ކުޑަކުޑަ ތޯރިޝް އެންމެން އާޝޯހު ކޮށްލީ މޮޅު ގޯލަކުން!

އެންމެ 11 އަހަރުގެ ތޯރިޝް: ގިނަބައެއްގެ ލޮލުގައި އަޅައިގަތީ އޭނާ ޖެހި މޮޅު ގޯލެއްގެ ވީޑިއޯއަކުން ---

ކީޕަރު އެންމެ ފަހަތުގައި ހުރެ ފުރުޅާލި ބޯޅަ ހިފައިގެން އޭނާ އެ ދިޔައީ އިދިކޮޅު ޓީމު އެއްކޮށް ކިހިލި ޖަހާލައިގެންނެވެ. ކައިރިއަށް އައި ނަމަ އައި ކުޅުންތެރިއަކު ފަސޭހަކަމާއެކު ބީޓްކޮށްލީ އެއްވެސް ހާސްކަމެއްނެތިއެވެ. މުޅި ޓީމު އެއްކޮށް ކަޓުވާލުމަށްފަހު ދެން އެންމެ ފަހަށް ހުރި ކީޕަރު ބޯމަތިން އެއްލީ ޗިޕެކެވެ.

މި ސިފަކޮށްދިނީ އާޖެންޓީނާއާއި، ޕީއެސްޖީއަށް ކުޅެމުން އަންނަ ލިއޮނެލް މެސީ ޖެހި މޮޅު ގޯލެއްގެ ވާހަކައެއް ނޫނެވެ. ނޫނީ ރާއްޖޭގެ އެއްވަނަ އަލީ އަޝްފާގު ޖެހި ގޯލެއްގެ ވާހަކައެއްވެސް ނޫނެވެ. އެކަމަކު ނ. ޅޮއްސަށް އުފަން 11 އަހަރުގެ ޔޫސުފް ތޯރިޝް ޖެހި އާދަޔާ ހިލާފު މޮޅު ގޯލެއްގެ ވާހަކައެވެ. މިފަހުން ސޯޝަލް މީޑިއާގައި ދައުރުވި ތޯރިޝްގެ ގޯލަކީ ބަލައި ފޫހި ނުވާނެ ތަފާތު ގޯލެކެވެ.

އެންމެ 11 އަހަރުގެ ތޯރިޝް: ގިނަބައެއްގެ ލޮލުގައި އަޅައިގަތީ އޭނާ ޖެހި މޮޅު ގޯލެއްގެ ވީޑިއޯއަކުން ---

ފުޓުބޯޅައިގެ އާއިލާއަކަށް އުފަން ތޯރިޝް ހަނދާން ހުންނަން ފެށީއްސުރެއް އޭނާގެ ހިތް ދެވުނީ ފުޓުބޯޅައަށެވެ. ކިރިޔާ ބޯޅައަށް ފައި މަޅައިގަންނަން ދަސްވިދުވަހުން ފެށިގެން ވެސް ތޯރިޝްގެ ތަފާތުކަމެއް އާއިލާއަށް ވެސް ފާހަގަ ކުރެވުނެވެ. އެކަމަށް ހުންނަ ފޯރިއާއި، ފުޓުބޯޅަ ކުޅެލާއިރު އޭނާ އެވާ އުފަލަކީ އާދައިގެ ކުއްޖަކު ހުންނަ އަމަށަކު ޖޯޝެއް ނޫނެވެ.

"ވަރަށް ކުޑައިރުން ސުރެއް ފުޓުބޯޅަ ކުޅެން. ގްރޭޑް 1 އަށް ދިޔަ ހިސާބުން މުބާރާތްތައް ކުޅެން ފެށިން. ދެން އިންޓަހައުސް މުބާރާތްތަކުގައި ޓޮޕް ސްކޯރާ ލިބޭނެ،" ތޯރިޝް އޭނާ ފުޓުބޯޅަ ކުޅެން ފެށުނު ގޮތް ކިޔައިދެން ފަށަމުން ބުންޏެވެ.

އޭނާ ބުނީ ފުޓުބޯޅައަށް ކުޅެން ހިތް ޖެހުނީ އޭނާގެ ބޭބެ ހަސަން ޔާސިރުގެ ސަބަބުން ކަމަށެވެ. ރިޒޯޓް ފުޓްސަލް މުބާރާތްތަކުގައި ވެސް މޮޅު ކުޅުމެއް ދައްކާފައިވާ ޔާސިރު އަކީ ތޯރިޝްގެ އައިޑޯލްއެވެ. ޔާސިރު މިސާލަކަށް ބަލައިގެން ތޯރިޝް ފުޓުބޯޅަޔައިގެން ކުރިއަށް ދިއުމަށް ވަނީ އަޒުމް ކަނޑައަޅައިފައެވެ.

