އެމްއެންޔޫ އިން ހަތަރު ދިރާސާއަކަށް އަށް ލައްކަ ރުފިޔާ ހަދިޔާކޮށްފި

ރިސާޗް ގްރާންޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އައިމަން އަލީ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން ހަތަރު ދިރާސާއެއް ކުރިއަށް ގެންދިއުމަށް އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފިއެވެ.

މިއަދު އެމްއެންޔޫގެ ކޮންފަރެންސް ރޫމްގައި ބޭއްވި ރިސާޗް ގްރޭންޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ ޖުމުލަ ހަ ދިރާސާއެއް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ވަރަށް ރަނގަޅު ދިރާސާތަކެއް ލިބިފައިވާ ކަމަށެވެ.

މީގެ ތެރެއިން އެމްއެންޔޫއިން ވަނީ ހަތަރު ދިރާސާއަކަށް އަށް ލައްކައަށް ވުރެ ގިނަ ރުފިޔާގެ ފަންޑެއް ދީފައެވެ. އެއީ:

1. މަސްވެރިކަމަށް ބޭނުންވާ އެން ލިބޭނެ ސަރަހައްދުތައް ދައްކުވައިދޭ ޗާޓެއް ހެދުމުގެ ދިރާސާ

މި ދިރާސާ ކުރިއަށް ގެންދަނީ މަރިޔަމް ނަޝާތު އާއި ޑރ. މުހައްމަދު ޝިހާމްގެ ޓީމުންނެވެ. މިކަމާ ގުޅޭގޮތުން ޝިހާމް ވިދާޅުވީ މި ދިރާސާގައި އެ ގުރޫޕުން މަސްވެރިންނާ އެކު ދަތުރުތަކުގައި ދާނެ ކަމަށާއި، މަސްވެރިކަމުގެ ސިނާއަތުގެ ފަންނީ މީހުންނާ ވާހަކަދައްކާނެކަމަށެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މި ދިރާސާގެ އަލީގައި އެކުލަވާލާ ޗާޓުން މަސްވެރިންނަށް ވަރަށް ފަސޭހަވެގެން ދާނެއެވެ.

2. ސްޓެމް އެޑިއުކޭޝަން ފްރޭމްވޯކެއް ހެދުމުގެ ދިރާސާ

މި ދިރާސާ ހެދުމަށް ހަމަޖެހިފައިވަނީ ޑރ. އަބްދުލް މުހްސިންގެ ޓީމުންނެވެ. މި ދިރާސާގެ ތެރެއިން ހަދާ ސްޓެމް އެޑިއުކޭޝަން ފްރޭމްވޯކް، އެޑިއުކޭޝަނަށް މިނިސްޓްރީއަށް ފޮނުވައި، އެ ފްރޭމްވޯކާ އެއްގޮތަށް ސްކޫލްތަކުގެ ކަރިކިއުލަމް ބަދަލުކުރުމަށް އެ ޓީމުން ލަފާ ދޭނެއެވެ. މި ދިރާސާ ކުރަން ނިންމީ ސްޓެމް އެޑިއުކޭޝަން ސާނަވީ ތައުލީމުގެ ތެރެއިންވެސް ފުޅާކޮށް، އެ މާއްދާތަކަށް ކުދިން ހިތް ޖެއްސުމަށް ޕްލޭނެއް އެކުލަވާލުމަށް ކަމަށް ޑރ. އަބްދުލް މުހްސިން ވިދާޅުވި އެވެ.

3. ރާއްޖޭގެ ކަނޑުތަކުގައި ޕެތޯޖެނިކް މައިކްރޯއޯގަނިޒަމްސް ހުރި މިންވަރު ބެލުމަށް ހަދާ ދިރާސާ

މި ދިރާސާއަކީ ގައުމީ ޔުނިވާސިޓީގެ މެޑިކަލް ސްކޫލުގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދިރާސާއެކެވެ. މި ރިސާޗް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑރ. ކައްނާނުގެ ޓީމުންނެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި އިންފެކްޓިވް ބަލިތަކުގެ ނިސްބަތް ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާއިރު އެފަދަ ބަލިތައް ފެތުރެމުންދާ ސަބަބު ދެނެގަތުމަކީ މުހިންމު ކަމެއްކަމަށެވެ.

ޑރ. ކައްނާނުގެ ޓީމުން ހަދާނީ ރާއްޖޭގެ ކަނޑުތަކުގައި ޕެތޯޖެނިކް މައިކްރޯއޯގަނިޒަމްސް ހުރި މިންވަރު ބެލުމަށް ހަދާ ދިރާސާއެއް -- ސަން ފޮޓޯ/ އަހުމަދު އައިމަން އަލީ

4. ޑިޖިޓަލް އަދި އޮންލައިން ވަސީލަތްތަކުގެ އެހީގައި ތައުލީމީ ދާއިރާ އެހެން ފަންތިއަކަށް ގެންދިއުމަށް ކުރާ ދިރާސާ

މި ދިރާސާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހާމިދު އަލީގެ ޓީމުންނެވެ.

މިއީ ގައުމީ ޔުނިވާސިޓީގައި ބޭނުންކުރާ ހުރިހާ ވަސީލަތްތަކުގެ އެހީގައި، ކިޔަވައިދިނުމުގެ ވައްޓަފާޅި އެހެން ހަރުފަތަކަށް ގެންދިއުމުގެ ގޮތުން ކުރާ ދިރާސާއެކެވެ. ހާމިދު އަލީ ވިދާޅުވީ އެ ދިރާސާގައި ޑިޖިޓަލްކޮށް ޓެސްޓު ނަނގާ ގޮތްތައް ރަނގަޅަށް ބެލުމަށްފަހު، އޮންލައިންކޮށް ކިޔަވައިދޭއިރު ކުދިންގެ ފެންވަރު ވަޒަންކުރެވޭނެ ހަރުދަނާ ގޮތްތައް ހޯދާނެ ކަމަށެވެ.

މީގެ އިތުރުން މި ދިރާސާގެ އަލީގައި ޔުނިވާސިޓީގެ ދަރިވަރުންނާއި ލެކްޗަރާއިން ޑިޖިޓަލް ވަސީލަތްތަކަށް ހޭލުންތެރިކުރުވާނެ ކަމަށް ހާމިދު ވިދާޅުވިއެވެ.

މި ރިސާޗް ގްރާންޓް ލިބުނު ޓީމުތަކަށް އެމްއެންޔޫއިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ދިރާސާތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭނެ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

comment ކޮމެންޓް