އެޗްއާރުސީއެމްގެ ރައީސް ކަމަށް މުނާ އައްޔަންކޮށްފި

އެޗްއާރުސީއެމްގެ ރައީސް ކަމަށް އަލަށް އައްޔަން ކުރެއްވި މަރިޔަމް މުނާ --

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސްގެ މަގާމަށް މ. ބާރަނާގެ މަރިޔަމް މުނާ އަދި އެ ކޮމިޝަނުގެ ނައިބު ރައީސްކަމަށް މއ. މާވެޔޮގެ ޑރ. އަހުމަދު އަދުހަމް އަބްދުﷲ އައްޔަންކުރައްވައިފިއެވެ.

މި ބޭފުޅުން މި މަގާމުތަކަށް އައްޔަންކުރައްވާފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނުގެ އަށް ވަނަ މާއްދާގައިވާ ގޮތުގެމަތީންނެވެ.

މަރިޔަމް މުނާ މާސްޓަސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައި ވަނީ އޮސްޓްރޭލިއާގެ އީޑިތް ކޯވަން ޔުނިވާސިޓީންނެވެ. މަރިޔަމް މުނާ މި މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ހިއުމަންރައިޓް ކޮމިޝަނުގެ މެންބަރެއްގެ މަގާމުގައެވެ.

އޭގެ ކުރިން މުނާ ހުންނެވީ އޭޝިއާ ޝިޕިން އެންޑް އިންޓަނޭޝަނަލް ޓްރޭޑިންގެ ކޯޕަރޭޓް ސެކްރެޓަރީގެ މަގާމުގައެވެ. މީގެ އިތުރުން މިނިވަން މުއައްސަސާތަކާއި ސަރުކާރާއި އަމިއްލަ އޮފީސްތަކުގެ އިސްމަގާމުތައް މުނާ ފުރުއްވާފައިވެއެވެ.

އެޗްއާރްސީއެމްގެ ނައިބު ރައީސް ޑރ. އަދުހަމް އަބްދުﷲ -- ފޮޓޯ/ ރައީސް އޮފީސް

އެޗްއާރުސީއެމްގެ ނައިބު ރައީސް ކަމަށް އައްޔަން ކުރެއްވި، އަހްމަދު އަދުހަމް އަބްދުﷲ، ޑޮކްޓްރޭޓް އޮފް ފިލޯސޮފީ އިން ލޯ ފުރިހަމަކުރެއްވީ އޮސްޓްރޭލިއާގެ ވޭލްސްގެ ޔުނިވަސިޓީ އޮފް ވޮލޮންގޮންގް އިންނެވެ. މީގެ ކުރިން އޭނާ ވަނީ ވިލާ ކޮލެޖުގައި ޕަބްލިކް އިންޓަނޭޝަނަލް ލޯ ގެ ލެކްޗަރާއެއްގެ މަގާމު އަދާކުރައްވާފައެވެ.

މީގެ އިތުރުން އަދުހަމް އަކީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެކެވެ.

އަދުހަމް މި މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ހިއުމަންރައިޓް ކޮމިޝަނުގެ މެންބަރެއްގެ މަގާމުގައެވެ.

އެޗްއާރުސީއެމްގައި މިހާރު ތިއްބަވަނީ މުނާއާއި އަދުހަމްގެ އިތުރުން ސަމާއު އަހުމަދު ނަޖީބާއި އާމިނަތު ޝަފާއަތު އަބްދުއްރައްޒާގާއި, މުއުމިނާ ވަހީދު އެވެ.

comment ކޮމެންޓް