މަހުމޫދުގެ މަރު: ސާލިމް ކުރިން ވެސް ކުށުގެ އަމަލުތަކުގައި ބައިވެރިވި!

ދަނގެތީގައި މަރާލި ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު --

އދ. ދަނގެތީގައި މަރާލި ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ޝާ އަލޮމް މިއާ(ސާލިމް) މީގެ ކުރިން ވެސް ކުށުގެ އަމަލުތަކުގައި ބައިވެރިވިކަމުގެ ފުރުސަތު އެބައޮތް ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ މަހުގެ 13 ވަނަ ދުވަހު މަރާލައިފައި އޮއްވާ ފެނުނު 57 އަހަރުގެ މަހުމޫދުގެ މަރާ ގުޅިގެން ފުލުހުން ހައްޔަރުކުރީ ބަނގްލަދޭޝް މީހެކެވެ.

މަހުމޫދުގެ މަރާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ފުލުހުންގެ ޓީމެއް ވަނީ ދަނގެއްޗަށް ގޮސްފައެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ހިމެނިވަޑައިގަންނަވާ އެ ޓީމުން ވަނީ ކައުންސިލާއި މަހުމޫދުގެ އާއިލާއަށް ބައެއް މައުލޫމާތު ހިއްސާކޮށްފައެވެ. އެ މައުލޫމާތުތައް "ސަން"އަށް ވަނީ ލިބިފައެވެ.

ދަނގެތީގައި ދުވަސްވީ މީހެއް ކަމަށްވާ އާދަންބެ ބަލަހައްޓަން ގެނެސްފައި ހުންނަ ބަނގްލަދޭޝްއަށް ނިސްބަތްވާ ސާލިމް ހައްޔަރު ކުރުމާއެކު އެ ރަށު ރައްޔިތުންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ސަބަބަކީ އޭނާގެ ފަރާތުން އެފަދަ އަމަލެއް ކުރިން ވެސް ފެނިފައި ނެތުމެވެ. އޭނާއަކީ އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތު ބަރާބަރަށް އަދާކުރާ މީހަކަށް ވުމެވެ. މިސްކިތަށް ބަރާބަރަށް ދާ މީހަކަށް ވުމެވެ.

ފުލުހުންގެ ތަހުގީގު ފުޅާކޮށް، މީގެ ކުރިން އެ ރަށުގައި ހިނގައިފައިވާ ބައެއް ކުށްތަކާ ގުޅުންހުރި މައުލޫމާތު ވަނީ އެއްކޮށްފައެވެ. އަދި ކުރިން ވެސް ސާލިމް ކުށްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެބައޮތްކަން ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ. އަދި ތަހުގީގަށް ހޯދުނު ބައެއް ތަކެތިން ވެސް އެކަމަށް ބާރުދެއެވެ.

މަހުމޫދުގެ މަރުގެ ތަހުގީގަށް މިހާތަނަށް އެއްކުރެވުނު މައުލޫމާތާއި ފެންނަން ހުރި ކަންކަމަށް ބަލާއިރު އިތުރު މީހެއްގެ ބައިވެރިވުން އޮތްކަމަކަށް ނުބެލެވެއެވެ.

ފުލުހުންގެ ތަހުގީގަށް މިހާރު ވަނީ މަހުމޫދަށް ނިސްބަތްވާ ގިނަ އެއްޗެހި ހޯދިފައެވެ. އެ އެއްޗެހި ހޯދުނީ ސާލިމް ދިރިއުޅުނު "ނެދުންގެ" ތެރޭގައި ވަޅުލައިފައި ހުއްޓާއެވެ. އަދި ހަމަލާދޭން ގެންގުޅުނު ބައެއް އެއްޗެހި ވެސް ފެނިފައިވާއިރު އޭގެން ފޮރެންސިކު ހެކިތައް ވެސް ވަނީ ފެނިފައެވެ.

ކައުންސިލާއި އާއިލާއާ ބައްދަލުކޮށް ފުލުހުން ފާހަގަކުރި ކަމަކީ މިހާތަނަށް ތަހުގީގަށް ހޯދިފައިވާ ހުރިހާ މައުލޫމާތެއް ވަރަށް ރަނގަޅަށް ގުޅުވާލެވޭ ކަމެވެ. އަދި މަންޒަރު ވަރަށް ރަނގަޅަށް ސާފުވާން އެބައޮތް ކަމެވެ.

ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި މަހުމޫދު މަރާލީ ފައިސާ ފޭރުމުގެ މަގުސަދުގައެވެ. އެގޮތުން މަހުމޫދު ގާތު ވާހަކައެއް ދައްކައިގެން ސާލިމް ދިރިއުޅޭ ނެދުންގެއަށް އޭނާ، މަހުމޫދު ގެންދިޔައެވެ.

