ވާރވުއަރޑާއި ވާރވުއަރޑިއްޔަ ބަންޓޫން

ހެންޑްރިކް ވާރވުއަރޑް

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް ލިޔުއްވަމުން ގެންދަވާ މުހިއްމު އަދި ޢިބުރަތްތެރި ލިޔުއްވުންތަކުގެ ތެރެއިން، މި މަހުގެ 4 ވަނަ ދުވަހު "އަދިވެސް" އޮންލޭނު ނޫހުގައި "ނަސްރުގެ ދުވަސް ފާހަގަ ކުރުން ފަނޑު އަހަރުގެ ނަސްރުގެ ދުވަހުގެ ހާސަރެއް" މި ސުރުޚީގެ ދަށުން ޝާއިޢު ކުރެއްވި ލިޔުމުގައި ހެންޑްރިކް ވާރވުއަރޑްގެ ބަސްތަކެއްގެ ވާހަކަ ގެންނަވައިފައި ވެއެވެ.

ހެންޑްރިކް ވާރވުއަރޑަކީ، ޑރ. ޢަބްދުލްޣަފޫރު ވެސް ބަޔާން ކުރައްވައިފައި ވާ ފަދައިން، ދެކުނު އެފްރިކާގެ ހަވަނަ ބޮޑުވަޒީރެވެ. ދެކުނު އެފްރިކާގައި ދޮން މީހުން ކުރި ވެރިކަމުގެ މުހިއްމު ލީޑަރެކެވެ. ދޮން މީހުންނަށް އިސްކަމާއި މަތިވެރި ދަރަޖަ އާއި ޚާއްޞަ ޢިނާޔަތްތައް ދީ، ކަޅު މީހުންނަކީ ދޮން މީހުންނަށް ވުރެ ދަށު ފަންތިއެއްގެ އަދި ދޮން މީހުންނަށް ވުރެ ނިކަމެތި ބައެއް ކަމަށް ހުރިހައި ގޮތަކުން ވެސް ބެލުމުގެ ނިޒާމެއް ކަމަށް ވާ "އެޕަރތައިޑް" ގެ ޒަމާނީ ވައްތަރުގެ މޭސްތިރިއެވެ. އޭނާ ދެކުނު އެފްރިކާގެ ބޮޑުވަޒީރުކަން ކުރެއްވީ 1958 އިން 1966 އަށެވެ. ޑރ. ޢަބްދުލްޣަފޫރު ޙަވާލާ ދެއްވައިފައި ވާ ވަރވުއަރޑްގެ ބަސްތަކަކީ އޭނާ ދެކުނު އެފްރިކާގެ ދޮން މީހުންނާ މުޚާޠަބު ކުރައްވައި ވިދާޅުވި ބަސްތަކެކެވެ. އެ ބަސްތަކުގެ ދިވެހި ތަރުޖަމާ އަކީ މިއެވެ. "ކަލޭމެން މިއަދު ބަންޓޫއެއްގެ ގައިގައި ފިސާރިއަށް ތެޅިޔަސް، މާދަމާ އޭނާ ކަލޭމެންގެ ކުރިމަތީގައި ހުންނާނީ ހިނިތުން ވެގެންނެވެ. ބަންޓޫންނަކީ ރާމާމަކުނުތަކެއް ފަދަ ބައެކެވެ. ކަލޭމެން ކިތަންމެ ވަރަކަށް އެމީހުން އިހާނެތި ކޮށް ނިކަމެތި ކޮށްލިޔަސް، އެމީހުން އަބަދުވެސް ތިބޭނީ ކަލޭމެންނަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ދޭތޯ ސަލާން ޖެހުމަށް އަތްގޮށި ދިއް ކޮށްލައިގެންނެވެ. އަހަރެމެން ކޮންމެހެން ބަންޓޫންނަށް ވޯޓުގެ ޙައްޤު ދޭން ބިރު ގަންނާނޭ ކަމެއް ނެތެވެ. އެ ޙައްޤު ދިނީމާ، އެމީހުން ވޯޓު ލާނީ ދޮން މީހުންނަށެވެ. ސަބަބަކީ، ކުއްތާއަށް ސާހިބަކާ ނުލައި ނުއުޅެވޭ ފަދައިން، ބަންޓޫންނަށް ވެސް ދޮން ސާހިބުންނާ ނުލައި ނުއުޅެވުމެވެ. އެމީހުން އަހަރެމެންނަށް ބޭނުން ޖެހިގެން ވެއެވެ. އަހަރެމެންނަށް މުހުތާދު ވެގެން ވެއެވެ. އެމީހުން އުޅޭން ވީ ގޮތް ބުނެދޭ ސާހިބުންތަކެއްގެ ގޮތުގައެވެ."

