މަސައްކަތަށް ފަރުވާ ކުޑަ އޭސީސީ މެންބަރުން މަގާމުން ވަކިކުރަނީ

މާޗް 28، 2021: އޭސީސީގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުންގެ މަސައްކަތް އަދާކުރާ މިންވަރު ބެލުމަށްފަހު، ކޮމިޓީއަށް ފެންނަ ނަމަ އެ މެންބަރުން މަގާމުން ވަކިކުރުމުގެ މަރުހަލާތައް ފަށަން ނިންމައިފިއެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ އެގޮތަށް ނިންމީ އޭސީސީގެ މަސައްކަތް އެ ކޮމިޓީން ބޭނުންވާ ސްޕީޑުގައި ކުރިއަށް ނުދާކަން ފާހަގަކޮށް، އޭގެ ސަބަބުން އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ފަހުއެވެ.

ކޮމިޓީގައި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ހުށަހެޅުއްވީ އޭސީސީގެ މެންބަރުން ވަކިވަކިން ކޮމިޓީއަށް ހާޒިރު ކުރުމަށެވެ. އަދި އެ މެންބަރުން ކޮމިޝަނަށް އައްޔަން ކުރި ފަހުން ބަލަމުންދާ މައްސަލަތަކުގެ ތަފްސީލު ހޯދުމަށެވެ.

އޭގެ ތެރޭގައި ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދަން ކޮށްފައިވާ މަސައްކަތްތަކާއި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފައިވާ މައްސަލަތަކާއި މިހާރު ތަހުގީގު ކުރަމުންދާ މައްސަލަތަކާ ބެހޭ ގޮތުން ސުވާލު ކުރުމަށް މެންބަރު ހަސަން ވިދާޅުވިއެވެ.

"ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދަން، އެ ބޭފުޅުން އައްޔަން ކުރި ފަހުން ކުރެވިފަ ހުރީ ކޮން މަސައްކަތެއްތޯ ބަލާފަ ވަކި ވަކިން އޭސީސީގެ މެންބަރުން ކޮމިޓީއަށް ހާޒިރު ކުރުމަށް އަޅުގަނޑު ހުށަހަޅަން،" ހަސަން ވިދާޅުވިއެވެ.

ހަސަންގެ އެ ހުށަހެޅުމަށް ތާއިދު ކުރައްވަމުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް ވިދާޅުވީ އޭސީސީގެ މެންބަރުން ޒިންމާދާރުކަމާ އެކު މަސައްކަތް ކުރައްވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

އެގޮތުން އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅުން ހުރި ދެ ތިން މައްސަލަ ފަދަ ބޮޑެތި އެތައް މައްސަލައެއް ނިންމާނެ ކަމަށް އޭސީސީން ބުނެ، ފަހު ތާރީހެއް ދިން ނަމަވެސް އެ މުއްދަތުގައި މަސައްކަތްތައް ނިންމިފައި ނުވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ހަމައެއާއެކު އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައެއް ތަހުގީގުކޮށް ނިންމަން އަށް މަސް ނަގާނެ ކަމަށް އޭސީސީން ބުނެފައިވާ އިރު އެއީ ދިވެހި ރައްޔިތުންނަށާއި އެމްޑީޕީއަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޝަހީމް ވިދާޅުވިއެވެ.

https://sun.mv/158362

"އަޅުގަނޑުމެން އެބޭފުޅުން ގެނެސް ބަލައި، ވަކި ވަކިން ސުވާލުކޮށް، އެބޭފުޅުންގެ ޕާޕޯމެންސް ބެލުމަށް ފަހު، ކޮމިޓީއަށް ފެންނަންޏާ އެ ބޭފުޅުންގެ ޕާފޯމެންސް ދަށްކަމަށްވާ ނަމަ އެބޭފުޅުން ވަކިކުރުމުގެ ކަންތައް އެހިސާބުން ފެށިގެން ކުރިއަށް ގެންދަން ހުށަހަޅަން،" ޝަހީމް ވިދާޅުވިއެވެ.

އެ ހުށަހެޅުމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ތާއިދުކުރެއްވިއެވެ. އަދި އެ ހުށަހެޅުމަށް ވޯޓަށް އެހުމުން، ކޮމިޓީގައި ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ.

އެހެންކަމުން ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވަނީ އަންނަ ހަފްތާގައި، އެއް ދުވަސް ތެރޭ އެ ކޮމިޓީން ހުރިހާ މެމްބަރުންނާ ވަކިވަކިން ބައްްދަލު ކުރުމަށް ނިންމަވާފައެވެ.

comment ކޮމެންޓް