މަހުމޫދު އެގެއަށް ގެންދިއުމަށްފަހު ފައިސާއަށް އެދުމުން ފައިސާ ދިނުމަށް މަހުމޫދު ދެކޮޅު ހެދިއެވެ. ފައިސާ ނުދިނުމުން ހިނގި ހަމަނުޖެހުމުގައި ސާލިމް، މަހުމޫދަށް ހަމަލާދީ މަރާލިއެވެ.

މަހުމޫދު މަރާލީ ގައިގެ އެތަން މިތަނަށް ވަޅި ހަރާފައެވެ. މަރާލުމަށްފަހު ސާލިމް، މަހުމޫދުގެ ފަޔަށާއި ބޮލަށް ގޯނި މެހުމަށްފަހު އެ ގޭ ފާރުމަތިން ބޭރަށް ވައްޓާލިއެވެ. އަދި ނެދުންގޭގެ ބިއްދޮށުގައި ހުންނަ ގެއެއްގެ ވަޅަކަށް މަހުމޫދު ވައްޓާލީ ސާލިމްގެ ކޮނޑަށް ލައިގެން ގެންގޮހެވެ.

މަހުމޫދު ގެއްލުނު ރޭ އޭނާގެ ވޮލެޓުގައި 25000އާއި 30000އާ ދެމެދުގެ ފައިސާގެ އަދަދެއް ހުންނާނެކަމަށް އާއިލާއިން ލަފާކުރެއެވެ. ފުލުހުންގެ ތަހުގީގަށް މަހުމޫދަށް ނިސްބަތްވާ ގިނަ އެއްޗެހި ފެނުނުއިރު، ވޮލެޓު ވެސް ފެނުނުކަން އެނގިފައިވެެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ނެރުނީ އެންމެ ބަޔާނެކެވެ. އެ ބަޔާނުގައި ވެސް ބުނެފައިވަނީ މަހުމޫދުގެ ފޯނާއި މަހުމޫދުގެ އައިޑީކާޑު ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ކަމަށެވެ. އަދި އެތަކެތި ހުރީ ނެދުންގޭ ތެރޭގައި ވަޅުލައިފައި ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.

މަހުމޫދުގެ މަރާ ގުޅިގެން ސާލިމާ ދޭތެރޭ ޝައްކު އުފެދުނީ މަހުމޫދު ގެއްލުނު ރޭ އެގޭ ކައިރިން އިވުނު އަޑުތަކުންނާއި މީހަކަށް ފެނުނު މަންޒަރަކުންނެވެ. އެ ގޮތުން އެ ރޭ 9:30ހާއިރު އެގޭ ކައިިރިން ހިނގައިފައި ދިޔަ އަންހެނަކަށް މީހަކު ހަޅޭއް ލަވާ ކަހަލަ އަޑެއް އިވުނެވެ. އަދި އޭނާ ބޯދިއްކޮށް ބަލާލިއިރު މީހެއްގެ ދެފައިގައި ހިފައިގެން ގެންދާ ފަދަ މަންޒަރެއް ވަނީ ސިފަވެފައެވެ.

އެކަންކަމާ ގުޅިގެން މީހަކު ސާލިމަށް ގުޅާ ވަނީ ސުވާލު ވެސް ކޮށްފައެވެ. އޭނާ ބުނީ ބުޅަލެއް މަރާލީ ކަމަށެވެ.

މަހުމޫދުގެ މަރާ ގުޅިގެން ދަނގެތީ ރައްޔިތުން ތުހުމަތު ކުރަނީ ތޮއްޑޫއިން އެ ރަށަށް ގޮސް އުޅުނު ދެ މީހަކަށެވެ. ދަނގެތީ ރައްޔިތުން ވަނީ އެ މީހުން ގެންގުޅުނު ސައިކަލު ވެސް ރޯކޮށްލައިފައެވެ. ނަމަވެސް ތަހުގީގުގެ މިހާތަނަށް މި މައްސަލައާ އެމީހުންނާ ގުޅުވޭނެ އެއްވެސް ހެއްކެތް ފެނިފައެއް ނުވެއެވެ.

މަހުމޫދު މަރާލުމުގައި ބައިވެރިވީ ސާލިމް އެކަނިކަން އަދިވެސް ދަނގެތީ ރައްޔިތުން ގަބޫލެއް ނުކުރެއެވެ. އެ ރަށުގެ ރައްޔިތުން ބުނަނީ އެކަމުގައި އެހެން ބައެއްގެ ބައިވެރިވުން ވެސް އޮންނާނެ ކަމަށެވެ. މައްސަލައިގެ ތަހުގީގަށް ހޯދޭ ހޯދުންތަކުގެ ސަބަބުން އެ ރަށު ރައްޔިތުން ތިބީ ބޮޑު ހައިރާންކަމެއްގެ ތެރޭގައެވެ.

comment ކޮމެންޓް