އަސާސީ ބޭސް ފާމަސީތަކުން ނުލިބޭނަމަ ފިޔަވަޅު އަޅަނީ

 އެސްޓީއޯ އިން ހުޅުވާފައިވާ ބޭސްފިހާރައެއްގައި އެ ކުންފުނީގެ މުވައްޒަފުން: ބޭސްފިހާރަތަކާ އެކު ވަޒީފާތައް އިތުރުވާނެ ކަމަށް އެ ކުންފުނިން ބުނޭ

އަސާސީ ބޭސް ފާމަސީތަކުން ނުލިބޭނަމަ، ބޭހާ ބެހޭ ގަވާއިދާއި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން، އެ ފާމަސީތަކަށް ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފިއެވެ.

އެ އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ، ފާމަސީގައި ހުންނަން ޖެހޭ އަސާސީ ބޭސް ލިސްޓަކީ އަބަދުވެސް މެދު ނުކެނޑި މީހުންނަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ފަސޭހަ ކަމާ އެކު ފާމަސީ ތަކުގައި ކޮންމެހެން ލިބެން ހުންނަން ޖެހޭ ބޭސްތަކެއް ކަމަށެވެ.

ނަމަވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް ލިބެން ޖެހޭ ދަނޑިވަޅުގައި ނުލިބި، އެންމެ އެކަށޭނަ ގޮތުގައި ފަރުވާ ނުލިބޭތީ، އާއްމުންނާއި ހިދުމަތް ދޭ ފަރާތްތަކުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެހެންކަމުން އަސާސީ ބޭސް މެދު ނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފާމަސީތަކަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފައެވެ.

އެހެންކަމުން އެ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން ގެންދާ ހުރިހާ ފާމަސީ ތަކުގައި ހީރަސް ކޮށްފައިވާ ލިސްޓުގައި ހިމެނޭ ބޭސްތައް މެދު ނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ އޮތޯރިޓީން ވަނީ ފާމަސީތަކަށް އަންގާފައެވެ.

އޭގެ އިތުރުން، އެ ލިސްޓްގައި ހިމެނޭ ބޭހުގެ އިތުރުން އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ޕްރިސްކްރިޕްޝަން އޮންލީ މެޑިސިން (ޕީއޯއެމް) އާއި އޯވާ ދި ކައުންޓާ މެޑިސިން (އޯޓީސީ) ފާމަސީތަކުގައި ބެހެއްޓުމުގެ ފުރުސަތު އޮތް ކަމުގައި އެ އޮތޯރިޓީން ފާހަގަ ކުރިއެވެ.

އަސާސީ ބޭސް ފާމަސީ ތަކުގައި ލިބެން ހުންނަ މިންވަރު ދެނެގަތުމަށްޓަކައި، ކޮންމެ ތިން މަހަކުން އެއްމަހު ފާމަސީގައި ލިބެންހުރި އަސާސީ ބޭހުގެ ސްޓޮކް ރިޕޯޓް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ލިޔުމުން ހުށަހަޅަން ވާނެކަމަށް އެ އޮތޯރިޓީގެ އިއުލާނުގައިވެއެވެ.

comment ކޮމެންޓް