އަވައްޓެރި ފުލުހުންނާއެކު ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން އިހުސާސްވާނެ: އިމްރާން

އަވައްޓެރި ފުލުހުން ގާއިމްކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވާހަަކަފުޅު ދައްކަވަނީ-- ފޮޓޯ/ ފުލުހުން

އަވައްޓެރި ފުލުހުންގެ ނަތީޖާ ފެނިގެންދާއިރު، ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް އިހުސާސް ކުރެވިގެންދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވެފައިވަނީ ކުޅުދުއްފުށީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މިއަދުގެ ޕޮލިސިންގެ ހިދުމަތް ދިނުމުގައި ގެންގުޅޭ އުސޫލުތަކާއި ވައްޓަފާޅި ދެނެގެނަގެން، ރައްޔިތުންނަށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ އެކަށީގެންވާ ރަނގަޅު މޮޑެލްއަކަށް މަސައްކަތްކުރުމަށްޓަކައި ފުލުހުން ފެށި މަސައްކަތަށް ލިބިގެންދިޔަ އިތުރު ހިތްވަރެއްކަމަށެވެ.

އަތޮޅުތެރޭގައި ފަށާ އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ދިވެހި ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ އަމާންކަމާއި ރައްކާތެރިކަަމަށް ފެށިގެންދާ ވަރަށް މުހިއްމު މަސައްކަތެއްކަން ފާހަގަކުރައްވާ އިމްރާން އިތުރަށް ވިދާޅުވީ މި މަސައްކަތުގެ ނަތީޖާ ފެނިގެންދާއިރު ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން އިހުސާސް ކުރެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން އަމާންވެއްޓެއް ގާއިމުކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން އަވައްޓެރި ފުލުހުންގެ ހިދުމަތަކީ މުޅި މުޖުތަމައު ގުޅި ލާމެހިގެން ކުރަންޖެހޭ ކަމެއް ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

އަވައްޓެރި ފުލުހުންގެ ހިދުމަތުގައި ފުލުހުން އަދާކުރަންޖެހޭ ދައުރާއި ގާނޫނީ ހައިސިއްޔަތު ބޮޑުކަމާ އެހެންނަމަވެސް އެންމެން އެކުގައި ގުޅިގެން ކުރެވޭ މަސައްކަތުން މިކަމަށް އެދޭވޭ ނަތީޖާ ނެރެވިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެހެންމެ ދުނިޔަވީ ފަލްސަފާތަކަށް ވިސްނާލާއިރު އިލްމުވެރިން މާނަ ކުރައްވަނީ އެންމެ ހެޔޮ މުޖުތަމައަކީ އެ މުޖުތަމައުގެ އަހުލުވެރިންނަކީ ﷲ ތަޢާލާގެ ދީނަށް ހުރުމަތްތެރި ކޮށްހިތައި ސުލްހަވެރިކަމާއި ސަލާމަތާއި އެކުވެރިކަމާއި ބަދަހިކަމާކު މަސައްކަތްކޮށް އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމާ ގަދަރުކޮށް އަޅާލުމާއި އޯގާވެރިކަން އިސްކޮށް ބޮޑެތި އަދި ކުދި ކުށްތަކުން ސަލާމަތްވެފައިވާ މުޖުތަމައެެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިކަން ހާސިލްކުރުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް ކަމާއި މަސްއޫލިއްޔަތެއްކަމުގައި ފާހަގަކުރައްވައި، އެކަމުގެ ގާނޫނީ ޒިންމާ ފުލުހުންގެ ބޮލުގައި އެޅިފައި އޮތްނަމަވެސް އެކަން ފުރިހަމަވެގެންދަނީ އެ މުޖުތަމައެއްގައި ދިރިއުޅޭ އެންމެން ގުޅިގެން ކުރެވެމުންދާ މަސައްކަތުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

ކުޅުދުއްފުށި އަވައްޓެރި ފުލުހުން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި ފުލުހުންގެ އިސް އޮފިސަރުންނާއި، ހދ. އަތޮޅު ކައުންސިލްގެ ރައީސްއާއި، ކުޅުދުއްފުށި ކައުންސިލްގެ ރައީސްއާއި، ކައުންސިލް މެމްބަރުންނާއި، ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ފުލުހުން ބައިވެރިވެފައިވެއެވެ.

comment ކޮމެންޓް