މަތިވެރީގައި ހުންނަ ޖާބިރުގެ ގެސްޓު ހައުސްއެއްގައި މީހަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ

އއ. މަތިވެރީގައި ހުންނަ ޖާބިރުގެ ގެސްޓް ހައުސް: އެތަނުގައި މީހަކަށް އަނިޔާކުރި މައްސަލައެއް އަންނަނީ ބަލަމުން ---

އއ. މަތިވެރީގައި ހުންނަ ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރުގެ ގެސްޓް ހައުސްއެއްގައި މީހަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

އެ ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު އެވެ.

މަތިވެރީ ކައުންސިލްގެ ރައީސް އަހްމަދު އަސްލަމް 'ސަން' އަށް ވިދާޅުވީ, އެ ރަށުގައި ހުންނަ ޖާބިރުގެ ކާސާ މިއާ ގެސްޓް ހައުސު ތެރޭގައި މީހަކަށް އަނިޔާކޮށްފައިވާ ކަމަށާއި ލިބުނު އަނިޔާތަކަށް އޭނާއަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށެވެ.

"މިއަދު ހެނދުނު ވެސް އޭނާ އެ ގެސްޓް ހައުސްއަށް މަސައްކަތު ދިޔަ. ދެން މެންދުރުފަހު އެތަނަށް ދިއުމުން މި ތަޅައިގަތީ," އަސްލަމް ވިދާޅުވިއެވެ.

އޭނާއަށް އެ ރަށު ސިއްހީ މަރުކަޒުގައި އަންނަނީ ފަރުވާދެމުންނެވެ. ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ, އަނިޔާވެގެން ގެނައި މީހާގެ މޫނުމަތީގެ ތިން ތަނެއް ދުޅަވެފައި ހުރި ކަމަށެވެ. އަދި ތުނބުޅީގައި ހިފައި ދެމިކަމަށް އޭނާ ބުނާއިރު އެ ސަރަހައްދު 'ލޭކޮށައިގެން' ގޮސްފައި ހުރި ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

ނަމަވެސް ސީރިއަސް އެއްވެސް އަނިޔާއެއް ލިބިފައި ނުވާކަމަށް އޮފިޝަލު ވިދާޅުވިއެވެ.

ޖާބިރުގެ ގެސްޓު ހައުސްއެއްގައި މީހަކަށް އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވާއިރު, ޖާބިރު އެ ރަށަށް މީގެ ދެ ދުވަސްކުރިން ވަނީ ގޮސްފައެވެ. ނަމަވެސް މިވަގުތު އޭނާ ހުންނެވީ އެ އަތޮޅު ފެރިދޫގައެވެ.

މަތިވެރި ކައުންސިލް ރައީސް އަސްލަމް ވިދާޅުވީ, އެ ގެސްޓް ހައުސްގައި އަނިޔާކޮށްފައިވަނީ އެ ރަށު މީހަކާ ކައިވެނިކޮށްގެން އުޅޭ އެހެން ރަށެއްގެ, ދެބައި އުމުރުގެ މީހަކަށް ކަމަށެވެ. އަދި އަނިޔާކުރި ކަމަށް ތުހުމަތުކުރަނީ ޖާބިރާއެކު އެރަށަށް ދިޔަ ބަޔަކަށެވެ.

އެތުހުމަތުތައް ޖާބިރު ވަނީ ދޮގުކުރައްވާފައެވެ. ޖާބިރު ވިދާޅުވި, އެ ގެސްޓު ހައުސްގައި ހުންނާނީ އޭނާގެ ދަރިއެއްގެ އިތުރުން އެއްބަނޑު ކޮއްކޮއަކާއި އޭނާގެ މެނޭޖަރު ކަމަށެވެ. އިތުރަށް ދެން ތިބޭނީ މަތިވެރިއަށް ނިސްބަތްވާ މުވައްޒިފުން ކަމަށް ޖާބިރު ވިދާޅުވިއެވެ.

"އަޅުގަނޑުގެ އާއިލާގެ އެއްވެސް މީހަކު މާރާމާރީއެއް ހިންގާފައެއް ނުވޭ," ޖާބިރު ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ, މަތިވެރީގައި ހުންނަ ހޮޓަލެއްގެ ތެރޭގައި މީހަކަށް އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް