ފޭސްބުކްގެ ނަން މެޓަ އަށް ބަދަލުކުރިއިރު "މެޓަ" ކިޔާ އެހެން ކުންފުންޏެއް، މައްސަލަ ހޫނުވެއްޖެ

ފޭސްބުކްގެ ނަން މެޓަ އަށް ބަދަލުކުރިއިރު "މެޓަ" ކިޔާ އެހެން ކުންފުންޏެއްވެސް އޮތުމުން، އެ މައްސަލަ ހޫނުވެއްޖެއެވެ.

ފޭސްބުކުން އެކުންފުނީގެ ނަން "މެޓަ"އަށް ބަދަލުކުރީ މިދިޔަ މަހުގައެވެ.

އެގޮތުން ފޭސްބުކްގެ ބާނީ މާކް ޒަކަބާގް އެނަން އިޝްތިހާރު ކުރުމުގެ އިތުރުން އާންމުންގެ ސަމާލުކަން "މެޓަ"އަށް ހޯދުމަށް މަސައްކަތް ކުރަމުންދެއެވެ.

ފޭސްބުކަށް އެނަން ކިޔާފައިވީ ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި މެޓަ ކޮމްޕިއުޓާސް ނަމަކަށް ކިޔާ އެމެރިކާގެ ކުންފުންޏެއް އެގައުމުގެ އެރިޒޯނާގައި ހިންގަމުން އެބަގެންދެއެވެ.

އެ ކުންފުންޏަކީ ކޮމްޕިއުޓަރާއި ލެޕްޓޮޕާއި ޓެބްލެޓްގެ އިތުރުން ސޮފްޓްވެއާގެ ވިޔަފާރި ހިންގަމުން އަންނަ ކުންފުންޏެކެވެ. އަދި އެއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ހިންގަމުން އަންނަ ކުންފުންޏެއް ކަމަށް ރިޕޯޓް ތަކުން ބުނެއެވެ.

އެހެންކަމަށްވުމާއެކު އެ މައްސަލަ ބޮޑުވެ، އެންމެ ފަހުން ކޯޓަށް މައްސަލަ ހުށަހަޅާ ހިސާބަށް ކަންތައްތައް ހިނގައްޖެ ކަމަށް ބޭރުގެ ރިޕޯޓްތަކުން ބުނެއެވެ.

މިކަމާ ގުޅިގެން، މެޓަ ޕީސީގެ ވެރިން ކަމަށްވާ ޖޯ ޑާޖާ އަދި ޒެކް ޝަޓް ބުނެފައިވަނީ ފޭސްބުކްގެ ބާނީ އެކުންފުންޏަށް ބަދަލެއްގެ ގޮތުގައި 20 މިލިއަން އެމެރިކާ ޑޮލަރު ނުދީފިނަމަ އެމައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ. އަދި ފޭސްބުކަށް އެ ކުންފުނީގެ ނަން ބޭނުން ނުކުރެވޭނެ ކަމަށްވެސް އެމީހުން ބުނެއެވެ.

ހަމައެހެންމެ މެޓަ ޕީސީން ވަނީ އެކުންފުނީގެ ނަން މިހާރު "ފޭސްބުކް" އަށް ބަދަލުކޮށްފައިވާ ކަމަށް ބުނެ ޒަކަބާގަށް ޓުވިޓާގައި ޖޯކު ޖަހާފައެވެ.

މީގެ އިތުރުން މެޓަ ޕީސީން ވަނީ ޒަކަބާގްގެ ފޮޓޯއެއް އެޑިޓްކޮށް، މެޓަ ޖަހާފައިވާ ސީޕީޔޫއެއް އޭނާ ހިފަހައްޓައިގެން ހުންނަ މަންޒަރު ދައްކުވައިދޭ ފޮޓޯއެއްވެސް ޓުވީޓުކޮށްފައެވެ.

މެޓަ ޕީސީ ކުންފުނިން ޓުވިޓާގައި އާއްމުކުރި ފޮޓޯ

މެޓަ ކުންފުނިން ބޭނުންވާ 20 މިލިއަން ޑޮލަރަކީ ފޭސްބުކަށް މާބޮޑު އަދަދަކަށް ނުވި ނަމަވެސް ކޯޓުން ބޭރުގައި އެ މައްސަލަ ހައްލު ކުރަން ފޭސްބުކުން އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާކަމަށް މެޓަ ކޮމްޕިއުޓާސް އިން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ފޭސްބުކުން އަދި އެއްވެސް އެއްޗެކޭ ބުނެފައި ނުވެއެވެ.

މެޓަ ކޮމްޕިއުޓާސް އަކީ މީގެ އަހަރެއްހާ ދުވަސް ކުރިން އުފެއްދުމަށް ފަހު، ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެއް ނަމަވެސް އެ ކުންފުނި ޓްރޭޑްމާކް ކުރުމުގެ މަސައްކަތް އަދި އޮތީ ނުނިމިއެވެ. އެކަމަށް ބޭނުންވާ ލިޔެކިޔުންތައް އެކުންފުނިން ވަނީ މިދިޔަ އޮގަސްޓު މަހު ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައެވެ.

މި މައްސަލަ ފެންމަތިވެފައި ވަނީ އިނގިރޭސިވިލާތުން މިދިޔަ މަހު ފޭސްބުކް ވަރަށް ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައި ވަނިކޮށެވެ.

އެގޮތުން ފޭސްބުކް ޖޫރިމަނާ ކުރީ، އެކުންފުނިން މިދިޔަ އަހަރު ޖިފީ ޑޭޓާބޭސް ގަތުމަށް ފަހު، އެ މުއާމަލާތާ ބެހޭ ތަހުގީގަކަށް މައުލޫމާތު ހިއްސާ ކުރަން ދެކޮޅު ހެދުމުންނެވެ. އެ މައްސަލާގައި ފޭސްބުކް ވަނީ ޖުމްލަ 70 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުން މީގެ ކުރިން ފޭސްބުކަށް އޮތް ޑިމާންޑު މިހާރު ވަނީ ދަށްވެފައެވެ. އަދި ފޭސްބުކްގެ ނަމަށް ބަދަލު ގެނައީވެސް އެފަދަ ކަންކަމުގެ ސަބަބުން ކަމަށް އެ ރިޕޯޓުތަކުގައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް