މިސްކިތަށް ކުޑަކަމުދިޔަ މީހާ، އަނެއްކާ ވެސް މިސްކިތަކަށް ވަދެ ޚަތިމަށް ރަތްކުޅު ޖަހައިފި

ޚަތިމަށް ރަތްކުޅުޖެހި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ --

އިސްލާމީ މަރުކަޒަށް ވަދެ އެތަނުގެ ތެރެއަށް ކުޑަކަމުދިޔަ މައްސަލައި ހައްޔަރުކުރުމަށްފަހު ދޫކޮށްލައިވާ ސިކުނޑިހަމަނުޖެހޭ ކަމަށް ބުނާ މީހާ އަނެއްކާ ވެސް މިސްކިތަކަށް ވަދެ ޚަތިމަށް ރަތްކުޅު ޖަހައިފިއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ރަތްކުޅު ޖަހާފައިވަނީ މަސްޖިދުލް އިބްރާހީމް މިސްކިތުގައި ހުރި ޚަތިމަކަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަން ވިދާޅުވީ މަސްޖިދުލް އިބްރާހީމް މިސްކިތަށް އަރާ ޚަތިމަކަށް ކުޅުޖެހި މައްސަލައެއްގައި އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކު 16:03 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އެމީހާ ގެންދާ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. އެ ވީޑިއޯގައި ގޮވާ އަޑު އިވެނީ ފުލުހުންގެ ކިބައިން އޭނާ ސަލާމަތް ކޮށްދިނުމަށެވެ. މީގެ އިތުރުން ޚަތިމަށް ރަތްކުޅު ޖެހިން ކަމަށް ވެސް ބުނާ އަޑުވެސް އިވެއެވެ.

އިބްރާހީމް މިސްކިތަށް އާއްމުކޮށް ނަމާދަށް ގޮސްއުޅޭ މީހަކު "ސަން"އަށް މައުލޫމާތު ދިންގޮތުގައި މިއަދުގެ އަސަރު ނަމާދުގެ ޖަމާއަތް ނިމުނު ވަގުތު އެ މީހާ އައިސް މިސްކިތުގެ އެތެރެއަށް ވަދެ އަޑުގަދަކުރަން ފެށިއެވެ. އޭނާ ބުނީ އިރުކޮޅަކު އެ ގޮތަށް ހަޅޭއްލަވަން މަޑުކުރުމަށްފަހު، ފޮތްގޮނޑިމަތީގައި ބާއްވާފައި އޮތް ޚަތިމަށް، ކަރުކެހިފައި ރަތްކުޅު ޖެހީ ކަމަށެވެ.

"އަޅުގަނޑުމެން އަސުރު ނަމާދުގެ ޖަމާއަތް ނިންމާލި ވަގުތު ކުއްލިއަކަށް އެމީހާ އައިސް މިސްކިތަށް ވަދެ ހަޅޭއްލަވަން ފެށީ. އެހެން ހުރެފަ ތިރީގަ ބަހައްޓާފަހުރި ޚަތިމަށް ކަރުކެހިލާފަ ޖެހީ ރަތް ކުޅުގަނޑެއް،" އެނާ ކިޔައިދިނެވެ.

އޭނާ ބުނީ ޚަތިމަށް ރަތްކުޅު ޖެހުމަށްފަހު، އެމީހާ މަސައްކަތްކުރީ މިސްކިތުން ނުކުމެގެން ދާން ކަމަށާއި، ނަމަވެސް އެ ވަގުތު މިސްކިތުގައި ތިބި މީހުން އެމީހާ ހިފެހެއްޓުމަށްފަހު މިހާރު ފުލުންނާ ހަވާލުކޮށްފި ކަމަށެވެ.

އެމީހާ ވަނީ މީގެ ކުރިންވެސް ހުކުރު މިސްކިތަށާއި އިސްލާމީ މަރުކަޒަށް ވަދެ، މީހުން ނަމާދު ކުރަން ތިބި ވަގުތު މިސްކިތުގެ އެތެރެއަށް ކުޑަކަމު ގޮސްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް