ޓްރާންސްޕޯޓް އޮތޯރިޓީ ހިންގުމަށް އޮތީ މުވައްޒަފުންގެ ދަތިކަން: މިނިސްޓަރު ނަހުލާ

މިއަދު ބައްދަލުވުމުގައި މިނިސްޓަރު ނަހުލާ --- ފޮޓޯ/ މަޖިލިސް

ފެށުނީއްސުރެ ޓްރާންސްޕޯޓް މިނިސްޓްރީއަކީ ގިނަ މައްސަލަތަކެއް ހުރި ތަނެއްކަމަށާއި ޓްރާންސްޕޯޓް އޮތޯރިޓީއަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ މުވައްޒަފުންގެ ދަތިކަން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތައް ހޯދަން އުނދަގޫވެ އާންމުން ކުރަމުން އަންނަ ޝަކުވާތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީއަށް ނަހުލާ ހާޒިރުކޮށްފައިވަނީ މިއަދެވެ.

އެ ކަންކަން ހައްލުކުރެވޭނެ ގޮތެއް ހޯދުމަށް މަސައްކަތްކޮށްފައިވާނެކަމަށް ވެސް މިނިސްޓަރު ނަހުލާ ކޮމިޓީގައި ވިދާޅުވިއެވެ.

"ހިދުމަތް ހުށަހަޅާއިރު ރައްޔިތު މީހާއަށް ހިދުމަތަށް އެދި ހުށަހެޅުމަށް ފަސޭހަތަކެއް ވެގެން ގޮސްފައިވަނީ. އޭގެ މާނަައަކީ ފިލްކުރަން އޮންނަ ފޯމުގެ މިންވަރަށް ވީހާވެސް ކުޑަ މިންވަރެއްް ފިލްކޮށްގެން ހިދުމަތް ލިބޭ ގޮތަށް ފަރުމާކުރެވެމުންނޭ މިދަނީ،" ނަހުލާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހިދުމަތް ދިނުމުގައި ޓްރާންސްޕޯޓް އޮތޯރިޓީއަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ މުވައްޒަފުންގެ މައްސަލަކަމަށެވެ. އެގޮތުން މި ވަގުތު އެ އޮތޯރިޓީގައި ތިބީ އެންމެ 21 މުވައްޒަފުންކަމަށް ނަހުލާ ވިދާޅުވިއެވެ. އަދި އޭގެ ތެރޭގައި ރަނގަަޅަށް މަސައްކަތްކުރާ މުވައްޒަފުން ހިމެނޭއިރު އެންމެ ރަނގަޅު ނޫން މުވައްޒަފުން ތިބިކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ގާނޫނު އޮންނަ ގޮތުން އެއްވެސް މުވައްޒަފެއް ވަކި ކުރާނަމަ ހުރަސަތަކެއް ކުރިމަތިވާކަމަށް ވިދާޅުވިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތްތައް ލަސްވެ ކުރާ ޝަކުވާއަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށާއި މިހާރު އެ އޮތޯރިޓީގެ ހިދުމަތްތައް އަވަސްވެ ކުރިއަށްވުރެ ރަނގަޅުވެފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ވަނީ ވިދާޅުވެފައެވެ.

އެ ގޮތުން އެ ކޮމިޓީގައި ނަހުލާ ވިދާޅުވީ ކޮވިޑުގެ ހާލަތާއެކު އޮންލައިންކޮށް ހިދުމަތްތައް ދިނުމަށް ފެށުމާއެކު މިހާތަނަށް ހިދުމަތް ހޯދުމަށް އެދުނު 9161 މީހުންގެ ތެރެއިން 96 ޕަސެންޓް މީހުންނަށް ހިދުމަތް ދީފައިވާކަމަށެވެ. އަދި ބާކީ ތިބި މީހުންނަށް ވެސް ހިދުމަތް ދިނުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

"އޭގެ މާނައަކީ ޓޯޓަލް ހަތަރު ޕަސެންޓޭ މި ވަގުތު އޮތޯރިޓީގައި ނުނިމި ޕެންޑިންގައި އޮތީ. އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތް ލަހެއް ނޫން މިހާރު. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހިދުމަތްތައް ރަނގަޅު ވެސް ކުރެވިއްޖެ،" ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ މަޖިލިސް މެމްބަރުންގެ ބޭނުމަކީ މުއައްސަސާތަކަށް ކުރިމަތިވާ ގޮންޖެހުންތައް އޮޅުން ފިލުވައި، އެކަމަށް ހައްލެއް ގެނެސްދިނުމަށް މަސައްކަތްކޮށްދިނުންކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި އެ އެއްބާރުލުން ލިބޭނެކަމަށް އުންމީދުކުރައްވާކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ.

comment ކޮމެންޓް