ތޯރިޝް ހޯދާފައިވާ ބައެއް ކާމިޔާބީތައް

މެސީގެ ސްޓައިލަށް ކުޅުނަސް ރޮނާލްޑޯގެ ފޭނެއް

ތޯރިޝްގެ ކުޅުން ބަލާލުމުން އެންމެ ފުރަތަމަ ވެސް ފާހަގަވާ އެއްކަމަކީ އޭނާ ބޯޅައިގައި ޖައްސާލައި ޓަޗުތަކާއި، ބޯޅަ ގެންގުޅެލާ ގޮތްތައް މެސީގެ ކުޅުމާއި ދާދި އެއްގޮތް ކަމެވެ. މެސީ ތިން ހަތަރު ޑިފެންޑަރުން ކައިރިން ނައްޓާލާފައި ގޮސް ކީޕަރު ދެފަޅިއަަށް ތަޅުވާލައި، ބޯމަތިން ބޯޅަ އެއްލުމަކީ އެތައް ފަހަރަކު އޭނާ ދައްކާލާފައިވާ މޮޅު ހުނަރެކެވެ.

ތޯރިޝްގެ ކުޅުން ވެސް ދާދި އެއްގޮތެވެ. އިދިކޮޅު ޓީމު ކުޅުންތެރިން ކައިރީ ހަދަނީ ބޭނުން އެއްޗެކެވެ. ގިނަ ފަހަރަށް ޑިފެންޑަރުން ވެސް ތިބެނީ ތޯރިޝްގެ ހަލުވިކަމާއި، ބޯޅައަށް ފަރިތަކަން ފެނި ހައިރާން ވެފައެވެ.

އެންމެ 11 އަހަރުގެ ތޯރިޝް: ގިނަބައެއްގެ ލޮލުގައި އަޅައިގަތީ އޭނާ ޖެހި މޮޅު ގޯލެއްގެ ވީޑިއޯއަކުން ---

އެހެން ނަމަވެސް ތޯރިޝް ބުނީ އޭނާއަށް ފުޓުބޯޅަ ކުޅެން އެންމެ މޮޅީ މެސީގެ އެންމެ ބޮޑު ރައިވަލް ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށެވެ.

އެންމެ ކުޑައިރުން ފެށިގެން ވެސް ފޯރި ހުންނަނީ ބޯޅައަަށް

"އަބަދުވެސް ބޯޅައެއްގެ ކަމެއްގައި އުޅޭނީ. ދެން ގޭތެރޭގައި ވެސް ބޯޅައިގެ ކޮންމެވެސް ވާހަކައެއްގައި އެހެން ނޫނީ ބޯޅައެއް ހިފައިގެން އުޅޭނީ،" ތޯރިޝްގެ ބޭބެ އަލީ ތޯހާ ބުންޏެވެ.

އޭނާ ބުނީ ތޯރިޝް އެންމެ ބޮޑަށް ފޮލޯ ކުރާނީ ޔާސިރުގެ ކުޅުމަށްބ ކަމަށާއި، ޗުއްޓީއަށް އައިސްގެން އުޅޭ އިރު ޔާސިރު ވެސް ގިނަ ވަގުތު ހޭދަ ކުރަނީ ތޯރިޝްއާ އެކު ކަމަށެވެ.

ތޯރިޝް އޭނަގެ ފެވަރިޓް ބޭބެ، ޔާސިރުއާއެކު ---

"ކުޑައިރުވެސް ޔާސިރަށް ވަރަށް ފޮލޯ ކުރާނެ. ޔާސިރުއާއެކީ ގޮސް ދަނޑުގައި އެކި އެއްޗެހި އެއްޗެހި ހަދާނެ." ތޯހާ ބުންޏެވެ.

ތޯހާގެ އިތުރުން ތޯރިޝްގެ މަންމަ ވެސް ބުނީ އެންމެ ތުއްތު އިރުން ފަށައިގެން ވެސް ބޯޅައަށް ހުންނަ ފޯރިއަކީ އާދަޔާ ހިލާފު ކަމެއް ކަމަށެވެ. އަދި މުބާރާތްތަކުގައި ވެސް ތޯރިޝްގެ ކުޅުން ފެނިފައިވާ ކަމަށާއި، އުންމީދަކީ ގައުމީ ޓީމަށް އޭނާ ކުޅޭތަން ކޮންމެވެސް ދުވަހަކުން ފެނުން ކަމަށެވެ.

comment ކޮމެންޓް