ސިވިލް ސާވިސް މުވައްޒަފުން ހައްގު ހޯދަން ޕީޕީއެމް ހިނގާލުމުގައި ބައިވެރިވުމަށް ދައުވަތު ދީފި

ސެޕްޓެމްބަރ 10، 2021: އިދިކޮޅު ކޯލިޝަނުން ބޭއްވި ހިނގާލުމެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިވިލް ސާވިސް މުވައްޒަފުންގެ ހައްގު ހޯދުމަށް ޓަކައި، ޕީޕީއެމްއިން "މިނިވަންކަމުގެ ދިފާއުގައި" ނަމުގައި ހިނގާލުމުގައި ބައިވެރިވުމަށް ސިވިލް މުވައްޒަފުންނަށް ދައުވަތު ދީފިއެވެ.

ސިިވިލް ސާވިސް މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވާނަމަ ވަޒީފާ ގެއްލޭގޮތަށް ދިވެހި ސިވލް ސާވިސްގެ ގަވާއިދަށް އިސްލާހު ގެނެސްފައިވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމާ ކަންބޮޑުވެ، ހިޔާލު ފާޅުކުރަމުންނެވެ.

ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ މި ގެނައި ބަދަލަކީ އިދިކޮޅުގެ ހަރަކާތްތަކަށް ހުރަސް އެޅުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ.

" އެހެންނަމަވެސް އަޅުގަނޑުމެން ދަންނަވާލަން ބޭނުންވަނީ ދިވެހި ސިވިލް ސާވަންޓުންނަށް، ދިވެހި ސިވިލް ސާވަންޓުންގެ ހައްގުތައް ކަށަވަރު ކުރެވެން އޮތީވެސް މިނިވަންކަމެއް އޮވެގެން ކަމުގަ. އެހެންވީމާ ހުރިހާ ރައްޔިތުން ވެސް ވަޑައިގެން ދެއްވާށޭ މި ހަރަކާތުގައި ބައިވެރިވެވަޑައިގެން ދެއްވާށޭ" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ މި ސަރުކާރުގައި ހައްގު ގެއްލޭ ހުރިހާ އެންމެންގެ ހައްގު 2023 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށްފަހު ޕީޕީއެމްއިން އިއާދަކޮށްދޭނެ ކަމަށެވެ.

ޕީޕީއެމްއިން މިދިޔަ ހުކުރު ދުވަހު ބާއްވަން ނިންމި، "މިނިވަންކަމުގެ ދިފާއުގައި" ހިނގާލުން މޫސުން ތަން ނުދިނުމުގެ ސަބަބުން ފަސްކޮށްފައިވަނީ އަންނަ ހުކުރު ދުވަހަށެވެ.

މި ހަރަކާތް ފަސްކުރީ ޕީޕީއެމުން ހެދި ޑީލެއްގެ ދަށުން ކަމަށް ބުނެ އެމްޑީޕީގެ ބައެއް މެންބަރުން ވާހަކަދައްކާފައިވާ ކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ ޕީޕީއެމްއަކީ ޑީލު ހަދާނެ ޕާޓީއެއް ނޫން ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މި ފިކުރަކުން މިނިވަންކަމުގެ މި މައްސަލައިގަ ޑީލެއް ނަހަދާނޭ، އެއްވެސް ގައުމަކާއެކު. ރައީސް ޔާމީންގެ ފިކުރަކީ ޑީލު ހަދާ ފިކުރެއް ނޫން. ސާބިތުކަމާއެކީގައި މި ގައުމުގެ މިނިވަންކަމުގެ ޒައްރެއްގެ މިންވަރު ބޭރުގެ ބަޔަކާ ދިމާލަކަށް ދިއުމަކީ ރައީސް ޔާމީންގެ ފިކުރު، މި ޕާޓީ ދެކޮޅު ކަމެއް" ޝުޖާއު ވިދާޅުވިއެވެ.

އިދިކޮޅުގެ ހަރަކާތް ފެށޭނީ އަންނަ ހުކުރު ދުވަހުގެ 15:45ގައި ޕީޕީއެމްގެ އޮފީސް ކުރިމަތިންނެވެ.

comment ކޮމެންޓް