އަންނަ އަހަރަށް ލަފާކުރާ ބަޖެޓް 25 ބިލިއަނަށް ކުޑަކުރަންޖެހޭ: ސަލީމް

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް -- ފޮޓޯ/ މަޖިލިސް

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓް 25 ބިލިއަން ރުފިޔާއަށް ބަދަލުކުރުމަށްފަހު، އަލުން ހުށަހެޅުމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓްގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ ކުރީ ސަރުކާރުގައި ދައުލަތުގެ ދަރަނި އެވްރެޖްކޮށް ހުރީ ހަތަރު ބިލިއަން ރުފިޔާގައި ކަމަށާއި ނަމަވެސް މި ސަރުކާރުގައި ދަރަނި ހުރީ ގާތްގަނޑަކަށް 14 ބިލިއަން ނުވަތަ 13 ބިލިއަން ރުފިޔާގައި ކަމަށެވެ. އަދި ވިދާޅުވީ އެއީ ވަރަށްބޮޑު ނުރައްކަލެއް ކަމަށެވެ.

ސަލީމް ވިދާޅުވީ ބަޖެޓުގައި އޮތީ ރަނގަޅު އަދަދެއް ނޫން ކަމަށާއި އެ އަދަދު އަދި މައްޗަށްދާނެ ކަމަށެވެ. އެގޮތުން 14 ނުވަތަ 15 މިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކޮވިޑް ތެރޭގައި ދަރަނި ބޮޑުވެގެން ދިޔަ ނަމަވެސް މިހާރު މި އޮތީ އާއްމު ހާލަތަކަށް އާދެވިފައި ކަމަށާއި އެހެންކަމުން ދެން ޖެހޭނީ ދަރަނި ކުޑަކުރެވޭތޯ މަސައްކަތްކުރަން ކަމަށެވެ.

"އޭގެ ބަދަލުގައި ކޮވިޑްގެ ހާލަތުގަ އޮތް އިރު ދަރަނި ހުރި މިންވަރުގަ ހިފަހައްޓައިގެން ކުރިއަށް ގެންދިއުން އެއީ ސަރުކާރަށް އުފުލޭނެ ބުރައެއް ނޫން. އަދި ރައްޔިތުންނަށް ވެސް އުފުލޭނެ ބުރައެއް ނޫން. ވިސްނާލަން ޖެހޭނެ އެވްރެޖްކޮށް މި ބަޖެޓްތައް މި އަންނަނީ ގާތްގަނޑަކަށް 13 ބިލިއަން 14 ބިލިއަން ކޮންމެ އަހަރަކުވެސް ދަރަނިވަމުން،" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މިހެން ބާއްވައިގެން ކުރިއަށްދާ ނަމަ އަންނަ ރޯދަމަހުގެ ތެރޭގައި ތަކެތީގެ އަގުތައް އަތްނުފޯރާ މިންވަރަށް މައްޗަށްދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"މި ލެވެލްއަށް ކަންކަން ދާން ފެށުމުން އަޅުގަނޑުމެން އަމިއްލައަށް ފައިސާގެ އަގު ވައްޓާލާ ޑޮލަރުގެ އަގު 19 އާ 20 އާއި ހިސާބަށް ދިޔައީމަ އަނެއްކާ ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ދާނެ،" ސަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދަރަނި ބޮޑުވަމުން އަންނަ ވަރަކަށް ޑޮލަރުގެ އަގު ބޮޑުވަމުން އަންނާނެ ކަމަށާއި އެއީ ވެސް ވިސްނާލަންޖެހޭ ކަމެއް ކަމަށެވެ.

ސަލީމް ވިދާޅުވީ ރައްޔިތުން މިއަދު އުޅެނީ އަނގަޔާއި އަތާ ދިމާނުވެގެން ކަމަށާއި މިހާލަތުގައި ވެސް މުލިއާގޭގެ އެކިއެކި ހަރަދު ތަކުގެ ގޮތުގައި ދުވާލެއްގެ މައްޗަށް 75 ހާސް ރުފިޔާ ހަރަދުކުރާ ކަމަށެވެ.

ސަލީމް ވިދާޅުވީ ރައްޔިތުން ނުކައިނުބޮއި ތިއްބާ އެންމެ މީހަކަށް އެވަރުގެ ބޮޑު އަދަދެއް ހަރަދު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓުގައިވާ ގޮތުގައި ދަރަނި ނުވަތަ ލޯނު އަނބުރާ ދެއްކުމަށް ކުރާ ހޭދަ އާއި ބޭރުގެ މާލީ އިދާރާތަކަށް ދައްކާ ރައުސްމާލާ އެކު ބަޖެޓުގެ ޖުމްލަ އަކީ 36.9 ބިލިއަން ރުފިޔާއެވެ.

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 24.2 ބިލިއަން ރުފިޔާ އެވެ. އެހެން ކަމުން، މިއީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ނުވަތަ ދަރަނި ބަޖެޓެކެވެ. އުފެއްދުންތެރިކަމުގެ ނިސްބަތުން މިއީ 11.1 ޕަސެންޓުގެ ޑެފިސިޓެކެވެ.

އަންނަ އަހަރުގެ ބަޖެޓު ފައިނޭންސް ކުރުމަށް ޖުމުލަ 13.4 ބިލިއަން ރުފިޔާ ހޯދަން ޖެހެއެވެ. އެއީ ބަޖެޓު ޑެފިސިޓްގެ ގޮތުގައި ހިމެނޭ 9.7 ބިލިއަން ރުފިޔާއާއި ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 2.8 ބިލިއަން ރުފިޔާއާއި އެހެނިހެން ގޮތްގޮތުން ބޭނުންވާ 805 މިލިއަން ރުފިޔާއެވެ.

comment ކޮމެންޓް