އަގުބޮޑު ޖަވާހިރެއް!

އެއީ ހުކުރު ދުވަހެކެވެ. ހުކުރު ނަމާދަށް މިސްކިތަށް ދެވުނު އިރު، މިސްކިތް ފުރިފައި އޮތުމުން، މުސައްލަ ފަތުރާލައިގެން މިސްކިތުން ބޭރުގައި ޖައްސާލީމެވެ. އިރުކޮޅަކުން ފެނުނީ، އުފަލުން ހިތް ފުރޭ ފަދަ އުފާވެރި މަންޒަރެކެވެ. ޒުވާން ފިރިހެނަކު، ދުވަސްވީ ބައްޕަ ގޮވައިގެން އައިސް، މިސްކިތާ ތަންކޮޅެއް ދުރުގައި ސައިކަލް މަޑުކޮށްލި މަންޒަރެވެ. ސައިކަލު ޕާކުކޮށްލުމަށްފަހު ޒުވާނާ ސައިކަލުން ފައިބައި، ވަރަށް އޯގާވެރިކަމާއެކު ބައްޕަ، ސައިކަލުން ބައިލައިފިއެވެ.

ދެން ފެނުނީ އަދި މާ އުފާވެރި މަންޒަރެވެ. ޒުވާނާގެ ޖީބުން މާސްކެއް ނަގައި، ވަރަށް ލޯބިން ބައްޕަގެ އަނގަމަތީގައި މާސްކު އަޅުވާލި މަންޒަރެވެ. ހަމަ އެހައި އޯގާވެރި އަަތަކުން، ބޮލުގައި ތާކިހާ އަޅުވާލި ތަނެވެ. ތުއްތު ކުއްޖަކު ފަދައިން ލޯތްބާއި އޯގާވެރިކަމާއެކު، އަތުގައި ހިފައިގެން މިސްކިތާ ދިމާއަށް މަޑުމަޑުން ހިނގައިގަތްތަނެވެ. ޒުވާނާގެ ލޯތްބާއި ކުލުނުން ފުރިފައިވާ މި ހިތްފަސޭހަ ހަރަކާތްތައް ފެނިފައި، ލިބުނު އުފަލެއްގެ ބޮޑުކަމުން، ދެ ލޮލުން ކަރުނަ ހިލުނެވެ.

ހިތަށް އެރިއެވެ. އަހަރެމެން ދިވެހިންގެ ތެރޭގައި ވެސް މައިންބަފައިން ދެކެ ލޯބިވާ ދަރިން އެބަ އުޅެއެވެ. މި ފެންނަނީ އެ ފަދަ ނަމޫނާ ދަރިއެކެވެ. މި ފަދަ އެތައް ދަރިންނެއް އަދިވެސް އުޅޭނެއެވެ. އެ ފަދަ ދަރިން ތިބި މީހުންނަށް ލިބިފައި އެ ވަނީ ހާދަ ބޮޑު އުފަލެކެވެ. ހާދަ ބޮޑު ނިޢުމަތެކެވެ. މުސްކުޅިވާ ދުވަހު، ހަމަ ކޮންމެ މަޔަކާއި ބަފަޔަކު ވެސް މި ފަދަ ދަރިއަކަށް އުއްމީދު ކުރާނެއެވެ. މި ފަދަ އޯގާވެރިކަމަކަށް ހިތް އެދޭނެއެވެ.

ކޮންމެ މަޔަކާއި ބަފައަކު ވެސް، އުމުރުން ދުވަސްވެ ގައިބާރު ނެތި ދަނީ، އެ މީހުންގެ ދަރިންނަށް ޓަކައި ހާދަ ދަލެއް އޮހޮރުވައި، ހާދަ ބޮޑެތި ޤުރުބާނީތަކެއްް ވާފަހުންނެވެ. ދަރިންނަށް ޓަކައި، އެ ދަރީން އުފަލުގައި ގެންގުޅުމަށް ޓަކައި، މައިން ބަފައިން ނުއުފުލާ ބުުރައެއް ނޯންނާނެއެވެ. ކޮންމެ ފަދަ ހާލެއްގައި އުޅެގެން ވެސް، ދަރީންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެވޭތޯ އަބަދުވެސް ބަލާނެއެވެ. އެބައިމީހުން އުމުރުން ދުވަސްވެ، ބަލި ތަންމައްޗަށް ވައްޓައިލަނީ، މި ފަދަ ގޮތަކަށް އުޅެއުޅެ ތިއްބައެވެ. އެހެންކަމުން މައިން ބަފައިން މުސްކުޅިވެ ގައިބާރު ނެތިދާ ދުވަހު، ވީ އެންމެ ރަނގަޅަކަށް އެ މީހުންނަށް ހޭހަންކޮށްދީ ބެލެހެއްޓުމަކީ ދަރީންގެ މައްޗަށް އޮތް ދުނިޔަވީ އަދި އުޚުރަވީ ވާޖިބެކެވެ. ކޮންމެ ހާލަކުން ވެސް އެބައިމީހުން އުފަލުގައި ބޭތިއްބޭތޯ ބަލަން ޖެހޭނެއެވެ. ދަރިންގެ ސަބަބުން އެންމެ ކަރުނަ ތިއްކެއް ވެސް ވައްޓާލިޔަ ނުދީ ވޭތޯ ބަލަންވާނެއެވެ.

