމެ ބޮޑު ގޮންޖެހުމަކީ ފްލައިޓު ނުޖެއްސި ވައިގައި ގިނައިރު ހޭދަކުރަން ޖެހުން ކަމަށެވެ.

މި ކަމުގެ ސަބަބުން ފަތުރުވެރިންގެ އިތުރުން އެއާލައިންތަކުން ވެސް ތަކުލީފުތަކެއް އުފުލާން ޖެހޭކަން ސިޔާމް ފާހަގަކުރެއްވިއެވެ.

"އޭގެ ސަބަބުން ރާއްޖެއަށް އަންނަ ޓުއަރިސްޓުންނަށް ވަރަށް ބޮޑެތި ދަތިތައް ކުރިމަތިލާން އެބަޖެހޭ. އެމީހުން ރާއްޖެ އަންނަ އެކި ގެސްޓު ހައުސްތަކާއި ރިސޯޓުތަކަށް ނުގޮސް، މާލޭގައި އެބަ ތިބެން ޖެހޭ. އޭގެ ސަބަބުން އޮޕަރޭޓަރުންނާއި އަޅުގަނޑުމެންނަށް މަސައްކަތް ކޮށްދޭ، ބޭރުގެ އެޖެންޓުންތައް ވަރަށް ބޮޑެތި މައްސަލަ އެބަޖައްސާ،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ޑިސެންބަރު މަހުގެ ތެރޭގައި ފްލައިޓު ނުޖެއްސި ހަތަރު ގަޑިއިރާ ފަސް ގަޑިއިރާ ދެމެދުގެ ވަގުތެއް ވައިގައި ހޭދަކުރަން ޖެހޭނެ ކަމަށް ތަޖުރިބާކާރުން ލަފާކޮށްފައިވާ ކަމަށެވެ.

މިކަން ހައްލު ނުވެއްޖެނަމަ ފަތުރުވެރިން ރާއްޖެއަށް ކުރަމުން އަންނަ އިތުބާރު މުޅިން ގެއްލިގެން ދާނެ ކަމަށް ވެސް ސިޔާމް ފާހަގަކުރެއްވިއެވެ.

"އެ ކަހަލަ ހާލަތަކަށް ވެއްޖެނަމަ އެއާލައިނަށް ލިބޭ ގެއްލުން ވަރަށް ބޮޑުވެގެން ދާނެ. އަދި ޓިކެޓުތަކުގެ އަގު ބޮޑުވެގެންދާނެ. އަދި ރާއްޖެ އާ ދޭތެރޭގައި އޮންނަ ކޮންފިޑެންސް ހަމަ ނެތިގެން ހިނގައިދާނެ،" ސިޔާމް ވިދާޅުވިއެވެ.

މިފަދަ މައްސަލަތައް ހައްލުކުރުމަށް ޓަކައި މާފަރު އެއާޕޯޓަކީ ރާއްޖޭގެ ދެ ވަނަ ހަބަށް ހަދަން ސިޔާމް ވަނީ ފިނޭންސް މިނިސްޓްރީއަށް ގޮވައިލައްވައިފައެވެ. އަދި މި ކަމަކީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މުހިންމު ކަމެއްގެ ގޮތުގައި ސިޔާމް ސިފަކުރެއްވިއެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުން ގިނަ ކަން ފާހަގަކުރައްވާ ސިޔާމް ވިދާޅުވީ މާފަރު އެއާޕޯޓު އިތުރަށް ތަރައްގީކޮށް، މިކަން އިތުރަށް ފުޅާވެގެން ގޮސްފިނަމަ އެކަމުން ގިނަ ކާމިޔާބީތަކެއް ހާސިލްވެގެން ދާނެ ކަމަށެވެ.

comment ކޮމެންޓް