އައިފޯނެއް ގެންގުޅެވުމަކީ ލިބޭ ފަޚުރެއްތަ؟

އައިފޯން 10 (އައިފޯން އެކްސް)

އައިފޯނަކީ ދިވެހިންގެ މެދުގައިވެސް އެންމެ މަގުބޫލުކަން ހޯދާފައިވާ، އެންމެ ގިނަ ބަޔަކު ބޭނުންކުރާ ބްރޭންޑެވެ. މިއީ އެންޑްރޮއިޑް ފޯނުތަކާ ވަރަށް ތަފާތު ބްރޭންޑަކަށް ވީ ނަމަވެސް ޒުވާނުންނާއި ކުޑަކުދިންނާއި މުސްކުޅިންވެސް އަތުގައި ބޭއްވުމެއް އެންމެ ހިތްރުހޭ ބްރޭންޑަކީ އައިފޯނެވެ.

ބަނޑޭރިގަނޑު ރީތިވާ ފަދައިން ފޯނާ ކުޅެން ނޭނގުނަސް މި ބްރޭންޑުގެ ފަހުގެ ވާޝަންތަކުގެ ފޯނުތައް ގެންގުޅެން ކުދިބޮޑު އެންމެން ބޭނުންވަނީ ކީއްވެތޯ މިއީ އުފެދޭ ސުވާލެކެވެ.

މަގަކުން ހިނގާލާފައި ދާއިރު އައިފޯނު 13 ނުވަތަ 13 ޕްރޯ މެކްސްއެއް ގެންގުޅޭނަމަ މަގުން ހިނގާ އެހެން މީހުންނަށް ފޯނު ދައްކާލުމަކީ ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. ހާއްސަކޮށް އަންހެންކުދިން ފިރިހެންކުދިންނަށް އަދި ފިރިހެންކުދިން އަންހެންކުދިންނަށް ގެންގުޅޭ ފޯނުގެ މޮޅުކަން ހާމަކޮށްދިނުމަކީ ފެންނަ އާންމު މަންޒަރެވެ. ފަސޭހައިން ހިތް ލަންބާލުމަށް އައިފޯނު ބޮޑު ރޯލެއް އަދާ ކޮށްދެނީ ކަމަށް ވެދާނެއެވެ. އެންމެ ފަހުގެ އައިފޯނު އަތުގައި އޮތުމަކީ ލިބޭ ފަހުރެއްކަމުގައި އެކުދިންނަށް ގަބޫލުކުރެވިފައިވަނީ ކަމަށް ވެދާނެއެވެ.

ނަމަވެސް ހަގީގަތަކީ ތިމާއަށް ފަހުރާއި ޝަރަފް ލިބޭނީ އަތުގައި މޮޅު ފޯނެއް އޮވެގެން ނޫންކަމެވެ. ފަހުރާއި ޝަރަފަކީ ތިމާގެ ދިރިއުޅުމުގެ ކާމިޔާބީގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ. އެކަމަކު ހިތާމައަކީ އެފަދަ ފަހުރާއި ޝަރަފު ހޯދަން މަސައްކަތްކުރުމުގެ ބަދަލުގައި ހިފާ ގެންގުޅޭ ތަކެތީގެ މޮޅުކަން އިޝްތިހާރުކޮށްގެން ފަހުރާއި ޝަރަފް ހޯދަން އަދުގެ ޒުވާނުން މަސައްކަތް ކުރަމުންދާކަމެވެ. ފަހުރާއި ޝަރަފުގެ އަސްލު އޮޅުވައިނުލާށެވެ.

comment ކޮމެންޓް