އެސްއޯއީ އަދި ޕީއައިއީގެ ގަވައިދު އިފްތިތާހު ކޮށްފި

އޮޑިޓް އަދި އެކައުންޓެބިލިޓީ އޮފް އެސްއީއޯސް އަދި ޕީއައިއީގެ ގަވައިދު ފިނޭންސް މިނިސްޓަރު އިފްތިތާހު ކޮށްފި --- ސަން ފޮޓޯ / އަހުމަދު އައިމަން

ސަރުކާރު ހިއްސާވާ ކުންފުނިތައް ނުވަތަ އެސްއޯއީތަކާއި ޕަބްލިކް އިންޓެރެސްޓް އެންޓިޓީ (ޕީއައިއީ)ތައް އޮޑިޓް ކުރުމާ ބެހޭ ދެ ގަވައިދެއް މިއަދު އިފްތިތާހުކޮށްފިއެވެ.

މިއަދު އޮޑިޓާ ޖެނެރަލްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މި ދެ ގަވާއިދު އިފްތިތާހު ކޮށްދެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު އަމީރެވެ.

މި ގަވައިދުތަކަކީ އޮޑިޓާ ޖެނެރަލްގެ އޮފީސް އަދި އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް (އައިސީއޭ)ގެ އައު ސްޓްރެޓަޖީއެއްގެ ދަށުން އެކުލަވައިލާފައިވާ ގަވައިދުތައް ކަމަށް އޮޑިޓާ ޖެނެރަލް އަދި އައިސީއޭ މޯލްޑިވްސްގެ ރައީސް ހުސެއިން ނިޔާޒީ ވިދާޅުވިއެވެ.

"އޮޑިޓާ ޖެނެރަލްގެ ހައިސިއްޔަތުން އަޅުގަނޑު ކުންފުނިތަކުގެ ފައިނޭންޝަލް ސްޓޭޓްމެންޓްސްތަކުގަ ސޮއި ކުރީމަ އަދި އައިސީއޭ މޯލްޑިވްސްގެ ރައީސްގެ ހައިސިއްޔަތުން ހުރުމުން، އިންސްޓިޓިއުޓުން އިންޑިޕެންޑެންޓް ފައިނޭންޝިއަލް ސްޓޭޓްމެންޓެއްގެ އޮޑިޓެއް ގެންދެވޭނެ ޖާގައެއް ހަގީގަތުގަ ނޯވޭ،" ނިޔާޒީ ވިދާޅުވިއެވެ.

އެހެންކަމުން، މި ނެރެވުނު އައު ގަވައިދުގެ ދަށުން ކުންފުނިތަކުގެ ފައިނޭންޝަލް ސްޓޭޓްމެންޓް އޮޑިޓު ކުރާ އޮޑިޓާސް ހަމަޖައްސާނީ އެ ކުންފުންޏެއްގެ ބޯޑުގެ ފަރާތުންނެވެ. އަދި މި އޮޑިޓްތައް ގެންދަނީ ރަނގަޅު ފެންވަރެއްގަތޯ ބަލާނީ އޮޑިޓާ ޖެނެރަލްގެ އޮފީހުންނެވެ.

"އެސްއޯއީސް މި ގަވައިދު ތެރެއަށް މި ގެންނަނީ ސަރުކާރުގެ 50 އިންސައްތަ ހިއްސާ ނުވަތަ އެއަށް ވުރެ ގިނަ ހިއްސާ އޮންނަ ކުންފުނިތައް. މީގެ ތެރެއިން އަޅުގަނޑުމެން އެކްސެޕްޝަނެއް ގެންނަން. އެއީ ޕަބްލިކް ލިމިޓެޑް ކޮމްޕެނީތަކާއި ޕްރައިވެޓް ލިމިޓެޑް ކޮމްޕެނީސް،" ނިޔާޒީ ވިދާޅުވިއެވެ.

މި ގެނެވުނު ބަދަލާއެކު އެސްއޯއީގެ ފައިނޭންޝަލް ސްޓޭޓްމެންޓުތަކަށް އޮޑިޓް ރިޕޯޓް އެއްކުރެވޭނެއެވެ. އަދި ފައިނޭންޝަލް ރިޕޯޓުތައް އޮޑިޓަރުންނަށް ހަވާލު ކުރަން ވަކި މުއްދަތެއް ކަނޑައަޅާނެ ކަމަށްވެސް އޮޑިޓާ ޖެނެރަލް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު އަމީރު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހާލަތު ރައްޔިތުންނަށް އެނގިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅަށް ދެނެގަނެވިފައި އޮތުމަކީ އާންމު ރައްޔިތުންނަށް ވަރަށް މުހިންމު ކަމެއް. މި ގަވައިދުގެ ދަށުން ސަރުކާރު ކުންފުނިތައްވެސް އޮޑިޓް ކުރުން އަވަސްވެ ކުންފުނިތައް ޒިންމާދާރު ކުރުވަން ފަސޭހަ ވެގެން ދާނެ،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އެ ރަސްމިއްޔާތުގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ނައިބު ރައީސް އާސިމް މުހައްމަދު ވިދާޅުވީ އޮޑިޓް އޮފީހުގެ މަސައްކަތް ނުނިމި، އޮޑިޓް ރިޕޯޓް ނުލިބުން ލަސްވުމުގެ ޝަކުވާ ލިބުމަކީ އާންމު ކަމެއް ކަމަށެވެ. ނަމަވެސް މި ގަވައިދުގެ ދަށުން، ސަރުކާރު ހިއްސާވާ ކުންފުނިތައް އޮޑިޓް ކުރުމުގެ ޒިންމާ އެ ކުންފުނިތަކުން ނަގަން ޖެހޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"މި ގަވައިދުގެ ސަބަބުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޮޑިޓް ކުރުމުގެ ޒިންމާ ކުންފުނިތަކުން އުފުލަން ޖެހޭނީ. އަދި އޮޑިޓް ނުނިމޭނަމަ ކުންފުނިތައް ފުރިހަމައަށް ޒިންމާދާރު ކުރުވުމަށް މަގުފަހި ވެގެންދާނެ،" އާސިމް ވިދާޅުވިއެވެ.

comment ކޮމެންޓް