ނޮވެމްބަރު 3ގައި ސިފައިން ދައްކުވައިދިނީ ގައުމީ ލޯބީގެ ނަމޫނާ މިސާލެއް: ސިޔާމް

އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނޮވެމްބަރު ތިންވަނަ ދުވަހު ދިވެހި ސިފައިން ދައްކުވައިދިނީ ގައުމީ ލޯބީގެ ނަމޫނާ މިސާލެއްކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލާޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހާ ގުޅިގެން ސިޔާމް ނެރުއްވި ހިތާބުގައި ވިދާޅުވީ އެ ދުވަހު ސިފައިން ކުރި ޖިހާދަކީ މުސްތަގުބަލުގައި ވެސް މުޅި ގައުމު އެކަމުގެ ހަނދާންތައް އާކުރާނެ ކަމެއްކަމަށެވެ.

"ޒަމާނީ ހަތިޔާރާއި ގޮވާ ތަކެއްޗާއެކު ރާއްޖެއާ ދިމާކުރި ނިރުބަވެރިންނަށް އެންމެ ތަންފުކެއް ވެސް ދޫނުކޮށް، ދިވެހި ސިފައިން އެ ދުވަހު ކުރެއްްވި ޖިހާދަކީ އަބަދުގެ އަބަދަށް މި ގައުމުގެ ރައްޔިތުން ޝުކުރުވެރިވާނޭ މަތިވެރި ޖިހާދެކެވެ،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ މިއަދު ނަސްރުގެ ދުވަސް ފާހަގަކުރަމުން އަންނަ އިރު ރާއްޖޭގެ މިނިވަންކަމަށް ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާން ޖެހިފައިވާކަން ގަބޫލްކުރަންޖެހިފައި ވާކަމަށެވެ. އަދި އެ ފަދަ ނުރައްކާތަކުން ރައްކާތެރިވެ ސަލާމަތްވުމަށް މަސައްކަތްކުރުމަކީ ކޮންމެ ފަރުދެއް ވެސް ކުރުން މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކުގެ އަގު ވަޒަންކޮށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފައެވެ. އަދި އެ މަސައްކަތުގައި ދެމިތިބުމަށް އެ ފަރާތްތަކަށްވަނީ ހިތްވަރު ދެއްވައިފައެވެ.

ސިޔާމް ވަނީ ނަސްރުގެ ދުވަހުގެ ތަހުނިޔާ އޭނާގެ އަމިއްލަ ނަންފުޅުގައާއި ޕާޓީގެ ނަމުގައި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަރިސްކުރައްވައިފައެވެ. އަދި އެ ދުވަހު ޝަހީދުވި އެންމެހާ ޝަހީދުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާ ދަންނަވައިފައެވެ.

comment ކޮމެންޓް