އިސްލާމް ދީނުގައި މައިންބަފައިންނަށް ވަރަށް ބޮޑު އިސްކަމެއް ވަނީ ދެއްވާފައެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތައި އިހްސާންތެރިވެ އޯގާވެރިވުމަށް ވަނީ ގަދަ އަމުރުން އަމުރުކުރައްވާފައެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ، ﷲގެ ޙަޟުރަތުގައި ލޮބުވެތިކަން ބޮޑު އަމަލެވެ. ﷲ ސުބުޙާނަހޫ ވަތައާލާގެ ޙައްޤު އަދާކުރުމަށްފަހު، މައިންބަފައިންގެ ހައްގު އަދާކުރުމަކީ، ކޮންމެ ދަރިއެއްގެ މައްޗަށް ވެސް އޮތް މަތިވެރި ވާޖިބެކެވެ.

މައިންބަފައިންނަށް ހެޔޮކޮށް ހިތައި، ހޭހަންކޮށްދިނުމަކީ ކޮޅުނެތްކޮޅަށް ފައިދާ ހުރި ކަމެކެވެ. އޭގެެތެރޭގައި މުސީބާތްތަކުން ސަލާމަތްވުމާއި ދުއާ އިޖާބަކުރައްވުމާއި ކަންބޮޑުވުންތަކާއި ހާސްކަމުން ދުރުކޮށްދީ، ހިތް ހަމަޖެހުން ލިބުން ހިމެނެއެވެ. މީގެ އިތުރުން ދިރިއުޅުން ބާއްޖަވެރިވެ، ސުވަރުގެއަށް ދިޔުމަށް ކޮށޭ ތަނަވަސް މަގަކަށް ވެސް އެކަން ވެގެން ދެއެވެ.

ﷲގެ ހަޟްރަތުގައި އެންމެ ލޮބުވެރިކަން ބޮޑު އަމަލަކީ ކޮބައިތޯ ކީރިތި ރަސޫލާއާ ސުވާލު ދެންނެވުމުން ހަދީޡް ކުރެއްވީ، ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ. އެއަށްފަހު ދެން ކޮންކަމެއްތޯ ދެންނެވުމުން ހަދީޡް ކުރެއްވީ، މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ. ދެން ކޮންކަމެއްތޯ ދެންނެވުމުން ހަދީޡް ކުރެއްވީ، ﷲގެ މަގުގައި ޖިހާދުކުރުމެވެ. އެހެންކަމުން ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް، މައިންބަފައިންނަށް ހެޔޮކޮށް ހިތުން މަތިވެރިކަން މި ހަދީސުން ސާބިތުވެއެެވެ.

މައިންބަފައިންނަށް ހެޔޮކޮށް ހިތުން މި ފަދަ މާތް މަތިވެރި ކަމަކަށް ވެފައިވާއިރު، މި ކަމާމެދު ފަރުވާކުޑަކުރުމަކީ ހެޔޮވާވަރުގެ ކަމަކަށް ނުވާނެއެވެ. ތިމާ އުފަލުގައި ދުނިޔޭގައި އުޅެން ބޭނުން ނަމަ، މައިންބަފައިން އުފަލުގައި ބައިތިއްބާށެވެ. އޭރުން ތިބާ ވެސް އުޅޭނީ އުފަލުގައެވެ. ދެ ދުނިޔޭގެ ބާއްޖަވެރިއަކަށް ތިބާ ވާނެއެވެ.

ބައްޕަގެ ގޮވައިގެން މިސްކިތަށް އެރި ޒުވާނާ ފަދައިން މައިންބަފައިންނަށް ހެޔޮކޮށް ހިތައި، ލޯތްބާއެކު ކަންކަން ކޮށްދޭ މީހަކަށް ކޮންމެ މީހަކު ވެސް ވަމާ ހިނގާށެވެ. އޭރުން އޭގެ ފައިދާއާއި މަންފާ ދުނިޔެމަތީގައި ވެސް އަދި އާޚިރަތުގައި ވެސް އެ މީހަކަށް ލިބޭނެއެވެ. ހީނުކުރާ ފަދަ އެތައް ނަސީބެއް ތިބާއާ ދިމާއަށް ހިނިތުންވަމުން އަންނާނެއެވެ. އާއެކެވެ! އެއީ ހަމަ އަގުބޮޑު ޖަވާހިރެއް ފަދަ ބަޔެކެވެ.

(ނިމުނީ)

comment ކޮމެންޓް