ވާރވުއަރޑް ބަންޓޫންނޭ އެ ވިދާޅުވަނީ ދެކުނު އެފްރިކާގެ ކަޅު މީހުންނަށެވެ. ދެކުނު އެފްރިކާ އަކީ ފެށުނީއްސުރެ ބަންޓޫ ކަޅު މީހުންގެ ބިމެކެވެ. ބަންޓޫންގެ ތެރެއިން މައިގަނޑު ގޮތެއްގައި ކޯޝާ އަދި ޒޫލޫ ޤަބީލާގެ މީހުންގެ ވަޒަނެވެ. އެ ބިމަށް ޔޫރަޕުގެ ދޮން މީހުން ފުރަތަމަ އަރައިގަތީ މީލާދީން 1650 ގެ އަހަރުތަކުގެ ތެރޭގައެވެ. އެއިރު އައީ މައިގަނޑު ގޮތެއްގައި ލަންދޭސީންނެވެ. އާދެ، ހޮލެންޑުގެ މީހުން ނުވަތަ ޑަޗް މީހުންނެވެ. ލަންދޭސީންނަށް ފަހު، ދެކުނު އެފްރިކާގެ ބިމުގައި އިސްތިޢުމާރީ ކޮލޮނީތަކެއް ޤާއިމު ކުރި ޔޫރަޕުގެ އަނެއް ބާރަކީ އިނގިރޭސި ވިލާތެވެ. އެއީ މީލާދީން 1795 އާއި 1805 އާ ދެމެދުގައެވެ. މީލާދީން 1900 ގެ ކުރީކޮޅު ދެކުނު އެފްރިކާ މިނިވަން ދައުލަތެއްގެ ގޮތުގައި ވުޖޫދު ވެގެން ދިޔަ އިރު، އެ ޤައުމުގައި ސިޔާސީ އަދި އިޤްތިޞާދީ ހުރިހައި ބާރުތަކެއް އޮތީ، އެ ޤައުމަށް ގަދަބާރުން އަރައި ވަޒަންވެރި ވި ޔޫރަޕުގެ ދޮން ނަސްލުގެ އިސްތިޢުމާރީންގެ އަތްމަތީގައެވެ. އެމީހުންނަކީ ޤައުމުގައި ބައިމަދު ޖަމާޢަތަކަށް ވުމާ އެކުގައިމެ، އަދި ޤައުމުގެ ބޮޑު އަޣްލަބިއްޔަތަކީ ޤައުމުގެ އަޞްލު ވަޒަންވެރީން ކަމަށް ވާ ބަންޓޫ ކަޅު މީހުން ކަމަށް ވުމާ އެކުގައި ވެހެވެ. ދޮން މީހުންގެ ބާރާއި މަނަސް ދެކުނު އެފްރިކާގައި ދެމެހެއްޓުމަށް ޔޫރަޕާއި އެމެރިކާ އާއި ދެން ވެސް ހުޅަނގުގެ ބާރުތަކުގެ ފުރިހަމަ އެހީތެރިކަމާއި މަދަދު ލިބެމުން ދިޔައެވެ. ދެކުނު އެފްރިކާގެ ކަޅު މީހުންގެ މަޝްހޫރު ލީޑަރު ނެލްސަން މަންޑޭލާގެ ޒަޢާމަތުގައި، 1990 ގެ ތެރޭގައި ދޮން މީހުންގެ ނަސްލީ އިމްތިޔާޒުގެ އަނިޔާވެރި ނިޒާމު ނައްތައިލެވި، ކަޅު މީހުންނަށް ދެކުނު އެފްރިކާގައި ބާރުތައް ލިބޭންދެން، އެ ޤައުމުގެ ޙާލަތު އޮތީ މި ގޮތަށެވެ. ކަޅު މީހުން ތިބީ އަނިޔާ ލިބޭ، ނަފްރަތު ކުރެވޭ، ދަށު ފަންތިއެއްގެ، އަދި ހުރިހައި ގޮތަކުން ނިކަމެތި ބައެއްގެ ގޮތުގައެވެ. ވާރވުއަރޑްގެ ބަސްތަކުގެ ފަސްމަންޒަރަކީ މިއެވެ.

