ޖޫރިމަނާ ބޮޑުވުމުން ބޯޓުގެ ވެރިން އިސްތިއުނާފަށް!

ރަސްފަރި ފަރަށް އުރުނު ބޯޓު ފުންކުރުމުގެ ތެރެއިން ----

ޕެނަމާގެ "އެމްވީ ނެވިއޯސް އެމެރައިލިސް" ބަލްކް ކެރިއާ ބޯޓު ކ. ރަސްފަރީ ފަރަށް އެރުމުން ކުރި ޖޫރިމަނާ ބޮޑުވުމުން, އެ މައްސަލަ އެންވައިރުމެންޓް މިނިސްޓްރީއަށް އިސްތިއުނާފަށް ހުށަހަޅައިފިއެވެ.

ރަސްފަރީ ފަރަށް އެ ބޯޓް އެރި ހާދިސާއާ ގުޅިގެން ބޯޓުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، ލިބުނު ގެއްލުމުގެ ބަދަލުގައި ކޯޓު މެދުވެރިކޮށް 800 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހޯދުމަށް އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ ނިންމާފައެވެ.

އީޕީއޭ އިން ބުނީ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 100 މިލިއަން ރުފިޔާ، 30 ދުވަހުގެ ތެރޭގައި އެ އޭޖެންސީއަށް ދެއްކުމަށް، އެ އުޅަނދުގެ ދިވެހި އޭޖެންޓު އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު އަންގާފައިވާނެ ކަމަށެވެ.

ނަމަވެސް ޖޫރިމަނާއާ މެދު ހިތްހަމަ ނުޖެހި, ބޯޓުގެ ވެރިފަރާތުން ވަނީ އެ މައްސަލަ އެންވައިރެމެންޓް މިނިސްޓްރީއަށް އިސްތިއުނާފަށް ހުށަހަޅާފައެވެ.

"ގާނޫނުގެ ތެރެއިން އެ ފަރާތަށް ލިބިފައިވާ ހައްގެއް އެއީ. އޭގެ ބޭނުންކޮށްގެން މިނިސްޓްރީއަށް އޮތީ އިސްތިއުނާފަށް ހުށަހަޅާފައި," އެންވައިރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވިއެވެ.

އީޕީއޭއިން ބުނީ އެ އުޅަނދު ފުންކޮށް ނިންމުމަށްފަހު އެ އޭޖެންސީއާއި އެމްއެންޑީއެފްއިން ހެދި ސާވޭއިން ދެއްކި ގޮތުގައި ފަރުގެ 8،867 އަކަ މީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައި ވާކަމަށެވެ.

އެހެންކަމުން ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުމުން، ޖޫރިމަނާއާއި ބަދަލުގެ އަގު 893 މިލިއަނަށް އަރާ ކަމަށް އީޕީއޭއިން ބުންޏެވެ.

ނަމަވެސް ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭނެ އެންމެ ބޮޑު އަގަކީ 100 މިލިއަން ރުފިޔާ ކަމަށް ވާތީ، އެ އަދަދުން ޖޫރިމަނާ ކުރީ ކަމަށް އީޕީއޭގެ ބަޔާނުގައިވެއެވެ. އަދި ކޯޓު މެދުވެރިކޮށް ގެއްލުމުގެ ބަދަލެއްގެ ގޮތުން 893 މިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހާ ގުޅިގެން މިހާރު ފަށާފައިވާ ކަމަށް އެ އޭޖެންސީން ބުންޏެވެ.

ދިގުމިނުގައި 190 މީޓަރު ހުންނަ އެމްވީ ނެވިއޯސް އެމެރައިލިސް ރަސްފަރީ ފަރަށް އުރުނީ މިދިޔަ އޯގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ.

ރަސްފަރީ އަކީ ޓެލެކޮމިއުނިކޭޝަންސްގެ މަސައްކަތް ކުރާ ރަށެކެވެ. ރަސްފަރީއާއި އެރަށުގެ ވަށައިގެންވާ ފަރަކީ ސެޕްޓެމްބަރު 27، 1995އިން ފެށިގެން ހިމާޔަތް ކޮށްފައިވާ ސަރަހައްދެކެވެ.

comment ކޮމެންޓް