ޕަޓީނާ މޯލްޑިވްސް ރިސޯޓުގައި ކޮންކްރިޓް ބްލޮކެއް ދަށުވެ ބިދޭސީއަކު މަރުވެއްޖެ

ޕަޓީނާ މޯލްޑިވްސް

ޕަޓީނާ މޯލްޑިވްސް ރިސޯޓުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކޮންކްރިޓް ބޮލޮކެއް ދަށުވެ އެރިސޯޓުގެ މުވައްޒަފަކު މަރުވެއްޖެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މިހާދިސާއާ ގުޅިގެން މަރުވީ ބަންގްލަދޭޝް ގެ ރައްޔިތެކެވެ. އަދި މިހާދިސާ ހިނގީ އިއްޔެ ކަމަށް ވިއިރު ބިދޭސީ މީހާ މަރުވީ ވެސް އިއްޔެގެ ވަގުތެއްގައެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ޕަޓީނާ މޯލްޑިވްސްގައި ކޮންކްރިޓް ބްލޮކެއް ދަށުވެ ބިދޭސީއަކު ނިޔާވެފައިވާ ކަމަށް އިއްޔެގެ 15:00 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެެވެ.

މި ހާދިސާއާ ގުޅިގެން އިތުރު ދެ މީހަކަށް އަނިޔާ ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އަނިޔާވީ ދިވެހި ފިރިހެން ދެމީހަކަށް ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި މަރުވި ބިދޭސީ މީހާއަށް ފަރުވާ ދިނުމަށް ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ.

މިކަމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް "ސަން"އަށް ވިދާޅުވީ ހޮސްޕިޓަލަށް ގެނައިއިރުވެސް އެ ބިދޭސީ މީހާ މަރުވެފައިވާ ކަމަށެވެ.

"އެއީ ތިރީސް އަހަރުގެ ބަންގްލަދޭޝް މީހެއް. އޭނާ ގެނައި އިރުވެސް އޮތީ ނިޔާވެފައި،" އައްފާލް ވިދާޅުވިއެވެ.

ޕަޓީނާ މޯލްޑިވްސްގައި ހިނގި އެކްސިޑެންޓު ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް ހަރަކާތްތެރިވަމުން ދާ ކަމަށާއި މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމުގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ޕަޓީނާ މޯލްޑިވްސްއަކީ ކ. ރަށްފަޅުހުރާ ފަޅުގައި ހިންގަމުން އަންނަ ރިސޯޓެކެވެ. ޕަޓީނާ މޯލްޑިވްސްގެ ފަރި އައިލެންޑް ރިސޯޓް ހުޅުވާފައި ވަނީ މެއި 18 ވަނަ ދުވަހުގައެވެ.

ރާއްޖޭގައި މިފަދަ ނުރައްކާތެރި އެކްސިޑެންޓުތައް ހުއްޓުވުމަށްޓަކައި މަސައްކަތުގެ މާހައުލުގައި އުޅޭއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިރުޝާދު ދެމުންނެވެ.

comment ކޮމެންޓް