ބަންޓޫންނާ މެދު ދެކުނު އެފްރިކާގެ އިސްތިޢުމާރީ ދޮން ސާހިބުންގެ ވިސްނުން ހުރި ގޮތަކީ، އަދި ވާރވުއަރޑް ފަދަ ލީޑަރުންގެ ދުލުން ސާފުކޮށް ބުނެ އިއްވި ބަސްތަކަކީ، އިސްތިސްނާއެއް ނޫނެވެ. ނާދިރު ޙާލަތެއް ނޫނެވެ. އެއީ ޔޫރަޕުގެ ދޮން މީހުންގެ ޢާއްމު ވިސްނުން ހުންނަ ގޮތެވެ. މީލާދީން 1500 ގެ އަހަރުތަކުގެ ތެރޭގައި ޔޫރަޕަށް ދުނިޔޭގެ ޢަސްކަރީ އަދި ޢިލްމީ މައިދާނުގެ އިސްވާރުންގެ ޙައިޘިއްޔަތު ލިބުނު ހިސާބުން، އެމީހުންގެ ތެރޭގައި ދޮން ނަސްލުގެ މަތިވެރިކަމާއި، އެ ނަސްލަކީ ޚާއްޞަ އަދި އިމްތިޔާޒު ލިބިގެން ވާ ނަސްލެއް ކަމުގެ ވިސްނުން ވަރުގަދަ ވިއެވެ. ޔޫރަޕުގެ ބޮޑެތި ބާރުތައް އެފްރިކާ އާއި އޭޝިޔާ އާއި އެމެރިކާގެ ބިންތައް އިސްތިޢުމާރު ކުރަމުން ގެންދިޔަ އިރު، އެމީހުންގެ ވިސްނުން އޮތީ އެގޮތަށެވެ. އެމީހުން ދުށް ގޮތުގައި، އެމީހުންނަކީ ދުނިޔޭގައި ތިބި ހަމައެކަނި ތަހުޒީބީ މީހުންނެވެ. ތަމައްދުނާއި ޙަޟާރަތުގެ މިލްކުވެރީންނެވެ. ދުނިޔޭގެ އެހެން އެންމެންނަކީ އެމީހުންނަށް ވުރެ ދަރަޖައިން ދަށް، އެމީހުން ދެއްކި މަގެއްގައި ހިނގާން ޖެހޭ ބައެކެވެ. މިއަދު ވެސް އެމީހުންގެ ވިސްނުން އޮތީ އެ ގޮތަށެވެ. އަޅުގަނޑުމެންގެ ތެރޭގައި ހެޔޮ ވެރިކަން ކުރާން ވީ ގޮތާއި، އަޅުގަނޑުމެން އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރާން ވީ ގޮތާއި، އަޅުގަނޑުމެން ޤާނޫނު ހަދާން ވީ ގޮތާއި، އަޅުގަނޑުމެން ކުށްވެރީންނަށް ދޭން ވީ އަދަބުތަކާއި، އަޅުގަނޑުމެން "ޓެރަރިޒަމޭ" ކިޔާން ވީ ކޮން އެއްޗަކަށް ކަމާއި އެ "ޓެރަރިޒަމް" ނެއްތައިލާނޭ ގޮތް ބުނެދިނުމަށް ޓަކައި ކޮމަންވެލްތުންނާއި، އަލިފުދާލުގެ ބައެއް ގުނަންތަކާއި ކޮމިޝަންތަކުންނާއި، ޔޫރަޕިއަން ޔޫނިއަނުން ދޮން ސާހިބުން – މި ޒަމާނުގެ ބަހުރުވައިން ދަންނަވާ ނަމަ "ކޮންސަލްޓަންޓުން" ފަދަ މީސްމީހުން – ފޮނުވައިގެން ނުފޫޒު ފޯރުވާ ސަބަބު ގުޅިފައި ވާ އެއް އަސާސަކީ އެ ވިސްނުމެވެ. މި ވިސްނުން ވާރވުއަރޑްގެ ދުލުން ބަޔާން ކޮށްދެއްވީ ވަރަށް ފުރިހަމަކޮށޭ ދެންނެވިދާނެއެވެ. ވަރވުއަރޑަކީ ނަފްސިއްޔާތުގެ ޢިލްމާއި އިޖުތިމާޢީ ޢިލްމުގެ ވަރަށް ބޮޑު ތަޖުރިބާކާރެއް ކަމަށް ވުމުން، ދޮން މީހުންނަށް ފިކުރީ ގޮތުން އަޅުވެތި ވުމުގައި ބަންޓޫންގެ ޙާލަތު ހުރި ގޮތް އޭނާއަށް ނިކަން ރަނގަޅަށް އެނގިވަޑައިގަންނަވާނޭ ކަމަށް ވެސް ބެލެވިދާނެއެވެ.

އަޅުގަނޑުމެންނަކަށް ޔޫރަޕުގެ ދޮން މީހުން އުޅޭން ވީ ގޮތް ކިޔައެއްނުދެވޭނެއެވެ. އެމީހުން ވިސްނާން ވީ ގޮތް ވެސް ކިޔައެއްނުދެވޭނެއެވެ. ނަމަވެސް އަޅުގަނޑުމެންނަށް ކުރެވިދާނޭ ކަމެއް އެބައޮތެވެ. އެ ކަމަކީ، "ވާރވުއާރޑިއްޔަ ބަންޓޫން" ގެ ދަރަޖަޔަށް ވެއްޓިނުގަތުމެވެ. "ވާރވުއާޑިއްޔަ ބަންޓޫން" ނޭ މި ދަންނަވަނީ، ކަޅު މީހުންގެ ތެރެއިން، ވާރވުއަރޑް އެ ވިދާޅުވާ ގޮތަށް ފިކުރީ ގޮތުން އަޅުވެތި ވެ އިސްތިޢުމާރު ވެފައި ތިބި މީހުންނަށެވެ. ބަންޓޫންގެ ތެރޭގައި ވެސް އެ ގޮތުގެ މަތީން އަޅުވެތި ނުވާ މީހުން ގިނަ ޢަދަދަކަށް ތިއްބެވެ. ދެކުނު އެފްރިކާއިން ނަސްލީ އިމްތިޔާޒު ނެއްތައިލައި، ދޮން މީހުންގެ އިސްތިޢުމާރީ އަޅުވެތިކަމުގެ ކަސްތޮޅުތައް ފުނޑުފުނޑު ކޮށްލީ އެފަދަ ބަންޓޫންނެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރު ޝަޚްޞިއްޔަތަކީ ނެލްސަން މަންޑޭލާއެވެ.

