އައްޑޫ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ މައްސަލަ، އައު ޑިޒައިނާއެކު ހައްލުވާނެ: މިނިސްޓަރު

ޕްލޭނިންގް އެންޑް ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް --- ފޮޓޯ މަޖިލިސް

އައްޑޫ ވިޔަފާރި ބަނދަރަށް ބޯޓުފަހަރު ކައިރި ކުރުމުގައި ދިމާވާ މައްސަލައަށް, މިހާރު ތައްޔާރުކޮށްފައިވާ އައު ޑިޒައިނާއެކު ހައްލު ލިބޭނެ ކަމަށް ޕްލޭނިން, ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރުމުގެ ވަގުތުގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އިލްޔާސް ވިދާޅުވީ އައްޑޫގައި އޮންނަ ވިޔަފާރި ބަނދަރު ރަނގަޅަށް އޮޕަރޭޓް ނުކުރެވޭއިރު، އެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޕީއެލްއާއި އައްޑޫ ޕޯޓްސް ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

އެހެންކަމުން އެ މަސައްކަތަށް މިނިސްޓްރީގެ ތެރެއިން ކުރެވޭނެ އެއްވެސް ކަމެއް އެބައޮތްތޯ ނުވަތަ އެ މަސައްކަތް މި އަހަރު ނޫނީ އަންނަ އަހަރު ކުރެވޭނެތޯ އިލްޔާސް އެއްސެވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން އެމްޕީއެލްގެ ފަރާތުން ވަރަށް ފުރިހަމަ ޑިޒައިނެއް ތައްޔާރުކޮށްފައި އެބަ އޮތް ކަމަށާއި އެ ޑިޒައިންގެ ސަބަބުން ބަނދަރަށް ދިމާވެފައި އޮތް މައްސަލަ ހައްލުވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

"އެމްޕީއެލްއިން އެބައޮތް އެކަމަށް ހައްލެއް ހޯދުމަށް ޑިޒައިނެއް ހަދާފަ. ޕޯޓް ސަރަހައްދުގެ އެތެރެއަށް ހާބަރަކަށްވާ ކަހަލަ ގޮތަކަށް ތަނެއް ކޮނެފަ އެލޯންގްސައިޑް ކުރާ ތަން ޝެލްޓަޑް ވޯޓާސްއަށް ގެންދިއުމަށް ޓަކައި. އަޅުގަނޑުމެންނަށް ވެސް ވަނީ އެ ޑިޒައިން ފެނިފަ. އަޅުގަނޑަށް ގަބޫލު ކުރެވެނީ މިހާރު އެމްޕީއެލްއިން ޕްރޮޕޯސް ކޮށްފަ އޮތް ގޮތުން އެ މައްސައަށް ހައްލެއް އަންނާނެ ކަމަށް،" އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އައްޑު ބަނދަރު އެންމެ ފުތަރަމަ ހެދިއިރުވެސް، އެތަނުގައި އުފެދޭ ބާންޏެއްގެ ސަބަބުން ބޯޓު ފަހަރު ކައިރި ކުރުމުގައި އުނދަގުލާއި ކުރިމަތިލާން ޖެހޭ ކަމަށާއި އެ ޕޯޓް ޑިޒައިން ކުރުމުގައި އެކަން ފާހަގަ ނުކުރެވި އޮތީ ކީއްވެ ކަމެއް އެނގިވަޑައިނުގަންވާ ކަމަށެވެ.

"މި ޕްރޮޖެކްޓް އިންޕްލިމެންޓް ކުރުމުގައި ޕްލޭނިން މިނިސްޓްރީގެ އެއްވެސް ދައުރެއް ނެތް. އެމްޕީއެލްއިން މަސައްކަތް ކުރިއަށް ގެންދާނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރާ ސުވާލު ކުރުމަށް ހުޅުވާލި ވަގުތުގައި އިލްޔާސް ވަނީ އައްޑޫ ބަނދަރާބެހޭ ސުވާލުގެ އިތުރުން، އައްޑޫ މަގުހެދުމުގެ ޕްރޮޖެކްޓާބެހޭގޮތުން ވެސް ސުވާލު ކުރައްވާފައެވެ.

އިލްޔާސްގެ ސުވާލުގައި ވިދާޅުވީ އައްޑޫގެ މަގު ހެދުމުގެ ޕްރޮޖެކްޓްގެ ތެރެއިން ހުޅުދޫގައި ވެސް މަގުތައް ހެދޭ ކަމަށާއި އެއާއެކު މިހާރު އަލަށް ހަދާ ބަނދަރާއެކު ހުޅުދޫ ބަނދަރު ސަރަހައްދަށް އިތުރު މަގުތަކެއް ލިބޭއިރު، އެ މަގު ބޮޑު ކުރެވިދާނެތޯއެވެ.

"އެހެންވީމަ އެ މަގު އިތުރަށް އެކްސްޓެންޑް ކުރެވިދާނެތޯ ބަނދަރު ސަރަހައްދުގަ އިތުރަށް ހެދޭ ދެތިން މަގަށާއެކީ،" އިސްޔާސް ސުވާލު ކުރެއްވިއެވެ.

އިލްޔާސްގެ ދެވަނަ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން މިހާތަނަށް ވެސް ހިންގާފައިވާ މަގުހެދުމުގެ މަސައްކަތްތަކާއި އަދި އެނޫންވެސް މަސައްކަތްތައް ނިންމާފައިވާނީ އިތުރު ކުރަންޖެހޭ ބައިތައް އިތުރުކޮށްގެން ކަމަށާއި އެހެންކަމުން އިލްޔާސް އެދިލެއްވި ފަދައިން އައްޑޫގައި ވެސް އެކަން ކުރެވޭނެކަން ޔަގީން ކުރައްވާ ކަމަށެވެ.

comment ކޮމެންޓް