މިއަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ ދަށްވެއްޖެ

ފިނޭންސް މިނިސްޓްރީ ---

މި އަހަރަށް ކަނޑައަޅައިފައިވާ ބަޖެޓުގައި ދައުލަތުގެ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 21 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި އޮތް ނަމަވެސް، އެ އަދަދު ނުލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީއިން ލަފާ ކޮށްފިއެވެ.

ދައުލަތުގެ އާމްދަނީ އަދި ހިލޭ އެހީގެ ގޮތުގައި މި އަހަރު ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ؛

  • ޓެކްސްގެ ގޮތުގައި: 10.8 މިލިއަން ރުފިޔާ
  • ޓެކްސް ނޫން ގޮތްގޮތުން: އަށް މިލިއަން ރުފިޔާ
  • ހިލޭ އެހީ: 2.2 މިލިއަން ރުފިޔާ
  • ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ފަށާ އައު މަޝްރޫއުތަކުން: 3.2 މިލިއަން ރުފިޔާ

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީގެ އަދަދު އަންދާޒާ ކުރި ވަރަށްވުރެ ދަށްވާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.

އެގޮތުން ކުރިން އަށް މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރި ނަމަވެސް މިހާރު އެ އަދަދު ވަނީ 4.6 މިލިއަން ރުފިޔާއަށް ދަށްކޮށްފައެވެ. މިއީ ފުރަތަމަ އަންދާޒާއާއި އަޅާ ބަލާއިރު 42.6 އިންސައްތަ ދަށް އަދަދެކެވެ. އަންދާޒާ ކުރި އަދަދު ދަށްވި ނަމަވެސް މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 1.3 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީ ދަށްވި މައިގަނޑު ސަބަބަކީ ބިން ވިއްކުމާއި ބިން ބަދަލު ކުރުމުގެ ފީގެ ގޮތުގައި މިއަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދު މިއަހަރުގެ މިހާތަނަށް ލިބިފައި ނެތުމުންނެވެ.

މި އަހަރު ތެރޭގައި އާމްދަނީ އިތުރު ކުރުމަށް ހުށައެޅި އައު ކަންކަން ތަންފީޒު ކުރަން ފެށިފައި ނެތުމަކީ ވެސް އާމްދަީ ދަށްވި ސަބަބެއް ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެއެވެ.

ދައުލަތުގެ ޓެކްސް އާމްދަނީގެ ގޮތުގައި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 10.9 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މި އަހަރުގެ ނިޔަލަށް 10.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ކުރިން ލަފާކުރި ނަމަވެސް، ރާއްޖޭގެ އިގްދިސާދު ރަނގަޅުވަމުން އައުމާއެކު ޓެކްސް އާމްދަނީގެ ގޮތުގައި މިއަހަރު 13.9 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. މިއީ ފުރަތަމަ އަންދާޒާ ކުރި މިންވަރަށް ވުރެ 27.7 އިންސައްތަ އިތުރު އަދަދެކެވެ.

ޓެކްސް ނޫން ގޮތްގޮތުން މިހާތަނަށް ލިބިފައިވަނީ 3،937.7 މިލިއަން ރުފިޔާއެވެ.

އެއާއެކު ކުރިން އަންދާޒާ ކޮށްފައިވާ އަދަދަށް ވުރެ ދައުލަތުގެ އާމްދަނީ އެއް މިލިއަން ދަށަށް ދާނެ ކަމަށް މިނިސްޓްރީން ލަފާ ކުރެއެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީން މިހާރު ލަފާކުރަނީ މިއަހަރުގެ ނިޔަލަށް ލިބޭނީ 19.6 މިލިއަން ރުފިޔާ ކަމަށެވެ.

comment ކޮމެންޓް