އައްޑޫގައި ލޮލުރޯގާއާއި ޑެންގޫ އަދި ވައިރަލް ހުން އިތުރުވެދާނެތީ ސަމާލުވާން އެދެފި

އައްޑޫ ސިޓީ، ހުޅުމީދޫ

އައްޑޫ ސިޓީގައި ލޮލުރޯގާއާއި ޑެންގޫ ހުން އަދި ވައިރަލް ހުން އިތުރުވެދާނެތީ އެކަމަށް ސަމާލުވާން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން އެދެފިއެވެ.

އެ ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނީ މިދުވަސްވަރު އެސިޓީން ޑެންގޫއާއި ލޮލުރޯގާ އަދި ވައިރަލް ހުމަށް ޕޮޒިޓިވްވާ ބަލިމީހުން ފެންނަ ކަމަށެވެ.

އެހެންކަމުން ރައްޔިތުން އެކަމަށް ސަމާލުވެ، ރައްކާތެރިވުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސް ކޮށްފައެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސާ ޝާފީ މުހައްމަދު "ސަން" އަށް ވިދާޅުވީ އެ ސިޓީން މަދުމަދުން އެ ބަލިތަކިގެ ކޭސް ފެންނަމުންދާ ކަމަށާއި، އެހެންކަމުން އިތުރަށް ފެތުރުނަ ނުދިނުމަށް ސަމާލުވާން އިއުލާނުކުރީ ކަމަށެވެ.

ނަމަވެސް އަދި މިހާތަނަށް އެ ބަލިތައް އެހާގިނައިން ނުފެންނަކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހޮސްޕިޓަލުން ބުނެފައި ވަނީ، ޑެންގޫ ހުމުން ރައްކާތެރި ވުމަށްޓަކައި ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ހެދުން އެޅުމަށާއި މަދިރި އާލާވާ ފަދަ ތަކެތި ނައްތާލުމާއެކު ގެއާއި ގޯތި ތެރޭގައި މަދިރިން ރައްކާތެރި ވުމަށް ބޭނުންކުރާ ލޯޝަން ބޭނުން ކުރުމަށެވެ.

އަދިހަމައެޔާއެކު ލޮލުރޯގާއިން ރައްކާތެރިވެ ތިބުމަށްޓަކައި، ބޭރުގައި އުޅުމަށްފަހު ގެއަށް ވަންނައިރު ރަނގަޅަށް އަތް ދޮވުމާއި ގިނަ މީހުން އެއްވާ ތަންތަނަށް ދިއުން މަދުކުރުމާއި ލޮލުރޯގާގެ އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

މީގެ އިތުރުން، ހުން އަހިސް، ކެއްސާ ކިނބިހި އަޅާނަމަ ޑޮކްޓަރަށް ދެއްކުމަށާއި ކެއްސާ ކިނބިހި އަޅާނަމަ އަނގަޔާއި ނޭފަތް ޓިޝޫފަދަ އެއްޗަކުން ނިވާކުރުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮވިޑްގެ ތެރޭގައި ރާއްޖޭގައި އާއްމު ރޯގާތައް ފެތުރުން މަދުވި ނަމަވެސް، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވާން ފެށުމާއެކު ރާއްޖޭގައި ވައިރަލް ހުން ވަނީ ފެތުރެން ފަށާފައެވެ.

މިދިޔަ މަހުގެ ފަހުކޮޅު އައިޖީއެމް ހޮސްޕިޓަލުން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދެހަފްތާ ތެރޭގައި, ކޮންމެ ދުވަހަކު 100އެއްހާ މީހުން ރޯގާޖެހިގެން އައިޖީއެއްއެޗްގެ ފްލޫ ކްލިނިކަށް ދައްކާފައި ވެއެވެ.

މީގެ އިތުރުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވަނީ މިހާރު ފެތުރޭ ރޯގާއިން ތުއްތު ކުދިންނާއި އެހެނިހެން ބަލިތައް ހުންނަ މީހުންނަށް ބޮޑުވަރު ވާކަމަށް މިފަހުން ވިދާޅުވެފައެވެ. އަދި ރޯގާއިން ރައްކާތެރިވެވެންހުރި ކަންތައްތަކަށް ސަމާލު ވުމަށާއި ގެއަށް ރޯގާ ވަދެފާނެގޮތްތައް ކުޑަ ކުރުމަށް ޑރ. ފައިސަލް ވަނީ އިލްތިމާސް ކުރައްވާފައެވެ.

comment ކޮމެންޓް