އެމްއެންޔޫއެސްޔޫގެ "ވެށިސާފު" ޕްރޮގްރާމް ނިންމާލައިފި

އެމްއެންޔޫއެސްޔޫގެ ވެށި ސާފު ޕްރޮގަރާމް --- ފޮޓޯ / އެމްއެންޔޫއެސްޔޫ

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ)ގެ ނުވަވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި "ވެށިސާފު" ޕްރޮގްރާމު ނިންމާލައިފިއެވެ.

މި ޕްރޮގްރާމްގެ ދަށުން ހުޅުމާލެ ފޭސް ދޭއްގެ ގޮނޑުދޮށް ވަނީ ސާފުކޮށްފައެވެ. މި ހަރަކާތް ހިންގީ މިދިޔަ ހޯމަ ދުވަހުއެވެ. މި ހަރަކާތުގައި އެމްއެންޔޫއެސްޔޫ ހިންގާ ކޮމެޓީގެ މެމްބަރުންނާއި އެމްއެންޔޫއެސްޔޫގެ ލީޑާސް ގްރޫޕުގެ މެމްބަރުންގެ އިތުރުން ގޮފިތައް ހިންގާ ކޮމެޓީގެ މެމްބަރުން ވަނީ ބައިވެރިވެފައެވެ.

އެ ހަރަކާތުގެ ތެރެއިން 50 ކަޅު ކޮތަޅުގެ ކުނި އެ ސަރަހައްދުން ނަގާފައިވާއިރު މި ހަރަކާތުގައި 50އަށް ވުރެ ގިނަ ކުދިން ވަނީ ބައިވެރިވެފައެވެ.

އެމްއެންޔޫއެސްޔޫގެ ރައީސް އަބްދުﷲ ޝަހުނީޒް ވިދާޅުވީ އެ ހަރަކާތް ބޭއްވީ ކުލާސްތައް ކުރިއަށް ދިޔަ ވަގުތު ކަމުން ގިނަ ކުދިންނަށް ބައިވެރި ނުވެވުނު ނަމަވެސް، ކްލާސްތައް ނިންމާލުމަށްފަހުވެސް ބައެއް ކުދިން ބައިވެރިވި ކަމަށެވެ.

ވެށިސާފު ޕްރޮގަރާމަށް އެމްޓީސީސީ އަދި އެޗްޑީސީގެ ފަރާތުންވެސް އެއްބާރުލުން ލިބުނު ކަމަށް އެމްއެންޔޫއެސްޔޫއިން ބުންޏެވެ.

އެމްއެންޔޫއެސްޔޫގެ ނުވަވަނަ އަހަރީ ދުވަހާ ގުޅިގެން މި ހަފްތާއަށް ގިނަ ހަރަކާތްތަކެއް ރާވާފައިވެއެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަނީ "އެމްއެންޔޫއެސްޔޫ ޕްރެސެންޓްސް ދި ނެކްސްޓް ލެވެލް" ޝޯގެ ނަމުގައި ޓެލެންޓު ޝޯއެއް ބާއްވައިފައެވެ. އަދި އެމްއެންޔޫއެސްޔޫގެ ރަސްމީ ލަވަ އިފްތިތާހުކޮށް "ދަންމަރުގެ" ނަމުގައި މަޖައްލާއެއްވެސް ވަނީ އިފްތިތާހު ކޮށްފައެވެ. މީގެ އިތުރުން، "އެކުވެރި މައިދާން" ގެ ނަމުގައި މާދަމާ އާއިލީ ހަވީރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

comment ކޮމެންޓް