ބަރުލަމާނީ ނިޒާމުގައި ފައިދާއަށް ވުރެ ގެއްލުން ބޮޑު: ސިޔާމް

އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ބާރުތައް އެއްކޮށް މަސްހުނިކޮށްގެން ހިންގާ ބަރުލަމާނީ ނިޒާމުގައި ފައިދާއަށް ވުރެ ގެއްލުން ބޮޑު ކަމަށް، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމްޑީއޭ)ގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ވިދާޅުވެއްޖެއެވެ.

ސިޔާމް މިފަދައިން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައްޔިތުންނަށް ފޮނުއްވި ހިތޯބެއްގައެވެ.

ސިޔާމް ވިދާޅުވީ ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ބާރުވެރިކަން ދައްކުވައިދޭ ވެރިކަމަކަށް ވީހިދު އެބާރުވެރިކަން ހެޔޮގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ކޮންމެ ރައްޔިތެއްގެ ވެސް ފަރުދީ ޒިންމާއެއްކަމަށެވެ. އަދި މި ޒިންމާ އަދާކުރުމަށް ސިޔާމް ވަނީ ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.

ހަމައެހެންމެ މި ދުވަސްވަރަކީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ވާހަކަ ގަދަވެފައިވާ ދުވަސްވަރެއްކަން ފާހަގަކުރައްވައި، ސިޔާމް ވިދާޅުވީ އެކަމާ މެދު ކޮންމެ ރައްޔިތަކު ވެސް ވިސްނައި، ކޮރަޕްޝަނާއި ފަސާދައަށް ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ.

"ކޮރަޕްޝަނާއި، ފަސާދައިގެ ސަބަބުން ގައުމު ތަކުގެ އިގުތިސާދަށް ލިބެމުންދާ ގެއްލުމަކީ ފޫނުބެއްދޭ ފަދަ ގެއްލުމެއްކަން ޔަގީން. އަދި ދުނިޔޭގެ ގައުމު ތަކުގައި ވެރިކަން ކުރާނިޒާމުތަކާއި، އެނިޒާމުތަކުގެ ފައިދާއާއި، ގެންލުމާމެދު ފުންކޮށް ވިސްނުމަކީ އަޅުގަނޑުމެންގެ ގައުމީ ވާޖިބެއްކަން ކަށަވަރު،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް އިތުރަށް ވިދާޅުވީ ބަރުލަމާނީ ނިޒާމު ހިންގަނީ ބާރުތައް މަސްހުނި ކޮށްގެން ކަމަށާއި ބާރުތައް އެއްކޮށް މަސްހުނިކުރުމަކީ އޭގައި ފައިދާ އަށްވުރެ ގެއްލުން ބޮޑު ކަމެއްކަމަށެވެ.

"ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަކީ ވަކިމީހަކަށް ހެޔޮވަރަށް ތައްޔާރު ކުރާ ފޭރާމަކަށް ވިޔަނުދިނުމަށް މިއަދު ދިވެހިރައްޔިތުން އަޒުމު ކަނޑައެޅުމަށް އަޅުގަނޑު ނަސޭހަތްތެރިވަން،" ސިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ސިޔާމް ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތަށް 53 އަހަރު ފުރޭ 54 ވަނަ ޖުމްހޫރީ ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވަވައި، މި ދުވަސް ބައްދަލުކުރީ މުޅި ދުނިޔެއަށް ކުރިމަތި ވެފައިވާ އާލަމީ ވަބާ ކަމުގައިވާ ކޮވިޑުގެ ބަލިމަޑުކަމުގެ ހިތްދަތި ދުވަސްވަރުކަން ހަނދާންކޮށް، ދިރިއުޅުން އާރާސްތުކޮށް، ފުދުންތެރި ރައްޔިތަކަށް ވުމުގެ މަތިވެރި އަޒުމުގައި މަސައްކަތްކުރުމަށް ގޮވައިލައްވާފައެވެ.

comment ކޮމެންޓް