ހުޅުމާލޭގައި ބިދޭސީ ގުރޫޕަކުން ބިދޭސީ މީހަކަށް އަނިޔާކުރި މައްސަލަ ބަލަނީ

ބިދޭސީންތަކެއް މާރާމާރީ ހިންގުން

ހުޅުމާލޭގައި ބިދޭސީންގެ ގުރޫޕަކުން ބިދޭސީއަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ރޭ ހުޅުމާލޭގައި ބިދޭސީން ދިރިއުޅޭ ތަނަކަށް ވަތް ބިދޭސީއެއްގެ ގައިގައި ތަޅައި، މާރާމާރީއެއް ހިންގާފައިވާކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މާރާމާރީއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

ރޭ ދަންވަރު ހިންގި އެ މާރަމާރީގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ ވީޑިއޯއިން ބިދޭސީ މީހާ ލައިގެން ހުރި ގަމީސް އިރައިލައި، އޭނާ ބިން މައްޗަށް ވައްޓާލުމަށްފަހު، އެމީހާގެ ގައިގައި ބަޔަކު ކޮޅުފައިން ތަޅާ މަންޒަރު ފެނެއެވެ.

އެ ހަމަލާގައި ގާތްގަނޑަކަށް ހަ މީހަކު ބައިވެރިވާ މަންޒަރު ވީޑިއޯއިން ފެނެއެވެ. އަދި އެމީހުން ހުއްޓުވަން އެތާ ތިބި ބައެއް ބިދޭސީން މަސައްކަތް ކުރާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

މީގެ އިތުރުން، އެ މީހާއަށް އަނިޔާ ކުރަނީ ކީއްވެގެންތޯ އެ ސަރަހައްދުގައި ހުރި މީހަކު ސުވާލު ކުރުމުން، އެތަނުގައި ހުރި ބިދޭސީ މީހަކު ތުހުމަތު ކުރީ އެމީހާ ފޯނެއް ވަގަށް ނެގީ ކަމަށެވެ. އަދި އަނިޔާ ލިބެމުންދިޔަ މީހާ ރޮއެ، އަނިޔާ ހުއްޓާލުމަށް އާދޭސް ކުރާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

އެ މާރަމާރީ ހުއްޓުވީ ދިވެހި ޒުވާނުންތަކެކެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އެ ސަރަހައްދަށް ފުލުހުން ހާޒިރުވާ މަންޒަރުވެސް އެ ވީޑިއޯއިން ފެނެއެވެ.

comment ކޮމެންޓް