ކުރީ ސަރުކާރުން ގެނައި އިސްލާހަކަށް ވިޔަސް، ސިވިލް ސާވިސް ގާނޫނު މި ސަރުކާރުން ބަދަލުކުރަން ޖެހޭ: އާދަމް ޝަރީފް

ސެޕްޓެމްބާރ 5، 2021: ޕީޕީއެމް އިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އާދަމް ޝަރީފް ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިިވިލް ސާވިސް މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވާނަމަ ވަޒީފާ ގެއްލޭގޮތަށް ދިވެހި ސިވލް ސާވިސްގެ ގަވާއިދަށް ގެނައި އިސްލާހަކީ ކުރީ ސަރުކާރުން ގެނައި އިސްލާހެއް ނަމަވެސް، މި ސަރުކާރުން އެ އިސްލާހު ކުރަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ސިވިލް ސާވިސް ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން އާދަމް ޝަރީފް "ސަން"އަށް ވިދާޅުވީ 2015 ވަނަ އަހަރު ގާނޫނަށް ގެނައި އިސްލާހުގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ އުޅެގެން ނުވާނެ ކަމަށެވެ. އެހެންނަމަވެސް އެ އިސްލާހުގައި އެކަން ކުރުމަކީ ކުށަކަށް ހަދައި، ވަޒީފާއިން ވަކި ކުރާނޭ ކަމަށް ނުވަތަ ކުރެވޭނޭ ކަމަށް ބުނެފައި ނުވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އެ އިސްލާހުގެ މައްޗަށް ބިނާކޮށް ސިވިލް ސާވިސް ކޮމިޝަނުން ގަވައިދު ހަދައިފައި އިންއިރު، އެކަމާ ގުޅިގެން ކޮމިޝަނުން ގެނައީ ކޮން އިސްލާހެއް ކަން މިހާތަނަށް އެނގިފައިނުވާ ކަމަށް ވިދާޅުވިއެވެ.

"އެހެން މި ދެންނެވީ ގާނޫނުގައި ބުނާ ގޮތުން ވަކި ކަންތައްތަކެއް ކޮށްގެން ނުވާނޭ ކަމަށް ބުނިޔަސް ވެސް އެ ކަންތައްތަކަކީ މިވެނި ދަރަޖައެއްގެ ކުށެކޭ، ވަޒީފާއިން ވަކި ކުރެވޭނޭ އެ ގޮތަކަށް ނޫން އޮތީކީ. ލީގަލް ޓާމްސްގަ މިވެނި ކަމެއް ކޮށްގެން ނުވާނޭ ބުނުމާ މިވެނި ކަމެއް އެ ކަމެއް ކުރުމަކީ މިވެނި ދަރަޖައިގެ ކުށެކޭ ބުނުމާ ވަރަށް ތަފާތު ކަމެއް،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ މިނިވަންކަން ހޯދުމަށާއި ވަޒީފާގެ ބިރާ ދެކޮޅަށް ވަކާލާތު ކުރި ބަޔަކު ވެރިކަމަށް އައުމަށްފަހު، އެ ގާނޫނު އެ ގޮތަށް ތަންފީޒު ކުރުން ދެކޮޅު ނުޖެހޭ ކަމަށެވެ. އަދި ކޮންމެ ކަމެއް ކުރުމަށްފަހު އެކަން ކުރީ، ކުރީ ސަރުކާރުން ކަމަށް ނުބުނެވޭނެ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ކުރީ ސަރުކާރުން އެ ގާނޫނު ގެނެސްފައި އޮތަސް، އެ ގާނޫނަށް އިސްލާހު ގެނެވޭނެ ހާލަތެއް މި ބޭފުޅުންނަށް މިއޮތީ. އެ އޮއްވާ އެއިން އެއްވެސް ކަމެއް ނުކުރައްވާ އިއުލާނު ކުރައްވާފަ، ފާޑު ކިޔަން ފެށީމާ މިހާރު މި ބުނަނީ މިއީ ކުރީ ސަރުކާރުގެ ކަމެކޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުން ކުރީ ސަރުކާރުން ކޮށްފައި އޮތަސް މި ސަރުކާރުން ބަދަލުކުރަން ޖެހޭ ވަރުގެ ކަމެއް މިއީ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީގެ ބައެއް މެންބަރުންގެ ހިޔާލު ވެސް ހުރީ މިހާރު އޮތް އިސްލާހާ ދެކޮޅަށް ކަމަށް އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.

އާދަމް ޝަރީފް ވަނީ ސިވިލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރައްވައި، ގާނޫނަށް އިސްލާހު ގެންނެވުމަށް ގޮވައިލައިފައެވެ.

އިސްލާހުކޮށްފައިވާ ގަވާއިދުގައިވާ ގޮތުން އޮފީހުގެ ރަސްމީ ގަޑީގައި ސިޔާސީ ވާހަކަދެއްކުން ވަނީ ފުރަތަމަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. ހަމައެއާއެކު ރަސްމީ ގަޑީގައި ސިޔާސީ ވާހަކަ ދެއްކުމާއި، ސިޔާސީ ބަހުސްކުރުން ވަނީ ދެވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.

މީގެ އިތުުރުން އެ ގަވާއިދުގައިވާ ގޮތުން މަސައްކަތުގެ ރަސްމީ ނުވަތަ ނުރަސްމީ ގަޑީގައި ވެސް މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ވަނީ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. އަދި އެއާއެކު އެއީ ވަޒީފާއިން ވަކިކުރެވޭފަދަ ކުށެއްގެ ގޮތުގައި ވެސް ވަނީ ކަނޑައަޅައިފައެެވެ.

ހަމައެއާއެކު މުވައްޒަފެއް އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރާއިރު ވަކި ފަރާތަކަށް ޖެހި ހުންނަކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އެ މުވައްޒަފެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ވެސް ވަނީ ވަޒީފާއިން ވަކިކުރެވޭ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.

comment ކޮމެންޓް