ޖަޕާންގެ އާންމު އިންތިޚާބު، އެގައުމުގެ ބޮޑުވަޒީރުގެ ކޯލިޝަނުން ކާމިޔާބު ކޮށްފި

ފޯމިއޯ ކިޝީދާ

ޓޯކްޔޯ (1 ނޮވެމްބަރު) : ޖަޕާނުގައި އިއްޔެ ބޭއްވި އާންމު އިންތިޚާބު، ވެރިކަންކުރާ ކޯލިޝަނުން ކާމިޔާބުކޮށްފިކަން އެކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީކަމަށްވާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) އިން އިއުލާންކޮށްފިއެވެ.

ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރުކަމާ މިދިޔަ މަހު ހަވާލުވެވަޑައިގެންނެވި ޖަޕާނުގެ އައު ބޮޑުވަޒީރު ފޯމިޔޯ ކިޝީދާ ވިދާޅުވިގޮތުގައި ޖަޕާނުގެ ޕާލަމެންޓްގެ ދަށުގޭގައި ހިމެނޭ 465 ގޮނޑީގެ ތެރެއިން 293 ގޮނޑި ކާމިޔާބުކުރީ "އެލްޑީޕީ" އާއި އެޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ކުދި ޕާޓީތަކުންނެވެ.

ޖަޕާނުގެ ޕާލަމެންޓްގެ ދަށުގޭގެ އާދައިގެ އަޣްލަބިއްޔަތަކީ 233 ގޮނޑިކަމަށްވާއިރު "އެލްޑީޕީ" ކޯލިޝަނުން މިވަނީ ބޮޑު އަޣްލަބިއްޔަތެއް ހޯދާފައެވެ. މިއީ ކުރިމަތި މައްސަލަތަކަށް ބެލުމަށްފަހު ލަފާކުރި ވަރަށްވުރެ ބޮޑު ކާމިޔާބީއެއްކަމަށް ކިޝީދާ ވަނީ ސިފަކުރައްވާފައެވެ. ނަމަވެސް މީގެކުރިން ބޭއްވި އާންމު އިންތިޚާބުގައި "އެލްޑީޕީ" ގެ ކޯލިޝަނުން ޕާލަމެންޓްގެ 305 ގޮނޑި ކާމިޔާބުކޮށްފައިވެއެވެ. މިފަހަރު ކާމިޔާބުކުރެވުނީ ކުރީގެ އިންތިޚާބަށްވުރެ 12 ގޮނޑި މަދުކޮށެވެ.

އިއްޔެ ބޭއްވި އިންތިޚާބުގައި ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 55.9 އިންސައްތަ މީހުންނެވެ. އިއްޔެ ބޭއްވި އިންތިޚާބުގައި ޖަޕާންގެ އިދިކޮޅު ޕާޓީ ކަމަށްވާ ކޮންސްޓިޓިއުޝަނަލް ޑިމޮކްރެޓިކް ޕާޓީ އޮފް ޖަޕާން (ސީޑީޕީ) އަށް ކާމިޔާބު ކުރެވުނީ އެންމެ 96 ގޮނޑިއެވެ. މީގެކުރިން ބޭއްވި އާންމު އިންތިޚާބުގައި "ސީޑީޕީ" އިން 110 ގޮނޑި ކާމިޔާބު ކޮށްފައިވެއެވެ.

އުމުރުފުޅުން 64 އަހަރުގެ ބޮޑުވަޒީރު ފޯމިއޯ ކިޝީދާ ޖަޕާނުގެ އާންމު ރައްޔިތުންގެ މެދުގައި ސިޔާސީގޮތުން މާބޮޑަށް މަގްބޫލު ބޭފުޅެއް ނޫނެވެ. އޭނާގެ ޒައާމަތުގައި ލިބަރަލް ޑިމޮކްރެޓިކް ޕާޓީ އާއި އެޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ކުދި ޕާޓީތައް، އާންމު އިންތިޚާބަށް ނުކުމެގެން މިވަރުގެ އަޣްލަބިއްޔަތެއް ލިބިދާނެކަމަށް މުހައްލިލުން ލަފާކޮށްފައެއް ނުވެއެވެ.

