ކުށުގެ ވެށީގައި ގިނައީ އާއިލާ ރޫޅިފައިވާ ކުދިން

ޖުލައި 20، 2021: އަޟްހާ އީދުގައި މާލޭ ސަރަހައްދުގައި ހަވީރު ހަތަރަކުން ރޭގަނޑު 8 އަކަށް ފައިމަގުގައި އުޅުން: ގިނަ އަދަދެއްގެ ބަޔަކު އާއިލާ އާއި ރަހުމަތްތެރިންނާއި އެކު ވަނީ މަގުތަކުގައި ހިތްއުފާކޮށްލަން ނިކުމެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ކުށުގެ ވެށީގައި އުޅުނު 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން އެންމެ ގިނަ ކުދިން ނިސްބަތްވަނީ ރޫޅިފައިވާ އައިލާތަކަށް ކަމަށް ޖުވެނައިލް ޖަސްޓިސް ޑިޕާޓްމެންޓު (ޑީޖޭޖޭ)އިން ބުނެފިއެވެ.

އެ މުއްދަތުގެ ތެރޭގައި ގާނޫނާއި ހިލާފްވެގެން 88 ކުއްޖެއްގެ މައްސަލަ ޑީޖޭޖޭއަށް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ކުށްތަކުރާރު ކޮށްގެން 48 މައްސަލަ ހުށަހަޅާފައިވާއިރު 40 މައްސަލައަކީ އަލަށް ކުށްކޮށްގެން ހުށަހެޅި ކުދިންގެ މައްސަލަތަކެވެ. ކުށްތަކުރާރު ކޮށްގެން ހުށަހެޅި 48 މައްސަލައިގެ ތެރެއިން 46 މައްސަލައަކީ ފިރިހެން ކުދިންގެ މައްސަލައެވެ. އަދި ދެ މައްސަލައަކީ އަންހެން ކުދިންގެ މައްސަލައެވެ.

ހުށިހެޅި މައްސަލަތަކުގެ ތެރެއިން 37 އިންސައްތަ ކުދިން ނިސްބަތްވަނީ ރޫޅިފައިވާ އާއިލާތަކަށެވެ. އަދި ޝަރުއީ ގޮތުން ބައްޕަ ނެތް 14 އިންސައްތަ ކުދިންވެސް އެ މައްސަލަތަކުގައި ހިމެނެއެވެ.

މަންމައާއި ބައްޕަ އެކުގައި އުޅޭ އާއިލާތަކުގެ ތެރެެއިން ކުށުގެ ވެށީގައި އުޅެނީ 20 އިންސައްތަ ކުދިންނެވެ. އަދި 23 އިންސައްތަ ކުދިންގެ އާއިލީ ހާލަތު ޑީޖޭޖޭއަށް ލިބިފައި ނުވާ ކަމަށް ވަނީ ބުނެފައެވެ.

"މިއަހަރުގެ ހަމަސްދުވަހަށް ބަލާލާއިރު ޝަރުޢީ ބައްޕަ ނެތް ކުދިން ކުށުގެވެށީގައި އުޅޭކަން ފާހަގަ ކުރެވޭއިރު ކައިވެނި ރޫޅިފައިވާ އާއިލާތަކުގެ ކުދިން ކުށުގެ ވެށިގާއި ގިނަކަން ފާހަގަކުރެވޭ," ޑީޖޭޖޭ އިން އާންމުކުރި ތަފާސް ހިސާބު ރިޕޯޓުގައި ވަނީ ބުނެފައެވެ.

ވޭތުވެދިޔަ 2011 އިން 2018 އިގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ކުށުގެ ވެށީގައި އުޅެފައި ހުރީ ދެމަފިރުން އެކުގައި އުޅޭ އާއިލާތަކަށް ނިސްބަތްވާ ކުދިންނެވެ. ނަމަވެސް އާއިލީ ހާލަތުގެ ސަބަބުން ކުދިންނަށް ދޭންޖެހޭ ސަމާލުކަމާއި، ލޯތްބާއި އަޅާލުން ނުދެވޭ ނަމަ އެ ކުދިންގެ އުޅުން އިތުރަށް ގޯސްވެ، ކުށުގެ ވެށީގައި އުޅޭ ބޮޑެތި މީހުން އެކުދިންގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ޑީޖޭޖޭ އިން ވަނީ ފާހަގަކޮށްފައެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެންމެ ގިނައިން ކުޑަކުދިންގެ މައްސަލަތައް ހުށަހަޅާފައިވަނީ އަތޮޅުތެރެއިންނެވެ. އެއީ 61 މައްސަލައެވެ. ނަމަވެސް އެއް ސިޓީއަކުން އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ މާލެ ސިޓީންނެވެ. އެއީ 27 މައްސަލައެކެވެ.

އެންމެ ގިނައިން ހުށަހެޅި މައްސަލަ އަކީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި މަސްތުވާތަކެތި އަތުގައި ބެހެއްޓުމާއި މުދަލަށް ގެއްލުންދިނުމާއި އަދި މާރާމާރީ ފަދަ މައްސަލަތަކެވެ. އެފަދަ މައްސަލަތަކުގައި އެންމެ ގިނައިން ޝާމިލު ވެފައިވަނީ ފިރިހެންކުދިންނެވެ.

އެގޮތުން, ގަސްތުގައި މީހަކު މަރާލުމުގެ ދެ މައްސަލައެއްވެސް ހުށަހެޅިފައިވެއެވެ. އަންހެންކުދިންނާއި ގުޅޭ ގޮތުން ހުށަހަޅާފައިވަނީ ޝަރުއީ ކައިވެންޏަކާއި ނުލާ ބަލިވެއިނުމާއި އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ އިތުރުން ބޭއަދަބީ ގޮތުގައި އައުރަ ހާމަކުރުން ފަދަ މައްސަލަތަކެވެ.

comment ކޮމެންޓް