މަތިވެރީ ފިނޮޅުގައި ޖާބިރު ރިސޯޓެއް ތަރައްގީކުރަނީ

އއ. މަތިވެރި. ފޮޓޯ/ ވެލި ބީޗް އިން

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އއ. މަތިވެރީ ފިނޮޅުގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ފައްޓަވައިފިއެވެ.

މަތިވެރީ ފިނޮޅުގައި ޖާބިރު ތަރައްގީކުރައްވަނީ 100 ކޮޓަރީގެ ރިސޯޓެކެވެ.

އެ ރިސޯޓު ތަރައްގީކުރުމަށް މިހާރު ވެސް މަސައްކަތްތައް ހަލުވި މިނެއްގައި ކުރަމުން އަންނަކަމަށް ޖާބިރު "ސަން"އަށް ވިދާޅުވިއެވެ.

"ވަރަށް ބޮޑަށް މި ދަނީ ސްކްރީން ޓެކްނޮލޮޖީގެ ބޭނުން ކުރަމުން. މަސައްކަތްތައް ކުރިއަށްދަނީ ވަރަށް ބާރަށް،" ޖާބިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށެވެ. އެގޮތުން ފިޔަވަހިތަކަކަށް ބަހަލައިގެން ރިސޯޓު ހުޅުވާއިރު ފުރަތަމަ ފިޔަވަހީގައި ރިސޯޓު ހުޅުވާނީ 20އަށްވުރެ ގިނަ ކޮޓަރި ބޭނުންކުރެވޭ ފެންވަރަށް ތަރައްގީކުރުމަށްފަހު ކަމަށް ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ މި ރިސޯޓަށް ކަރަންޓް ދިނުމަށް ބޭނުންކުރާނީ މަތިވެރީގައި ހުންނަ ސްޓެލްކޯގެ އިިންޖީނުގޭކަމަށެވެ. އެގޮތުން އެ މަސައްކަތްކުރާނީ މަތިވެރިން ކޭބަލް ގުޅައިގެންކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު މި ރިސޯޓުން އެ ރަށުގެ ރައްޔިތުންނަށް ވަޒީފާ އާއި އިތުުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

މަތިވެރީ ފިނޮޅުގައި ރިސޯޓެއް ތަރައްގީކުރުމަށް ޓަަކައި އެންމެ ފުރަތަމަ ހަވާލުކޮށްފައިވަނީ އިންޓަނޭޭޝަނަލް ޓްރެވަލް ކޮންސަލްޓަންޓްސް ޕްރައިވެޓް ލިމިޓެޑާއެވެ. ނަމަވެސް ޖާބިރު އެ މަސައްކަތް ފެއްޓެވީ އެ ކުންފުނީގެ އަތުން އެ ތަން ގަތުމަށްފަހެވެ. މި ރިސޯޓު ތަރައްގީކުރަނީ ހަތަރު ތަރީގެ ރިސޯޓެއްގެ ގޮތުގައެވެ.

comment ކޮމެންޓް