އާންމު އިންތިޚާބުގައި ކިޝީދާގެ ލީޑަޝިޕަށް އާންމުންގެ ގިނަ ބަޔަކު ތާއީދުކުރީ ޖަޕާނަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ވަބާއާ ގުޅިގެން އެގައުމުގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމުގެ ތަޖްރިބާ ކިޝީދާއަށް ލިބިވަޑައިގެންފައިވާނެކަމަށް އުންމީދުކޮށްގެން ކަމަށް މުހައްލިލުންނާ ހަވާލާދި ރިޕޯޓްތައް ބުނެއެވެ.

ޖަޕާންގެ އާންމު އިންތިޚާބުގައި ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ކޯލިޝަނަށް ލިބުނު ކާމިޔާބީއެކު ބޮޑުވަޒީރު ކިޝިދާއަށްވަނީ ޖަޕާނުގެ މުސްތަގްބަލަށް ކުރިމަތިވެފައިވާ ސްޓްރެޓީޖިކް މައްސަލަތައް ހައްލު ކުރުމުގެ ބުރަ މަސްއޫލިއްޔަތާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ. މީގެތެރޭގައި ޖަޕާނުގައި އުފަންވާ ކުދިން (ޓޯޓަލް ފާޓިލިޓީ ރޭޓް) އާދަޔާ ޚިލާފަށް މަދުވެ މުސްކުޅިން ގިނަވަމުންދާ މައްސަލައާއި ޖަޕާނުގެ އާބާދީގައި މަސައްކަތު އުމުރުގެ މީހުން މަދުވަމުންދާ މައްސަލަ ހިމެނެއެވެ.

މިދެ މައްސަލަ ހައްލު ނުކުރެވިއްޖެނަމަ ޖަޕާނަށް ލިބިފައިވާ ދުނިޔޭގެ ތިންވަނަ އިގްތިސާދުގެ މަގާމު ގެއްލި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތްފަދަ އާދައިގެ އިގްތިސާދަކަށް ކުރިޔަށްއޮތް އަށެއްކަ އަހަރު ތެރޭގައި ޖަޕާން ވެއްޓިގެންދާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

އަނެއްކޮޅުން އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން އަވަށްޓެރި ޗައިނާ އިންތިހާއަށް ކުރިއަރައި ޗައިނާގެ ބާރާއި ނުފޫޒު މުޅި ދުނިޔޭގައިވެސް އިތުރުވަމުންދާއިރު ޖަޕާންގެ ދިފާއީ ބައިވެރިޔާ ކަމަށްވާ އެމެރިކާ ގެންދަނީ ޗައިނާއާ ސްޓްރެޓީޖިކް ގޮތުން ކުރިމަތިލުމަށްޓަކައި ޖަޕާނުގެ ބޭނުން ވަރަށް ބޮޑަށް ހިފަމުންނެވެ. ޗައިނާއާ ކުރިމަތިލުމަށް އެމެރިކާ އުފައްދާފައިވާ ކުއެޑް ގްރޫޕްގައި ޖަޕާން ހިމެނޭއިރު އެގްރޫޕްގެ ގައުމުތަކުން ޗައިނާއާ ދެކޮޅަށް ކުރަންޖެހޭ ޚަރަދުތައް ކުރުމަށް އެމެރިކާ ބާރުއަޅަން ގެންދަނީ ޖަޕާނަށެވެ.

ޗައިނާއާ ދެކޮޅު ސަރުކާރުތައް ދެމެހެއްޓުމަށް ކުއެޑް ގްރޫޕް މެދުވެރިކޮށް އެމެރިކާ ދޭން ބޭނުންވާ މާލީ އެހީތައް ދެނީ ޖަޕާނުންނެވެ. މިކަމުގައި އެމެރިކާ ގެންދަނީ ޖަޕާން ދިފާއީ ގޮތުން އެމެރިކާއަށް ބަރޯސާވާ މައްސަލައިގެ ނާޒާއިޒު ފައިދާ ޖަޕާންގެ ކިބައިން ނަގަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް