އެމެރިކާއިން ސައުދީއަށް އެތަށް މިލިޔަން ޑޮލަރެއްގެ ހަތިޔާރު ވިއްކަން ނިންމައިފި

އެމެރިކާގެ ރައީސް ބައިޑެން އާއި ސައޫދީ ރަސްގެފާނު ސަލްމާން

ވޮޝިންޓަން (ނޮވެމްބަރު 6) : ސައުދީއަރަބިއާއަށް އެތަށް ސަތޭކަ މިލިޔަން ޑޮލަރެއްގެ ހަތިޔާރު ވިއްކުމަށް އެމެރިކާ ނިންމައިފިއެވެ.

މިކަން ހާމަކުރަމުން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސައުދީއަރަބިއާއަށް 650 މިލިޔަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ނިންމާފައިވާ ކަމަށާ މިކަމަށް ހުއްދަ ހޯދުމަށް އެދި ކޮންގްރެސް އަށް ވަރަށް އަވަހަށް ހުށަހަޅާނެކަމުގައެވެ.

ސައޫދީއަކީ ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށްވަދެ ލޭ އޮހޮރުވުން ބޮޑު ހަނގުރާމައެއް ކުރަމުން ގެންދާތާ އެތަށް އަހަރެއްވެފައިވާ ގައުމެއް ނަމަވެސް ޕެންޓަގަންގެ ބަޔާނުގައި ސައުދީއަށް ހަތިޔާރު ވިއްކަން ނިންމީ އެގައުމުގެ ދިފާއަށާ އަދި މުޅި ސަރަހައްދުގައި އަމަން އަމާންކަން ގާއިމް ކުރުމަށްޓަކައި ކަމަށް ސިފަކޮށްފައިވެއެވެ.

އެމެރިކާއިން ސައޫދީއަށް ވިއްކާފައިވާ ފައިޓާ ޖެޓަކުން ޔަމަނަށް ބޮން އަޅަނީ

އެމެރިކާއަކީ އެމެރިކާއާ ވާދަވެރިގައުމަކުން ނޫނީ އިރާންފަދަ ޔަހޫދީ އިސްރާއީލާ އިދިކޮޅު ގައުމަކުން ހަތިޔާރު އުފައްދާނަމަ އަދި ވިއްކާނަމަވެސް އެއީ ލޭއޮހޮރުވުމަށާއި ހަމަޖެހުން ނަގާލުމަށް ހިންގާ އަމަލެއްގެ ގޮތުގައި ސިފަކުރުމުގެ ސިޔާސަތެއް ގެންގުޅޭ ގައުމެކެވެ. މީގެއިތުރުން އެމެރިކާއާއި އިސްރާއީލުން ހިންގާ އުދުވާނާއި ޖަރީމާތަކަކީ އަމިއްލަ ނަފްސުގެ ދިފާއުގައި ކުރާކަމެއްކަމާއި އެދެގައުމާ އިދިކޮޅު ގައުމަކުން ނޫނީ ޖަމާއަތަކުން އަމިއްލަ ނަފްސުގެ ދިފާއުގައި ކުރާކަންކަމަކީ ޓެރަރިޒަމް ކަމަށް ސިފަކުރުމުގެ ސިޔާސަތެއް ގެންގުޅޭ ގައުމެކެވެ.

މިގޮތުން ފަލަސްތީނުގެ ޖަމާއަތްތަކުން އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ފަލަސްތީނުގެ މިނިވަންކަމަށް ކުރާ ޖިހާދަކީ ޓެރަރިޒަމްކަމަށް އެމެރިކާއާއި އިސްރާއީލުން ސިފަކުރަމުން ގެންދެއެވެ. އަވަށްޓެރި ގައުމެއްގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ސައުދީސީދާ ގޮތެއްގައި ވަދެ ހަނގުރާމަ ކުރަމުން ގެންދާއިރު ސައުދީއަށް ހަތިޔާރު ވިއްކަން އެމެރިކާ ނިންމި ނިންމުމަކީ ޔަމަންގެ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ ގޮވާލާ ގޮވާލުންތަކާ ފުށައަރާ ކަމެއްކަމަށް މުރާސިލުން ސިފަކުރެއެވެ.

ނަމަވެސް އެމެރިކާ ބުނާގޮތުން ސައުދީއަށް ގިނަ ޢަދަދެއްގެ ހަތިޔާރު ވިއްކަން ނިންމީ އެގައުމަށް ކުރިމަތިވަމުންދާ ނުރައްކާތަކުންނާއި މުސްތަގްބަލްގައި ކުރިމަތިވެދާނެ ނުރައްކާތަކުން އެ ގައުމު ސަލާމަތްކުރުމުގެ ބޭނުމުގައެވެ. މިއީ ސައޫދީން ޔަމަނަށް ބޮންއަޅައި އެގައުމަށް ގެއްލުންދޭތީ އޭގެ ރައްދުގައި ޔަމަންގެ ހޫޘީ ޖަމާއަތުން ސައޫދީއަށް ދޭ ހަމަލާތަކަށް އެމެރިކާއިން ކުރި އިޝާރާތެއްކަމަށް ވަނީ ބެލެވިފައެވެ.

ސައުދީއަށް 650 މިލިޔަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ނިންމިކަން އެމެރިކާ އިއުލާންކުރިއިރު ޔަމަންގެ ހަނގުރާމައިގައި ސައުދީސިފައިން ބޭނުންކުރާ އަސްކަރީ ހެލިކޮޕުޓަރުތައް މަރާމާތުކުރުމަށް ޓަކައި 500 މިލިޔަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގައިވެސް ސައުދީސަރުކާރާއެކު މިދިޔަ ސެޕްޓެންބަރު ތެރޭގައި އެމެރިކާ ވަނީ ސޮއިކޮށްފައެވެ.

އެމެރިކާގެ މިފަދަ އަމަލުތަކީ ޔަމަންގެ ހަނގުރާމަ އިތުރަށް ފުޅާވެ ދިގުލައި އިތުރު އެތަށް ހާސްބައެއް ފުރާނަ ގެއްލި އަދި ގަލްފުގެ ސަރަހައްދުގެ އަމާންކަން ގެއްލިގެންދާނެކަމެއްކަމަށްވާތީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޔަމަންގެ ހަނގުރާމައިގެ ސަބަބުން އެގައުމުގެ ބައިލައަކަށްވުރެ ގިނަ މީހުން މަރުވެ އެތަށް މިލިޔަން ބަޔަކުވަނީ ހައިހޫނުކަމާއި ބަލިމަޑުކަމުގެ ޝިކާރައަކަށް ވެފައެވެ.

comment ކޮމެންޓް