އަޅުގަނޑުމެންނަކީ މުސްލިމުންނެވެ. އަޅުގަނޑުމެން ޤަބޫލު ކުރާ ގޮތުގައި، ނަސްލީ ގޮތުން ޔޫރަޕުގެ ދޮން މީހެކޭ، އެފްރިކާގެ ކަޅު މީހެކޭ، ޢަރަތްބެކޭ، ޢަޖަތްމެކޭ، ދިވެއްސެކޭ، ސީނީއެކޭ، ހިންދޫއެކޭ، އިންސާނީވަންތަކަމުގައި އެއްވެސް ތަފާތެއް ނެތެވެ. އެންމެންނަކީ ވެސް ﷲ ގެ އަޅުތަކުންނެވެ. އާދަމުގެ ދަރީންނެވެ. އާދަމުގެ ދަރީންނަށް މާތްރަސްކަލާނގެ ދެއްވެވި ކަރާމާތާއި ޝަރަފުގެ ޙައްޤުވެރީންނެވެ. އަޅުގަނޑުމެން އެކަކަށް ވެސް ނަސްލީ ގޮތުން ނަފްރަތެއް ނުކުރަމެވެ. އާދަމުގެ ދަރީންގެ ޙައިޘިއްޔަތުން އަދި މުސްލިމުންގެ ޙައިޘިއްޔަތުން، އަޅުގަނޑުމެން އެންމެންނާ މެދުވެސް ދެކެނީ އިންސާނީ އުޚުއްވަތުގެ ލޮލުންނެވެ. ޔޫރަޕުގެ ދޮން މީހުންނަށް ވެސް އަޅުގަނޑުމެންގެ ފަރާތަކު އެއްވެސް ކަހަލަ ނަސްލީ ނުރުހުމެއް ނުވަތަ ރުޅިވެރިކަމެއް ނެތެވެ. އަދި ކިއެއްތަ، ޔޫރަޕުގެ ދޮން މީހުންގެ ތެރޭގައި ވެސް، ޢަރަބީން ނުވަތަ ތުރުކީން ނުވަތަ ފާރިސީންގެ ތެރޭގައި ތިބި ފަދައިން، ﷲ އަށް ތަޤުވާވެރި ވާ، ރަސޫލުންނަށް އީމާން ވާ، ފަހު ޒަމާނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ތެދުވެރި ދީން މަތިވެރި ކުރުމަށް މަސައްކަތް ކުރާ ހެޔޮލަފާ މުސްލިމުން މުއުމިނުން ވެސް އެބަތިއްބެވެ. މުސްލިމުންގެ އިތުރުން، އިބްރާހީމީ ރިސާލަތަށް އީމާން ވާ އެތައް މިލިއަން ހެޔޮލަފާ އިންސާނުން ވެސް އެއުރެންގެ ތެރޭގައި އެބަތިއްބެވެ. ނަމަވެސް، ޔޫރަޕާއި އެމެރިކާ އާއި ކެނެޑާ އާއި އޮސްޓްރޭލިޔާ ފަދަ ޤައުމުތަކުގައި ބާރުވެރިކަމުގައި ތިބި ފަރާތްތަކާއި، އެ ޤައުމުތަކުގައި ޤާއިމު ކުރެވިފައި ވާ ސިޔާސީ، އިޖުތިމާޢީ، އަދި އިޤްތިޞާދީ "ސުޕަރސްޓްރަކްޗަރ" ގެ ފަހަތުގައި ތިބި މީހުންގެ "ވައިޓް ސުޕްރެމަސިސްޓް" ވިސްނުމާއި، އިސްތިޢުމާރީ ސިޔާސަތުތަކާއި ލަނޑުދަނޑިތަކުގެ ޙަޤީޤަތާ މެދު ލޯތައް ކަނު ވެފައި ތިބުމަކީ ވެސް އަޅުގަނޑުމެންނަށް ކުރެވޭނޭ ކަމެއް ނޫނެވެ. އަޅުގަނޑުމެންނަކަށް "ވާރވުއަރޑިއްޔަ ބަންޓޫން" ކަމަށް ވެގެން ތިބެވޭކަށެއް ނެތެވެ. އަޅުގަނޑުމެންގެ އިންސާނީ ކަރާމާތާއި، ޝަރަފާއި، ޢިއްޒަތުއްނަފްސާ އެކަށޭނަ ފަދަ ގޮތެއްގައި، އަޅުގަނޑުމެން ހަމަ އިސްކޮޅަށް ތެދު ވެގެން ދުނިޔޭގައި އުޅޭން ޖެހެއެވެ. އެއްވެސް ބަޔަކުގެ ކުރިމަތީގައި އަޅުންގެ ގޮތުގައި، ސަލާން ޖަހާން އަތްގޮށިގަނޑު ދިއް ކޮށްލައިގެން ހުއްޓޭކަށެއް ނުޖެހެއެވެ.

