އައިޖީއެމްއެޗްގެ މެޝިންތައް ހަދައި ނުނިމުނަސް ޓެސްޓުތައް ހެދުން ކުރިއަށް ގެންދަނީ

އައިޖީއެމްއެޗް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައިޖީއެމްއެޗްގައި މައްސަލަ ޖެހުނު އެލިނިޓީ ސީއެލް މެޝިންތައް އެއްކޮށް ހަދައި ނުނިމުނު ނަމަވެސް މިއަދުން ފެށިގެން ލޭގެ ޓެސްޓުތައް ހެދުން ކުރިއަށް ގެންދާނެ ކަމަށް އައިޖީއެމްއެޗްއިން މިއަދު ބުނެފިއެވެ.

އައިޖީއެމްއެޗްގެ ފަރާތުން "ސަން"އަށް މައުލޫމާތު ދެއްވަމުން އެތަނުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މެޝިންތައް ހެދުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ދާ ކަމަށެވެ. އަދި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަކަށް ރިއާޔަތް ކޮށް މި ހިދުމަތް އަލުން ފަށަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މެޝިންތައް އަދި އެއްކޮށް ހަދައި ނުނިމޭ ކަމަށާއި އެއްކޮށް ނިމި ލޭގެ ޓެސްޓުތައް ހެދުން އާންމު ހާލަތައް އަންނާނެ ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ. އެހެންނަމަވެސް، މިހާތަނަށް ހެދިފައި ހުރި މެޝިންތަކުގެ އެހީގައި މަދު މަދުން ޓެސްޓަތައް ހެދުން މިއަދުން ފެށިގެން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައިޖީއެމްއެޗްގައި ލޭގެ ޓެސްޓު ހެދުން ވަގުތީ ގޮތުން މެދު ކެނޑުނީ މިދިޔަ ހޯމަ ދުވަހު، އެ ހޮސްޕިޓަލުގެ ލެބޯޓަރީގައި އައުޓް ޕޭޝަންޓު ލޭގެ ޓެސްޓު ހަދަމުން އަންނަ އެލިނިޓީ ސީ އެލް މެޝިންތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެންނެވެ.

މި މެޝިންތަކަށް ދިމާވީ ކޮން މައްސަލައެއް ކަމެއް އަދި ބުނަން ނޭނގޭ ކަމަށްވެސް އައިޖީއެމްއެޗްއިން ވަނީ ބުނެފައެވެ. ނަމަވެސް މިކަން ހައްލު ކުރުމަށް އައިޖީއެމްއެޗްގެ ޓެކްނިކަލް ޓީމުން ދަނީ މަސައްކަތް ކުރަމުން ކަމުގައިވެސް އައިޖީއެމްއެޗުން ބުންޏެވެ.

އޭޑީކޭއިން ބުނި ގޮތުގައި އައިޖީއެމްއެޗްއިން އައުޓް ޕޭޝަންޓުންގެ ލޭގެ ޓެސްޓު އަދި އެހެނިހެން ހޮސްޕިޓަލްތަކުން ފޮނުވާ ލޭގެ ޓެސްޓު ހެދުން ވަގުތީ ގޮތުން ހުއްޓާލުމުން އޭޑީކޭގެ ލެބޯޓްރީއަށް އިއްޔެއިން ފެށިގެން ބާރު ބޮޑުވެފައިވާ ކަމަށް އޭޑީކޭއިން ބުންޏެވެ.

comment ކޮމެންޓް