ސިއްހީ ހާލަތު ބަލަން ސްމާޓް އަނގޮޓިއެއް

އިނގިއްޔަށް ފަސޭހައިން ލައްވައިލައިގެން ސިއްހަތު ބަލައިފައި ފިޓްނެސް ޓްރެކް ކުރެވޭ ސްމާޓް އަނގޮޓިއެއް އުފައްދައިފިއެވެ.

އާދައިގެ އަނގޮޓިއެއް ގޮތަށް ފެންނަ މި ސްމާޓް އަނގޮޓި އުފައްދާފައިވަނީ ފިންލެންޑުގެ އޯރާ ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.

އޯރާއިން ދާދި ފަހުން ނެރުނީ އެ ކުންފުނީގެ ސްމާޓް އަނގޮޓީގެ ތިން ވަނަ ބާވަތެވެ. އެ އަނގޮޓީގެ އެހީގައި ލޭގެ ޕްރެޝަރާއި ހިތުގެ ވިންދު ބަލައި، ފިޓްނެސް ޓްރެކް ކުރެވޭނެއެވެ.

އާންމުކޮށް އަޅައިގެން އުޅޭ ސްމާޓް ގަޑިތަކަށް ވުރެ މި ސްމާޓް އަނގޮޓިއަކީ ގެންގުޅެން ފަސޭހަ އެއްޗެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އޯރާގެ އަނގޮޓިތައް އެތައް ކުލައަކުން ލިބެން ހުރެއެވެ. އޭގެތެރޭގައި ރޯޒް ގޯލްޑާއި ގަން މެޓަލްއާއި އަޅި ކުލައިގެ އިތުރުން ކަޅުކުލަ އާއި ރިހިކުލައާއި ރަން ކުލަ ވެސް ހިމެނެއެވެ.

ނަމަވެސް އެ އަނގޮޓިއަކީ އަގުހެޔޮ އެއްޗެއް ނޫނެވެ. އެ އަނގޮޓީގެ އަގަކީ 345 ޑޮލަރެވެ. އަދި އެ އަނގޮޓީގެ ފީޗާތައް ބޭނުން ކުރަން މަހު ފީ ދައްކާ ޚާއްސަ ސަބްސްކްރިޕްޝަނެއް ވެސް ނަގަން ޖެހޭއިރު، އެ އަގުގައި ސްމާޓް ގަޑިއެއް ވެސް މިހާރު ބޮޑެތި ކުންފުނިތަކުން ލިބޭނެއެވެ.

comment ކޮމެންޓް