ވާރވުއަރޑް ކަހަލަ ދޮން މީހުން ދަނީ އިސްލާމީ އުއްމަތާ ދެކޮޅަށް ޚާއްޞަ ގޮތެއްގައި އިސްތިޢުމާރީ ހަނގުރާމަ ފިކުރީ ގޮތުން ކުރަމުންނެވެ. އެ ހަނގުރާމައިގެ ތެރޭގައި، މުސްލިމުންގެ ހުރިހައި ޤައުމުތަކެއްގައި ވެސް "ވާރވުއަރޑިއްޔަ ބަންޓޫން" ގެ ބައިގަނޑުގަނޑު ވަނީ އުފައްދައިފައެވެ. އެތައް މުސްލިމް ޤައުމުތަކެއްގައި، ވާރވުއަރޑިއްޔަ ބަންޓޫން ވަނީ އެ ތަންތަނުގެ އާބާދީގެ އަޣުލަބިއްޔަތަށް ވެފައެވެ. އެތައް މުސްލިމު ޤައުމެއްގައި، ޤައުމުގެ ޢިލްމީ، އިޖުތިމާޢީ، ސިޔާސީ، އަދި އިޤުތިޞާދީ މައިދާންތަކުގައި ނަގާކިޔާން ތިބީ ވާރވުއަރޑިއްޔަ ބަންޓޫންނެވެ. ދޮން ސާހިބުންގެ ލިބަރަލިޒަމާއި، ސެކިޔުލަރިޒަމާއި، ހިޔުމަނިޒަމާއި، ފެމިނިޒަމް ފަދަ ފިކުރުތަކަށް އަޅުވެތި ވެ، ހަމަ ބުއްދި އާއި ޟަމީރާއި އިލާހީ ހިދާޔަތުގެ ނޫރަށް މުޅީންހެން ކަނު ވެފައި ތިބި މީހުންނެވެ. އެމީހުންގެ ސާހިބުންނަކީ އިސްތިޢުމާރީ ޔޫރަޕެވެ. އެމީހުން ވާގި އެދެނީ އިސްތިޢުމާރީ ދޮން ސާހިބުންގެ ފަރާތުންނެވެ.

ދިވެހިރާއްޖޭގެ ޙާލަތަށް ބައްލަވާށެވެ! ފުންކޮށް ވިސްނަވާށެވެ! އަޅުގަނޑުމެންގެ ތެރޭގައި ވާރވުއަރޑިއްޔަ ބަންޓޫންގެ ކެންސަރު ފެތުރިފައި އޮތް ވަރާ މެދު ވިސްނަވާށެވެ. ވާރވުއަރޑީ ބަންޓޫން ގެންދަނީ އަޅުގަނޑުމެންގެ ޤައުމުގެ އިޖުތިމާޢީ، ޢިލްމީ، އަދި ސިޔާސީ ހުރިހައި ކަމެއްގައި، މާތް ވެގެން ވާ އިސްލާމް ދީނުގެ ރިވެތި، ޙިކުމަތްތެރި، ފުރާފުރިހަމަ، އަދި އާނާންދަ ގޮތްތައް އެއްފަރާތް ކުރުމަށް ބާރު އަޅަމުންނެވެ. ކޮންމެ ކަމެއްގައި، ޔޫރަޕުގެ ގޮތް ކޮޕީ ކުރުމަށް ބާރު އަޅަމުންނެވެ. އެމީހުންނަށް، ޔޫރަޕުގެ ދީނަކީ އިސްލާމް ދީން ކަމަށް ނުވާތީ، އިސްލާމް ދީން ކަމަކު ނުދެއެވެ. ޔޫރަޕުގެ ދުސްތޫރީ ނިޒާމުތަކުގައި އޮންނަނީ ހުޅަނގުވަންތަ ޑިމޮކްރަސީ ކަމަށް ވާތީ، އެ ނޫން ވެރިކަމުގެ ނިޒާމެއް ބަލައެއްނުގަނެވެއެވެ. ހުޅަނގުގެ ކެޕިޓަލިޒަމް ނުވަތަ ރައުސްމާލިއްޔަތު ފިޔަވައި