ނިއުކްލިޔާ އެއްބަސްވުމަށް އަލުން އިއާދަވުމަށް އެމެރިކާ އީރާނަށް ގޮވާލުމުން ހައިރާން ވެއްޖެ: އީރާން

އީރާންގެ ޚާރިޖިއްޔާގެ ތަރުޖަމާން

ތެހެރާން (2 ނޮވެމްބަރު): 2015 ވަނައަހަރު ދުނިޔޭގެ ބޮޑު ފަސްބާރާއި ޖަރުމަނާއެކު އީރާނުން ސޮއިކުރި ނިއުކްލިޔާ އެއްބަސްވުމަށް އަލުން ރުޖޫއަވެ އެ އެއްބަސްވުމަށް އަމަލުކުރުމަށް އެމެރިކާއާއި ފަރަންސޭސިވިލާތާއި ޖަރުމަނާއި އިނގިރޭސިވިލާތުގެ އިސްވެރިން ގޮވާލެއްވުމުން ހައިރާންވާންޖެހޭ ކަމަށް އީރާނުން ބުނެފިއެވެ.

މި ހަތަރު ގައުމުގެ އިސްވެރިން ގެ ގޮވާލެއްވުމަށް ރައްދު ދެއްވަމުން އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ސައީދު ޚަތީބުޒާދާ ވިދާޅުވީ 2015 ވަނައަހަރު ސޮއިކުރި އީރާނުގެ ނިއުކްލިޔާ އެއްބަސްވުން ވަކިވެ އެއެއްބަސްވުމާ ޚިލާފުވެފައިވާ ގައުމަކީ އެމެރިކާ ކަމަށާ އެމެރިކާއާއި އެމެރިކާގެ ބައިވެރިންނަށް އެކަން ނޭންގުމުން އީރާން ހައިރާންވާ ކަމުގައެވެ.

އެމެރިކާއާއި ފަރަންސޭސިވިލާތާއި ޖަރުމަނާއި އިނގިރޭސިވިލާތުގެ އިސްވެރިން ނިއުކްލިޔާ އެއްބަސްވުމަށް އެނބުރި އިއާދަވެ އެއާ އެއްގޮތަށް އަމަލުކުރުމަށް އީރާނަށް ގޮވާލައްވާފައިވަނީ މިދިޔަ އާދީއްތަ ދުވަހު ރޯމުގައި ބޭއްވި ޖީ 20 ގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގެ އަރިމަތީގައި އެ ހަތަރު ބޭފުޅުން ބައްދަލުކުރެއްވުމަށްފަހު ނެރުއްވި ގުޅިފައިވާ ބަޔާނުގައެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ވިދާޅުވީ ނިއުކްލިޔާ އެއްބަސްވުމަށް އަމަލުކުރުން ހުއްޓިފައި އޮތް އޮތުމުގެ ޒިންމާވެސް އުފުލަންޖެހޭނީ އެމެރިކާ ކަމުގައެވެ. ނިއުކްލިޔާ އެއްބަސްވުމަށް އަމަލުކުރުން ހުއްޓުމަކަށް އައީ 2018 ވަނައަހަރު އެމެރިކާ އެކަހެރި ގޮތެއްގައި ނިއުކްލިއާ އެއްބަސްވުމުން ވަކިވުމުގެ އިތުރުން އޭގެކުރިންވެސް އެއެއްބަސްވުމާ މުޅިން ޚިލާފަށް އެމެރިކާއިން އީރާނާދެކޮޅަށް އަޅަންފެށި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

2017 ވަނައަހަރު އެއެއްބަސްވުމާ ޚިލާފަށް އެމެރިކާ އީރާނާ ދެކޮޅަށް އަޅަންފެށި ދަތިކުރުމުގެ ފިޔަވަޅުތައް 2020 ވަނައަހަރާ ހަމައަށް ދެމިގެންގޮސްފައިވާއިރު އެ ފިޔަވަޅުތައް އުވާލުމަށް އަދިވެސް އެމެރިކާ ދެކޮޅު ހަދަމުން ގެންދާކަން އީރާނުގެ ތަރުޖަމާން ފާހަގަކުރެއްވިއެވެ.

އީރާނުން ނިއުކްލިޔާ އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލީ 2018 ވަނައަހަރު އެމެރިކާ އެއެއްބަސްވުމުން އެކަހެރި ގޮތެއްގައި ވަކިވުމާ ގުޅިގެންނެވެ. މިހާރު އީރާންވަނީ އެ އެއްބަސްވުމާ ޚިލާފަށް ޔޫރޭނިއަމް ފައްޚާކުރުންފަދަ ނިއުކްލިޔާ އެތަށް ހަރަކާތްތަކެއް ފުޅާދާއިރާއެއްގައި ހިންގަން ފަށާފައެވެ. ނަމަވެސް އީރާނުގެ މިއަމަލުގެ ޒިންމާ އުފުލަންޖޭހޭނީ އެމެރިކާ ކަމަށްވެސް އީރާނުގެ ތަރުޖަމާން ވިދާޅުވިއެވެ.

އެމެރިކާ ނިއުކްލިޔާ އެއްބަސްވުމަށް އެނބުރި ރުޖޫއަވުމާއި އީރާނުންވެސް އެއްބަސްވުމާ ޚިލާފަށް ހިންގާ އަމަލުތައް ހުއްޓާލައި އެއްބަސްވުން އަލުން ދިރުވުމާބެހޭގޮތުން އީރާނާއި އެމެރިކާއާ ދެމެދު (ޔޫރަޕް ގެ އިއްތިޙާދު މެދުވެރިކޮށް) މިއަހަރު ކުރީކޮޅު ދެކެވުނު ވާހަކަތައް ކޮޅެއްގައި ނުޖެހި މެދުކެނޑިފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އީރާނުން ބުނަނީ މިމައްސަލާގައި އެމެރިކާއާއެކު ސީދާގޮތެއްގައި ވާހަކަ ދައްކާނީ ދަތިކުރުމުގެ ފިޔަވަޅުތައް އެއްކޮށް އުވާލުމުންކަމުގައެވެ.

އެމެރިކާވަނީ އީރާނުން އެއްބަސްވުމަށް އަމަލުކުރަން ފަށައިފިނަމަ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެކަމަށް ބުނެފައެވެ. ނިއުކްލިޔާ އެއްބަސްވުމަށް އެނބުރި ރުޖޫއަވުމުގެ ވާހަކަތައް (ޔޫރަޕް މެދުވެރިއަކަށް ވެގެން) އަލުން މިމަހުގެފަހުކޮޅު ފަށަން ތައްޔާރަށް އޮތްކަން އީރާނުން މިދިޔަ ހަފްތާގައިވަނީ ހާމަކޮށްފައެވެ. ނަމަވެސް އަދި ތާރީޚެއް އިއުލާނެއް ނުކުރެއެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެންވަނީ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އެނބުރި ރުޖޫއަވާން ތައްޔާރަށް ހުންނެވިކަމަށް އިއްޔެ ވިދާޅުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް