ފީފާ ވޯލްޑް ކަޕް ގަތަރު 2022ގެ ރީޖަނަލް ޓެލެކޮމް އޮޕަރޭޓަރަކަށް އުރީދޫ

އުރީދޫ -- ސަން ފޮޓޯ

ފީފާ ވޯލްޑް ކަޕް ގަތަރު 2022ގެ މެދުއިރުމައްޗާއި އެފްރިކާގެ އޮފިޝަލް ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ.

އުރީދޫ ގަތަރުގެ ޗީފް ކޮމާޝަލް އޮފިސަރު ޝައިޚް ނާސިރު ބިން ޙަމަދު ބިން ނާސިރު އަލް ޘާނީ ވިދާޅުވީ މި ފަހަރު ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތުގެ މައި ސަޕޯޓަރެއްގެ ހައިސިއްޔަތުން ފީފާއާ އެކު އަނެއްކާވެސް މަސައްކަތް ކުރަން ލިބުމަކީ އެބޭފުޅުން ފަހުރުވެރިވާ ކަމެއްގެ ގޮތުގައެވެ.

ގަތަރުގައި 2019ވަނަ އަހަރު އަދި މިއަހަރު ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްގެ ގައުމީ ސަޕޯޓަރެއްގެ ގޮތުން އުރީދޫއިން ވަނީ ފީފާއާ އެކު މަސަައްކަތް ކޮށްފައެވެ.

"2022 ވަނަ އަހަރު ދުނިޔޭގެ ކުޅިވަރުގެ މައިދާނަށް އަޅުގަނޑުމެންގެ ގައުމު ދަތުރުކުރިއިރު ހުރިހާ ލޯތަކެއް އަމާޒުވާނީ ގަތަރަށް. މިއީ އުފެއްދުންތެރިކަމާއި ޓެލެކޮމިއުނިކޭޝަންގެ ރޮނގުން އަޅުގަނޑުމެންގެ ލީޑަޝިޕް އިތުރަށް ވަރުގަދަ ކުރުމަށް އުރީދޫއަށް ލިބޭ ފުރުސަތެއް. ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓްބޯޅައާއިއެކު މި ސަރަހައްދުގެ މުޖުތަމައުތަކާ އޮންނަ ގުޅުން ބަދަހިވެގެންދާނެ ފުރުސަތެއްކަން ފާހަގަ ކުރުން،" އުރީދޫ ގަތަރުގެ ޗީފް ކޮމާޝަލް އޮފިސާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ މި ފެންވަރުގެ ބޮޑު މުބާރާތެއް ބޭއްވުމަށް ބޭނުންވާނެ އިންފްރާސްޓްރަކްޗާ އަދި ނެޓްވޯކް ސްޕީޑް އުރީދޫގެ ޓެކްނޮލޮޖީ އަދި ތަޖުރިބާގެ އެހީގައި ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ފީފާ ވޯލްޑް ކަޕް 2022ގައި ފީފާއަށް އެއްބާރުލުންދީ ހަނދާނުން ފުހެލަން ދަތި އުފާވެރި އަދި ފޯރިގަދަ ތަޖުރިބާއެއް ބެލުންތެރިންނަށް ފޯރުކޮށްދިނުމަކީ އުރީދޫއަށް ލިބޭ ފަހުރެއް ކަމުގައިވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"ރީޖަނަލް ސަޕޯޓަރެއްގެ ހައިސިއްޔަތުން މި ފަހަރު އުރީދޫ އެނބުރި އައުމުން އަޅުގަނޑުމެން އުފާކުރަން. އުރީދޫ އާއި އެކު، އަޅުގަނޑުމެން މި މަސައްކަތްކުރަނީ ގަތަރުގައި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނަށްވެސް ފޯރިގަދަ އިވެންޓެއް ބޭއްވުމުގެ އުއްމީދުގައި،" ފީފާގެ ޑިރެކްޓާ އޮފް ކޮމާޝަލް ރެވެނިއު ނިކް ބްރައުން ވިދާޅުވިއެވެ.

ފީފާ ވޯލްޑްކަޕް 2022 ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ނޮވެމމްބަރު 21އިން ޑިސެމްބަރު 18އާ ހަމައަށެވެ. މިއީ އަރަބި ދުނިޔޭގައި ބާއްވާ އެންމެ ފުރަތަމަ ފީފާ ވޯލްޑް ކަޕެވެ.

comment ކޮމެންޓް