އެހެން އިޤްތިޞާދީ ނިޒާމެއް ބަލައެއްނުގަނެވެއެވެ. އިންސާނީ ޠަބީޢަތާ ދެކޮޅަށް ބަޣާވާތް ކޮށް، އިންސާނީ ހަށިގަނޑުގައި އުފެދޭ ނަޖިސް ޠަބީޢީ ގޮތުން ބޭރު ވުމަށް ޓަކައި ކީރިތިވަންތަ ﷲ ލެއްވެވި ގުނަވަނަކީ ޖިންސީ ގުނަވަނަކަށް ހަދައިގަނެގެން އުޅޭ ވަޙުޝީ ފަސާދަ އަކީ ޔޫރަޕުގައި ހަތް ކުލައިން ޒީނަތްތެރި ކުރެވޭ އެއްޗަކަށް ވުމުން، އަޅުގަނޑުމެންގެ ވާރވުއަރޑިއްޔަ ބަންޓޫން ވެސް ދުއްވައިގަންނަނީ އެކަމަށް ގޮވަމުންނެވެ. ޔޫރަޕުގައި ޢާއިލާ އަކީ ބޭކާރު އެއްޗަކަށް ހަދައި، އިންފިރާދިއްޔަތުގެ ނަޣަރާ އިއްވުމުން، އެއުރެން ވެސް ދުއްވައިގަންނަނީ އެ މަގުން ހިނގުމަށެވެ. ޔޫރަޕުގެ ސައެންސީ ކޮމިޔުނިޓީގައި ﷲ އަށް އިންކާރު ކުރުން ފެޝަނަކަށް ވުމުން، އެއުރެން އުޅެގަންނަނީ އެގޮތަށް ތަބަޢަ ވުމަށެވެ. މިހެން ގޮސް ކިތަންމެ ވާހަކަތަކެއް ދެއްކިދާނެއެވެ. މި ހުރިހައި ވާހަކަތަކަކުން ވެސް ފެންނަނީ، ޔޫރަޕުގެ ދޮން މީހުންގެ ކުރިމަތީގައި އަޅުގަނޑުމެން ވާރވުއަރޑިއްޔަ ބަންޓޫންގެ ދަރަޖައިގައި ތިބޭ ގޮތުގެ ތަފްޞީލުތަކާއި ހެކިތަކެވެ.

އަޅުގަނޑުމެންގެ ބަންޓޫންގެ މަޤްޞަދަކީ އަޅުގަނޑުމެންގެ ތެރެއަށް ހުރިހައި ކަމެއްގައި ވެސް ޔޫރަޕުގެ ގޮތް ގެނައުމެވެ. "ދޮން މީހުން އުޅޭ ގޮތަށް އުޅޭ" ޤައުމަކަށް ދިވެހި ޤައުމު ބަދަލު ކުރުމެވެ. އަޅުގަނޑުމެންގެ ވާރވުއަރޑިއްޔަ ބަންޓޫންގެ މަޝްރޫޢުތަކާއި ޢަމަލުތައް މުޅި ޤައުމުން މި ދަނީ ފެންނަމުންނެވެ. ބައެއް މިސާލުތައް ދަންނަވައިލާނަމެވެ. ފުރަތަމަ ކަމަކަށް، "ހޯމް ސްޓޭ ޓުއަރިޒަމް" އޭ ކިޔައިގެން މި ހިންގޭ މުޑުދާރު ޖަރީމާއަށް ބައްލަވާށެވެ! ދެވަނަ ކަމަކަށް، އެމްޑީއެން އާއި އުތެމަ ފަދަ ޖަމްޢިއްޔާތަކުން ކުރަމުން ގެންދާ ކަންކަން ބައްލަވާށެވެ! ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވިދާނޭ ކަމަކީ، އަޅުގަނޑުމެންގެ މިސްކިތްތަކުގެ ޙުރުމަތް ކަނޑައި، އެ ތަންތަނުގެ ތެރެއަށް ދެކަމު ޙާޖަތަށް ދިޔުމާއި، ކީރިތި ޤުރްއާނަށް އިހާނެތިކޮށް ހިތުން ފަދަ ކަންކަން "ނޯރމަލައިޒް" ކޮށް، އެ ކަންކަމަށް ދިވެހީން "ޑީސެންސިޓައިޒް" ކޮށް، އެފަދަ ކަންކަން ތަކުރާރު ކުރުމުގެ ވަސީލަތުން، މިސްކިތްތަކާއި ކީރިތި ޤުރްއާނަށް އަޅުގަނޑުމެންގެ ހިތްތަކުގައި ދެވިފައި ވާ މުޤައްދަސްކަމަށް ބެލުމާއި ލޯބި ކުރުމުގެ ވަރުގަދަ ޝުޢޫރުތައް ނެއްތައިލުމުގެ މަސައްކަތެވެ. ވާރވުއާރޑް ފަދަ އަނިޔާވެރީންނަށް ޤައުމުތައް އަޅުވެތި ކުރެވެނީ، ޤައުމުތަކުގެ ގިނަ ބަޔަކީ، ނުވަތަ ބާރުވެރިކަން އޮންނަ މީހުންނަކީ މިފަދަ ވާރވުއަރޑޔަ ބަންޓޫން ކަމަށް ވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

މީގައި، ވަރަށް ހިނި އަންނަ ޒާތުގެ އެތައް ކަމެއް ވެސް ހިމެނެއެވެ. އެފަދަ އެއް ކަމަކީ، އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ވާރވުއަރޑިއްޔަ ބަންޓޫންނަށް، އެމީހުންގެ ދޮން ސާހިބުން ޙަޤީޤަތުގައި އެމީހުންނާ މެދު ދެކޭ ގޮތް އެއްގޮތަކަށް ވެސް ނޭނގޭ ކަމެވެ. އަޅުގަނޑުމެންގެ ތެރޭގައި މި އުޅޭ ވާރވުއާޑިއްޔަ ބަންޓޫންނަށް ހީ ވެފައި އޮންނަނީ، ޔޫރަޕުގެ އިސްތިޢުމާރީން އެމީހުން ދެކެ ވަރަށް ލޯބި ވާ ކަމަށެވެ. އެމީހުން ޔޫރަޕުގެ ގޮތްތައް މުސްލިމުންގެ ތެރޭގައި ފަތުރާން ކުރާ މަސައްކަތްތަކާ މެދު ވަރަށް ޝުކުރުވެރި ވެ، އެމީހުންނަށް ވަރަށް ޤަދަރު ވެސް ކުރާ ކަމަށެވެ. ދޮން އިސްތިޢުމާރީން، ވާރވުއާރޑިއްޔަ ބަންޓޫންނަށް ވަރަށް ޤަދަރު ކުރާކަމަށް ދައްކައިގެން، އެމީހުން ދެކެ ލޯބި ވާކަމަށް ވެސް ހެދިގެން އުޅޭއުޅުމަށް މިވެރީން ތިބެނީ ހެއްލިފައެވެ. ނަމަވެސް، ޙަޤީޤަތުގައި ދޮން އިސްތިޢުމާރީން، ވާރވުއާރޑިއްޔަ ބަންޓޫންނާ މެދު ދެކެނީ، ހެންޑްރިކް ވާރވުޑް ވިދާޅުވި ފަދައިން އެއުރެން "ބުނި ގޮތަކަށް ބުނި ކަމެއް ކުރާނޭ ރާމާމަކުނުތަކެއް" ކަމުގައެވެ. ވާރވުއަރޑްގެ ބަސްފުޅުތައް އަދިވެސް އެއް ފަހަރު ކިޔުއްވައިލައްވާށެވެ!

ގުޅޭ ޓެގު
comment ކޮމެންޓް