އަލިފާނުގެ ހާދިސާއަށްފަހު ހުކުރު މިސްކިތް އަލުން ހުޅުވައިފި

މާލޭ ހުކުރު މިސްކިތް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން ވަގުތީގޮތުން ބަންދުކޮށްފައި ހުރި މާލޭ ހުކުރު މިސްކިތް އަލުން ހުޅުވައިފިއެވެ.

މާލޭ ހުކުރު މިސްކިތުގައި ކަރަންޓު ސޯޓެއް ވުމުގެ ސަބަބުން ފަންކާއެއްގައި ރޯވެ، އަލިފާނުގެ ހާދިސާ ހިނގީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނުވައެއް ޖަހަން ކައިރިވެފައި ހުއްޓައެވެ.

މާލޭ ހުކުރު މިސްކިތުގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން -- ފޮޓޯ/ ހެރިޓޭޖް މިނިސްޓްރީ

ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އިސްމާއިލް ނާއިލް ނަޝީދު މިއަދު ވިދާޅުވީ، މިސްކިތް އަލުން ހުޅުވީ ކަރަންޓުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހުގައި ކަމަށެވެ.

"މިވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު މާލޭ ހުކުރު މިސްކިތް ރޭ ފަތިސް ނަމާދުން ފެށިގެން ވަނީ އާއްމުންނަށް ހުޅުވާލެވިފައި،" ނާއިލް ވިދާޅުވިއެވެ.

މާލޭ ހުކުރު މިސްކިތުގައި ހިނގި އަލިފާނުގެ ހާދިސާގައި މިސްކިތުގެ ހިރިގަލަށާއި މަތިވަޑާންގަނޑަށް ވަނީ ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިކަން، އަލިފާނުގެ ހާދިސާ ހިނގި ދުވަހު ނާއިލް ފާހަގަ ކުރެއްވިއެވެ.

އެކަމާ ގުޅިގެން މިއަދު ނާއިލް "ސަން" އަށް ވިދާޅުވީ، ހިރިގަލަށް ލިބިފައިވަނީ ކުޑަ ގެއްލުމެއް ކަމަށެވެ. އަދި މަތިވަޑާންގަނޑަށް އަލިފާނުގެ އަސަރު ކުރުމުގެ ކުރިން އަލިފާން ނިވާލެވިފައިވާކަމަށެވެ.

ނަމަވެސް މަތީގައި ލާފެންކޮށް ގުރުއާން ލިޔެފައިވާ ފިލާއެއްގެ ބައެއް އަނދާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އެބައި ރިސްޓޯ ކުރެވޭނެ ގޮތެއް އޮތްތޯ ސަގާފީ ތަރިކަ ރައްކާތެރި ކުރާ ގައުމީ މަރުކަޒުން ދަނީ ބަލަމުން،" ނާއިލް ވިދާޅުވިއެވެ.

comment ކޮމެންޓް