ސަރުކާރަށް އައްޑޫ ފެންނަނީ އިންތިހާބެއް ކައިރިވުމުން އެކަނި: ނާޒިލް

ޖޫން 2، 2020: 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާ -- ފޮޓޯ/ މަޖިލިސް

ސަރުކާރަށް އަބަދު ވެސް އައްޑޫ ސިޓީ ފެންނަނީ އިންތިހާބެއް ބޯމަތިވުމުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނާޒިލް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ބަރޯސާވެފައި އޮތީ ޓޫރިޒަމަށް ކަމަށް ވީ ނަމަވެސް އައްޑޫ ސިޓީގެ ޓޫރިޒަމްގެ ހާލަތު އޮތީ ވަރަށް ނިކަމެތި ކޮށް ކަމަށެވެ.

ނަން މަޝްހޫރު ބްރޭންޑުގެ ރިސޯޓުތަކެއް ހުރި ނަމަވެސް ރިސޯޓު ކޮވިޑަށް ބަންދު ކުރި ގޮތަށް ނުހުޅާ ކަން ފާހަގަކުރައްވައި ނާޒިލް ވިދާޅުވީ އެ ކަމުގެ ފައިދާ އައްޑޫގެ ރައްޔިތުންނަށް ނުކުރާ ކަމަށެވެ.

އެއާ ހިލާފަށް އަމިއްލަ މީހަކު ކުޑަ ރަށެއްގައި ހިންގަމުން އަންނަ ރިސޯޓެއް މިހާރު ވެސް ކާމިޔާބު ކަމާއެކު ހިންގަމުން އަންނަ ކަން ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން އައްޑޫއަށް ފަތުރުވެރިން ދާ ކަމަށް ނާޒިލް ވިދާޅުވިއެވެ.

މިހާ ކުޑަ ރަށެއްގައި ކާމިޔާބު ކަމާއެކު މިކަން ކުރަމުން އަންނައިރު ބޮޑެތި ރިސޯޓުތައް ނުހުޅުވެނީ ކީއްވެތޯ ނާޒިލް ސުވާލުކުރެއްވިއެވެ. އަދި މި ކަމަކީ ދާއިރާގެ ރައްޔިތުންނަށް ލިބޭ ނިކަމެތި ކަމެއްގެ ގޮތުގައި ސިފަ ކުރައްވައި އެކަމުގެ ސަރުކާރުގެ އިހުމާލު ވެސް އޮންނަ ފަދަ މޭރުމަކުން ވާހަކަދެއްކެވިއެވެ.

މީގެ އިތުރުން ނާޒިލް ވިދާޅުވީ މި އަހަރުގެ ބަޖެޓުގެ އައްޑޫގެ ފީސިބިލިޓީ ސްޓަޑީޒް ހަދަން ބަޖެޓު ހިމަނަން އެދުމުން އެކަން ކޮށްދީފައިނުވާ ކަމަށެވެ.

"ދެން މި ވާހަކަ އަޅުގަނޑުމެން މިހެން ދައްކާލަ ދައްކާލައި ތިބެންވީތޯއޭ؟ އެއީ ވެސް ސުވާލެއް. ހަމަ ވޯޓެއް އަންނަ އިރަށް ވަރަށް ބާރު ލާފައި ފަށައިގަންނާނީ ވެސް އައްޑޫއިން ނިންމާލާނީ ވެސް އައްޑޫއިން. އެއީ ރައްޔިތުންގެ ބޯ ތަންކޮޅެއް ގިނަ ވީމަ." ނާޒިލް ވިދާޅުވިއެވެ.

މީގެ އިތުރުން އުތުރާއި ދެކުނުގައި މަސްވެރިންނަށް ސްޓޯރެޖު އިތުރުކޮށްދީ، މަސްވެރިންނަށް ހަމައަގު ލިބޭނެ ކަމުގެ ވައުދު މިހާތަނަށް ވެސް ފުއްދިފައިނުވާ ކަމަށް ނާޒިލް ވިދާޅުވިއެވެ.

comment ކޮމެންޓް